އެމްޓީސީސީ

"އެއްވެސް ކަމެއް ކޮވިޑާ ހަވާލުކުރަން ބޭނުމެއްނޫން"

ކަމެއް ނުވުމުން އެކަމެއް "ކޮވިޑް-19" އާ ހަވާލު ކުރުން މިހާރު އާންމު ވެއްޖެ އެވެ. ވަކީން ބޮޑަށް މި ކަމަކީ ސަރުކާރުގެ ބައެއް ދިމަ ދިމާލުގެ ހިދުމަތުގައި އެންމެ އާންމު ސިފައަށް ވެފައި ވެއެވެ. އެކަމަކު ސަރުކާރުގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ އެމްޓީސީސީން ގެންގުޅެނީ މުޅިން އެހެން ވިސްނުމެކެވެ. އެ ކުންފުނީގެ މެނޭޖުމަންޓުން އެއްވެސް ކަމެއް ކޮވިޑާ ހަވާލު ކުރާކަށް ބޭނުމެއް ނުވެއެވެ. އެހެންވެ، އެ ކުންފުނިން ވަނީ ކޮވިޑް-19 އިން އިބުރަތް ހޯދައި ކުންފުންޏަށް ބަދަލު ތަކެއް ގެނެސްފަ އެވެ.

"މި [ކޮވިޑް-19] ގެ ހާލަތުގެ ސަބަބުން އަޅުގަނޑުމެންނަށް [އެމްޓީސީސީ] އަށް ވެސް ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވި. އެކަމަކު އެމްޓީސީސީއަކީ ދެ ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ހުރި ކުންފުންޏެއް. އެހެންވެ މި އިންވެސްޓްމަންޓްތައް ބޭނުން ކޮށްގެން އަޅުގަނޑުމެން މަސައްކަތް ކުރީ. މި ދަތިތައް ދިމާވިއަސް މިފަދަ ހާލަތެއްގައި މަސައްކަތް ކުރެވޭނެ ގިނަ ގޮތް ތަކެއް އެނގިގެން ހިނގައްޖެ،" ޕީއެސްއެމް "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ރޭ ވިދާޅުވި އެވެ.

ދެވަނަ ކްއާޓަރާ ހަމައަށް 40 މަޝްރޫއެއް ހިންގަމުން ދިޔަ އެމްޓީސީސީ އިން ކޮވިޑް-19 އިން ހޯދި އިބުރަތުން ނެރުނު ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ އާޒިމް ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ބައްޔާއެކު ދިރިއުޅެން އެގެން ޖެހޭ ގޮތަށް، އެއިން ނުކުންނަން ވެސް އެނގެން ޖެހެ އެވެ.

"ކޮވިޑް-19 އިގެ ސަބަބުން އަޅުގަނޑުމެންގެ މެޝިނަރީޒްތައް އިތުރަށް ބޭނުން ކުރެވޭނެ ނިޒާމެއް ހަމަޖެއްސުމާއި. އިން-އެފިޝެންޓް އެތައް ކަމެއް ފާހަގަ ކުރެވުނު. އެކަންކަން ހަރުދަނާ ކުރެވިގެން ދިޔަ. ގާތްގަނޑަކަށް މާޗް މަހުން ފެށިގެން ކޮވިޑް-19 އާއެކު މި އުޅެނީ. އެހެންވެ މިއާއެކު އުޅެން ވެސް ދަސްކުރަން ޖެހޭ. އަދި މީގެން ނުކުންނަން ވެސް ޖެހޭ،" އާޒިމް ވިދާޅުވި އެވެ. "ކޮވިޑް-19 އޭ ކިޔާފަ އަޅުގަނޑުމެންނަށް ހުއްޓީ ތިބެވޭކަށް ނެތް. އަޅުގަނޑުމެން ދެކޭ ބޮޑު މުސްތަގުބަލެއް އެބައޮތް،"

ކޮވިޑްގެ ހާލަތުގައި ވެސް އެމްޓީސީސީން އަައްޑޫ ސިޓީގައި އެކަނި ނުވަ މަޝްރޫއެއް ކުރިއަށް އެބަ ގެންދެ އެވެ. މީގެ ތެރެއިން ގިނަ މަސައްކަތްތައް މި އަހަރު ނިމޭނެ އެވެ. އަދި ނުނިމި ހުރި މަޝްރޫއުތަކުގެ ބޮޑުބައި ވެސް މި އަހަރު ނިންމާނެ އެވެ.

