ވިޔަފާރި

އެމްއެންއޭސީއައި އިން ފިނޭންސް މިނިސްޓަރު އަމީރުއާ ބައްދަލުކޮށްފި

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ބައްދަލުކޮށްފި އެވެ.

ރާއްޖޭގެ އިމާރާތް ކުރާ ދާއިރާގެ ގިނަ ޖަމިއްޔާތަކެއް ހިމެނޭ، ކުރީގެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) މިހާރުގެ އެމްއެންއޭސީއައި އިން ފިނޭންސް މިނިސްޓަރު އަމީރުއާ ބައްދަލުކޮށް މިއަދު މަޝްވަރާކޮށްފައިވަނީ މި ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައި ގަންނަން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުންނެވެ.

މި މަޝްވަރާތަކުގައި މައިގަނޑު 17 ކަމެއްގެ މައްޗަށް ވާހަކަ ދެކެވުނު ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ. އެމްއެންއޭސީއައި އިން ބުނި ގޮތުގައި މަޝްވަރާތަކުގައި މިނިސްޓަރު އަމީރު ހުންނެވީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ. ކުންފުނި ތަކަށް ފައިސާ ދިނުން އަވަސް ކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ސަރުކާރު ކުންފުނިތަކަށް މަޝްރޫއުތައް ދޭ ގޮތަށް ފަހުން ފައިސާ ދައްކާ މޮޑެލް އާއި ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން އަމިއްލަ ކުންފުނި ތަކަށް މަޝްރޫއުތަކެއް ހުޅުވާލަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ވެސް މިނިސްޓަރު އަމީރު ވާހަކަ ދެއްކި އެވެ. އަދި ފަންޑިން އެޖެންސީ ތަކުން ލިބޭ ފަންޑާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ގެންދާކަމަށް ވިދާޅުވި އެވެ.

އަވަސް އަށް ވާހަކަ ދެއްކެވި، އެމްއެންއޭސީއައިގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އިމާރާތް ކުރުމުގެ ސިނާއަތަށް ހާއްސަކޮށް "ރިލީފް ޕެކޭޖެއް" މިމަހުގެ ތެރޭގައި ނެރުއްވަން މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ އިތުރުން މުދަލުގެ އަގަށް އަންނަ ބަދަލުގެ މައްސަލަ ހައްލު ކުރާނެ ފޯމިއުލާއެއް ހޯއްދަވަން މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވި،" އެ ޖަމިއްޔާގެ އޮފިޝަލް ވިދާޅުވި އެވެ.

އިމާރާތް ކުރުމުގެ ސިނާއަތް ތަމްސީލް ކުރާ ޖަމިއްޔާ ކަމަށްވާ އެމްއޭއެންއޭސީއައިން ބުނެފައިވާ ގޮތުގައި އިމާރާތް ކުރުމުގެ ދާއިރާގައި 5،000 އާއި 7،000 ދިވެހިން މަސައްކަތް ކުރާއިރު، މި ދާއިރާގައި 40،000 އާއި 50،000 ދެމެދުގެ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން މަސައްކަތް ކުރެ އެވެ. މި ހާލަތުގެ ތެރެއިން ތިން މަސް ތެރޭ މި ދާއިރާއަށް ލިބުނު ގެއްލުން 617 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.