ސިވިލްސާވިސް ކޮމިޝަން

ޕްރިންސިޕަލުންގެ އުސޫލަށް އަމަލުކުރުން މަޑުޖައްސާލައިފި

ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސުކޫލު ކަނޑައެޅުމުގެ އުސޫލަށް އަމަލު ކުރުން މަޑުޖައްސާލާފައިވާ ކަމަށް ސިވިލްސާވިސް ކޮމިޝަނުން ބުނެފި އެވެ.

ސުކޫލު ކަނޑައެޅުމުގެ އުސޫލަކީ ސަރުކާރުގެ ސުކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސުކޫލުތަކަށް އެންމެ އެކަށީގެން ގާބިލް ޕްރިންސިޕަލުން އައްޔަން ކުރުމުގެ ބޭނުމުގައި އެކުލަވާލި އެ އުސޫލަށް އަމަލު ކުރުން މަޑުޖައްސާލީ އެޑިއުކޭޝަން މިނިސްޓްރީން އެދިގެެން ކަމަށް ސިވިލްސާވިސް ކޮމިޝަނުން ބުނެފައިވެއެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުންނާއި ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކާއެކު މަޝްވަރާކޮށް އުސޫލު އިތުރަށް ހަރުދަނާކުރަން އެ މިނިސްޓްރީން ބޭނުންވާތީ އެ މަސައްކަތް ނިމި އައު އުސޫލު އާންމުކުރެވެންދެން ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސުކޫލު ކަނޑައެޅުމުގެ އުސޫލަށް އަމަލު ކުރުން މަޑުޖައްސާލާފައިވާ ކަމަށެވެ.

އެ އުސޫލުގައިވާ ގޮތުގެ މަތިން ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސުކޫލު ކަނޑައަޅާނީ ފަސް މެންބަރުންގެ ކޮމެޓީއަކުންނެވެ. އަދި އެއް ސުކޫލެއްގައި ޕްރިންސިޕަލްގެ މަގާމުގައި އެކަކަށް އެންމެ ގިނަވެގެން ހުރެވޭނީ އަށް އަހަރުގެ މުއްދަތަކަށެވެ. ސަރުކާރު ސުކޫލެއްގައި ޕްރިންސިޕަލުންގެ ޓެނުއާޝިޕް މުއްދަތަކީ ހަތަރު އަަހަރެވެ.

މި އުސޫލާމެދު ވަރަށް ގިނަ ޕްރިންސިޕަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިއީ ވަޒީފާއާބެހޭ ގާނޫނާ ހިލާފު އުސޫލެއް ކަމަަށް ބުނެ ޕްރިންސިޕަލުންގެ ރުޅި ވަނީ އެޑިއުކޭޝަނަށް އަމާޒުކޮށްފަ އެވެ.

ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލަށް ގެނައި ބަދަލަކީ ގާނޫނީ އަސާސީ އާއި ވަޒީފާއާބެހޭ ގާނޫނާ ހިލާފު އުސޫލެއްކަމަށް ބުނެ، އެކަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ބަލައި ދިނުމަށް މަޑުއްވަރީ ދާއިރާގެ މެެންބަރު އާދަމް ޝަރީފު އުމަރު ވަނީ އެދިވަޑައިގެންފަ އެވެ.