އިމްރާން އަބްދުﷲ

"ޖަލުތަކަށް ހެޔޮ ބަދަލު އަންނަތަން ފެންނާނެ"

"ދި ނެލްސަން މަންޑޭލާ ރޫލްސް" އަށް އަމަލުކުރަން ފެށި އެއާ އެއްގޮތަށް އަމަލުކުރަން ފެށުމުން ޖަލުތަކަށް ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޖަލުތަކުގައި ހުންނަންވާ އެންމެ ދަށް މިންގަނޑުގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވާ "މަންޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުޖަމާކޮށް، ހޯމް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. ސަތޭކަ ބާވީސް ގާއިދާގެ މައްޗަށް އެކުލެވޭ "ދި ނެލްސަން މަންޑޭލާ ރޫލްސް" ގެ ދިވެހި ތަރުޖަމާގައި އަސާސީ މަބްދައުތަކާއި، ގައިދީންގެ ފައިލްތައް ބަލަހައްޓާނެ ގޮތާއި، ގައިދީން ގިންތި ކުރާނެ ގޮތްތަކާއި، ގޮޅިތަކުގައި ބައިތިއްބަން ޖެހޭނެ ގޮތްވެސް ބަޔާން ކޮށްފައިވެ އެވެ.

އަދި ގޮޅިތައް ހުންނަން ޖެހޭނެ ގޮތާއި، ސާފުތާހިރުކަން ދެމެހެއްޓުމަށް ފޯރުކޮށް ދޭން ޖެހޭ ހިދުމަތްތަކުގެ ވާހަކަ ވެސް ސާފުކޮށް ބަޔާން ކޮށްފައިވާއިރު، އަންނައުނު ފޯރު ކޮށްދިނުމާއި، ކެއިންބުން ފަދަ އަސާސީ ކަންކަން ފަހިވެފައި އޮންނަންވާނެ ގޮތް ވެސް ބަޔާން ކޮށްފައިވެ އެވެ.

އޭގެ އިތުރުން، ކަސްރަތާއި، ކުޅިވަރު ކުޅުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނަން ވާނެ ގޮތާއި، ސިއްހީ ހިދުމަތްތައް ލިބި ދެވޭނެ ހަމަތައް ވެސް ބަޔާން ކޮށްފައިވެ އެވެ. ގޮޅިތައް ބަލާ ފާސް ކުރުމާއި، ގައިދީންނާ މުއާމަލާތް ކުރުމުގެ ހަމަތައް ވެސް މަންޑޭލާ ރޫލްސްގައި ބަޔާންކޮށްފާވާއިރު، ޖަލު މުވައްޒަފުން އަމަލުތައް ބަހައްޓަންޖެހޭ ގޮތްތައް ވެސް ވަނީ ހިމަނައިފަ އެވެ.

ރާއްޖޭގެ ޖަލުތަކުގައި ވެސް އަމަލުކުރާ އެންމެ ދަށް މިންގަނޑަކީ މަންޑޭލާ ރޫލްސް ކަމުގައި ހެދުމަށް މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ.

"ދި ނެލްސަން މަންޑޭލާ ރޫލްސް" ގެ ދިވެހި ތަރުޖަމާ، ކަރެކްޝަންއާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލުތައް ރިފޯމް ކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށާ ނަމަވެސް އެ ވައުދު ފުއްދުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދިވެސް އެބަހުރި ކަމަަށެވެ. އިމްރާން ވިދާޅުވީ "ދި ނެލްސަން މަންޑޭލާ ރޫލްސް" އަށް އަަމަލު ކުރަން ފެށުމުން ގައިދީންނާއި ދެތެރޭ މުއާމަލާތް ކުރާ ގޮތާއި ޖުމްލަކޮށް ޖަލުތަކަށް ހެޔޮ ބަދަލުތައް އަންނަ މަންޒަރު ފެންނާނެ ކަމަށެވެ.