ބޭނުންނަމަ 1،000 ގޮތް ފެންނާނެ

ކޮވިޑް-19 އާ ގުޅިގެން އެމްޓީސީސީގެ މަސައްކަތް ހުއްޓުނަ ނުދޭން ފިޔަވަޅު އެޅި އެވެ. ކުންފުނިން ވިސްނުންތަކެއް ގެންގުޅުނެވެ. އާޒިމް ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުގެ ފަލްސަފާއަކީ ކަމެއް ކުރަން ބޭނުންވާ ބަޔަކަށް 1،000 ގޮތް އޮންނާނެކަން ވިސްނުމެވެ. އަދި ކުރެވޭނެ ގޮތެއް ހޯދައިގެން އެގޮތަކަށް މަސައްކަތް ކުރުމެވެ.

"ކަމެއް ކުރަން ބޭނުންވާނަމަ 1،000 ގޮތް އޮންނާނެ. ބޭނުން ނުވާ ބަޔަކަށް ވެސް ފެންނާނެ 1،000 އުޒުރު. އެހެންވެ، އަޅުގަނޑުމެން ބެލީ ކަންތަތައް ކުރެވޭނެ ގޮތެއް ވިސްނައިގެން އެކަންތައް ކުރުން. ކަންތައްތައް ނިންމާނެ ގޮތެއް ވިސްނައިގެން ނިންމުން. ކަންތައްތައް ނިންމާނެ ގޮތެއް ވިސްނައިގެން ކަންތައްތައް ނިންމުމުގެ ވިސްނުމެއް. އެއްވެސް ކަމެއް ބަހައްޓާފަ، ކުރިއަށް ދިއުމުގެ ވިސްނުމަކީ މިއަދުގެ ވިސްނުމެއް ނޫން،" އާޒިމް ވިދާޅުވި އެވެ. "އަޅުގަނޑުމެން ބެލީ ގިނަ މެޝިނަރީޒްތައް ބޭނުން ކޮށްގެން ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުމުގެ ޕްލޭނެއް އެކުލަވާލީ. ހަމައެއާއެކު މުދާ އެތެރެ ކުރުމުގެ ދަތިތައް ހައްލު ކުރަން ކުރެވޭނީ ކޮން ކަންތައް ތަކެއް ތޯ؟ އެގޮތުން ބަލާފަ ދަތިތައް ދިމާވާ ތަންތަނަށް ވީހާ ވެސް ގިނަ މެޝިރަރީޒް އަރުވައިގެން މަސައްކަތް ކުރަމުން ދިޔައީ. މުދާ ނެތިގެން މަސައްކަތް ނުކުރެވޭ ތަންތަން ވެސް އެހެން ދިމާލަށް ދިއުން. އެކަމަކު މިހާރު މުދާ ލިބެން ފެށުން އެ ދިމާދިލާލަށް ރިސޯސް ވާނީ ގެންގޮސްފައި."

އާޒިމް ވިދާޅުވި ގޮތުގައި ކުރިން ރައްޔިތުންގެ ޝަކުވާއަކީ އެމްޓީސީސީއިން މަސައްކަތްތަކަށް ދާއިރު، ތައްޔާރު ނުވުމާއި މަސައްކަތުގެ ސްޕީޑު ނެތުމެވެ. ނަމަވެސް މިހާރު އެކަން ހައްލު ކުރެވި އިތުބާރު ހޯދިއްޖެ އެވެ. އެކަމަކު އެ އިތުބާރު ދެމެހެއްޓުމަކީ ހޯދަން ކުރި މަސައްކަތަށް ވުރެ ދަތިކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ނެތް އެންމެ ލޮލު ފިޔައެއްވެސް ޖަހާލެވޭކަށް. އިތުބާރު ދެމެހެއްޓުމަށްޓަކައި ތިން ގުނަ އިތުރަށް މަސައްކަތް ކުރަން ޖެހޭ. އެމްޓީސީސީ އިން ކޮވިޑްގެ ތެރޭގައި މަސައްކަތް ކުރިއަށް ގެންދެވިއްޖެ. މިއީ އެމްޓީސީސީ ހުރިހާ މުވައްޒަފުންގެ ބުރަ މަސައްކަތް. އަޅުގަނޑަށް ދެއްކޭނީ ޑައިރެކްޝަނެއް. އަޅުގަނޑަށް ދެއްކޭނީ މަގެއް." އޭނާ ވިދާޅުވި އެވެ.