ހަބަރު

ސުވާލު އުފެއްދުމުން އައިސީއޭއެމްއިން ޔައުގޫބު އިސްތިއުފާދީފި

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް އައްޔަން ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާގެ މެންބަރު ކަމާމެދު ގާނޫނީ ވަކީލުން ސުވާލު އުފައްދާފައި ވަނިކޮށެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލަށް މެންބަރުން ވަނީ އައްޔަން ކޮށްފަ އެވެ. އޮޑިޓަރު ޖެނެރަލް ހަސަން ޒިއަތު ވަނީ އެ ކައުންސިލަށް މެންބަރު ޔައުގޫބު ވެސް އައްޔަން ކުރައްވާފަ އެވެ. އަދި އޭނާ ވަނީ އެ މަގާމާއި ހަވާލުވެވަޑައިގެންފަ އެވެ.

އެއާއެކު ޔައުގޫބު މަޖިލީސް މެންބަރުކަމުން ވަކިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ގާނޫނީ ބައެއް ބޭފުޅުން ވަނީ ސުވާލު އުފައްދަވާފަ އެވެ. ބައެއް ވަކީލުން ވިދާޅުވީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލަށް މެމްބަރު ކަން ގަބޫލު ކުރެއްވުމާއެކު ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހެއް އަދި 8 ގައި ބުނާ ސަރުތު ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރުގެ ކިބައިން ގެއްލި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ވާ ގޮތުން އެ މެންބަރު މެންބަރުކަމުން ވަކި ވާނެ ކަމަށެވެ.

ގާނޫނު އަސާސީގައި ބުނާގޮތުން މަޖިލީހުގެ މެންބަރަކު މަގާމުގައި ހުރެ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް އަދައެއް ނުކުރެވޭނެ އެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މިނިވަން މުސްތަގިއްލު ޝަހުޝެއް ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.

ޔައުގޫބު ވިދާޅުވީ އޭނާ އެ މަގާމާއި ހަވާލުވެވަޑައިގެންނެވީ ގާނޫނީ ލަފާ ހޯއްދެވުމަށްފަހު ކަމަށާ ނަމަވެސް ގާނޫނީ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުމުން މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަަށެވެ.

އޮޑިޓް އޮފީހުން ބުނީ ޔައުގޫބު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ރިފާތު އަބްދުﷲ އައްޔަން ކޮށްފައިވާ ކަމަށެވެ.