މަސީ

ދެމަސް: ރާއްޖެ އައީ 20490 މީހުން

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، މިދިއަ މަހުގެ 15 ވަނަ ދުވަހު ރާއްޖެ އަލުން ހުޅުވާލި ފަހުން މިހާތަނަށް 20،000 ވުރެ ގިނަ މީހުން ރާއްޖެ އައިސްފައިވާ ކަމަށް ދިވެހިންގެ މައި އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްއިން މިއަދު ވަނީ މިދިޔަ ދެ މަހުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 15 ގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 7،607 މީހުންނެވެ. އޮގަސްޓް 16 އިން ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައީ 12،883 މީހުންނެވެ. އެހެން ކަަމުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ އައި މީހުންގެ އަދަދު ވަނީ 69.36 އިންސައްތަ މައްޗަށް ގޮސްފައެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 15 ގެ ނިޔަލަށް ރާއްޖެއިން ފުރާފައިވަނީ 9،241 މީހުންނެވެ. އޮގަސްޓް 16 އިން ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައީ 14،984 މީހުންނެވެ.

އެތެރޭގެ އުދުހުންތައް

އެމްއޭސީއެލްއިން ވަނީ މިދިޔަ ދެ މަސް ދުވަހު އެތެރޭގެ އުދުހުންތަކުގެ ތަފާސް ހިސާބުތައްވެސް އާންމުކޮށްފައެވެ. އެގޮތުން ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 15 ގެ ނިޔަލަށް އަތޮޅުތަކުން ވީއައިއޭއަށް ދަތުރުކޮށްފައިވަނީ 3،576 މީހުންނެވެ. އޮގަސްޓް 16 އިން ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އަތޮޅުތަކުން ވީއައިއޭއަށް ދަތުރުކޮށްފައިވަނީ 3،469 މީހުންނެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 15 ގެ ނިޔަލަށް ވީއައިއޭއިން އަތޮޅުތަކަށް ދަތުރުކޮށްފައިވަނީ 4،323 މީހުންނެވެ. އޮގަސްޓް 16 އިން ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވީއައިއޭއިން އަތޮޅުތަކަށް ދަތުރުކޮށްފައިވަނީ 3،471 މީހުންނެވެ.