އެމްޑީޕީ

ފިޔަވަޅު އަޅާ ކޮމެޓީން ޝުއައިބު އެއްފަރާތްކޮށްފި

Sep 17, 2020
3

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީއަށް ހުށަހަޅައި ބަލަމުންދާ މައްސަލައަކާ ގުޅިގެން، ކޮމެޓީގެ ނައިބު މުގައްރިރު ކަމުންނާއި ކޮމެޓީގެ މެމްބަރުކަމުން ޝުއައިބު އަލީ އެ ކޮމެޓީން އެއްފަރާތް ކޮށްފި އެވެ.

ޝުއައިބު މިއަދު ވިދާޅުވީ ކޮމެޓީން އޭނާ ސަސްޕެންޑްކޮށްފައި ވަނީ އެމްޑީޕީގެ ވެރިންގެ ކާޓޫނު ކުރަހައިގެން ކަމަށެވެ. އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ކާޓޫނުތަކެއް ކުރަހައި ޓްވިޓާގައި ޝެއާ ކުރައްވާފަ އެވެ.

ފިޔަވަޅު އަޅާ ކޮމެޓީން ޝުއައިބު ސަސްޕެންޑް ކުރި އިރު އޭނާ ވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއެއް ފޮނުވާފަ އެވެ. އަދި އެ ސިޓީގެ ޖަވާބުގައި ހަސަން ލަތީފު ޝުއައިބަށް ފޮނުވި ސިޓީއަށް ހިތްހަމަ ނުޖެހިގެން ހަސަން ލަތީފް މަގާމުން ދުރު ކޮށްދިނުމަށް އެދި ޝުއައިބު ވަނީ ރައީސް ސޯލިހަށް ސިޓީއެއް ފޮނުވާފަ އެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ދެން ތިއްބަވާނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ އާއި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ރައީސް އޮފީހުގެ މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އެވެ.