ހަބަރު

އިންތިގާލީ އިންސާފުގެ ބިލަށް ހިޔާލުދޭ މުއްދަތު އިތުރުކޮށްފި

Sep 16, 2020
1

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރައްޔިތުންނަށް ލިބުނު އެކި ގެއްލުންތުކަށާއި، ނާއިންސާފުން ހިންގާފައިވާ ކަންކަމަށް އިންސާފު ހޯދަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ބިލަށް އާއްމުންގެ ފަރާތުން ހިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އެ ބިލުގެ ބޭނުމެއްގެ ގޮތުގައި ވަނީ، ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބެލުމެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި ގާނޫނީ އޮނިގަނޑެއް އެކުވާލުން ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން، މިއަދު ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނެއްގައި ބުނީ މި ބިލަށް އާއްމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު، މި ބިލާ
ގުޅޭގޮތުން ބާއްވާ ޕަބްލިކް ފޯރަމް ބޭއްވުމަށް ނިންމަވާ ތާރީހުގެ ނިޔަލަށް އިތުރުކުރުމަށް އެ ބިލު ދިރާސާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އެ ބިލަށް ހުށަހަޅާނެ އެއްވެސް ހިޔާލެއްވާ ނަމަ، އެ ކަމެއް އީމެއިލް މެދުވެރިކޮށް ނުވަތަ ލިޔުމުން މަޖިލީހުގެ އިދާރާއަށް ފޮނުވުމަށް ވަނީ އެދިފަ އެވެ.

މަޖިލިސް އެއް މަސް ދުވަހަށް ޗުއްޓީއަށް ގޮސްފައިވީ ނަމަވެސް، އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާއި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީން ވަނީ އިއްޔެ ފަށައިފަ އެވެ.

އިއްޔެގެ ބައްދަލުވުމުގައި ބިލްގެ މަގްސަދުތަކަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރުމުގެ އިތުރުން، އެ ބިލް ދިރާސާކޮށް ނިންމާނެ ތާރީހާއި އިތުރަށް ބައްދަލު ކުރާނެ ބޭފުޅުުންނާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.

ނަމަވެސް، އެ ބައްދަލުވުމުގެ ވަކި ހިސާބަކުން ކޯރަމް ގެއްލުމުން ކޮމިޓީ ބައްދަލުވުން ވަނީ މެދުކަނޑާލައިފަ އެވެ.

ބިލުގައި ކަނޑައަޅާފައިވާ މުއްދަތަކީ އެމްޑީޕީގެ ފުރަތަމަ ސަަރުކާރު ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަށް ފަހު އަލުން އެ ޕާޓީއަށް ވެރިކަން ލިބި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ހިނގައި ދިޔަ މުއްދަތެވެ.

އިންތިގާލީ އިންސާފުގެ އެ ބިލުގައި އެ މުއްދަތުގެ ތެރޭގައި ބޭއިންސާފުން އެ ގޮތަށް ހިނގާފައިވާ މައްސަލަތައް ބެލުމުގެ ގޮތުން އޮމްބުޑްސްމަންގެ އޮފީހެއް ގާއިމު ކުރަން ބަޔާން ކޮށްފައިވެ އެވެ. އެފަދަ މައްސަލަތައް ދެނެގަނެ އެ ކަމުގައި ޒިންމާވާ މުއައްސަސާތަކާއި އެ ކަން ކުރި ފަރާތްތަކުގެ މައްސަލަ ބަލައި ހަގީގަތާ ހަމައަށް ވާސިލުވުމަކީ އެ އޮފީހުގެ ޒިންމާއެކެވެ. އެ ގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަވާބުދާރީ ކުރަވަން ވެސް ޖެހޭނެ ކަމަށެވެ.

އޮމްބުޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށް ފަހު ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލަށް އަދި މަދަނީ ދައުވާ އުފުލުމަށްޓަކައި އެޓާނީ ޖެނެރަލްއަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.