ދުނިޔެ

280 މީހުނާއެކު ފިންލޭންޑްގެ ފަސިންޖަރުލައިނާއެއް ފަރަށް

ފިންލޭންޑުގެ ފަސިންޖަރުލައިނާއެއް ބޯލްޓިކް ކަނޑުގެ އާލޭން ކިޔާ ރަށުގެ ކައިރީ ގައިވާ ފަރަކަށް އަރައިފި އެވެ. އިމަޖެންސީ ހިދުމަތްދޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ފަސިންޖަރު ލައިނާ ފަރަށް އެރި އިރު އޭގައި ގާތްގަނޑަކަށް 300 އާ ގާތް ކުރާ އަދަދަކަށް މީހުން ތިއްބެވެ. އެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަނީ ދަނީ ކުރަމުންނެވެ.

ފަރަށް އުރުނު އިރު ފަސިންޖަރު ލައިނާ ދަތުރު ކުރަމުން ދިޔައީ ފިންލޭންޑްގެ ޓޫކޫ އިން ސްޓޮކްހޯމަށެވެ. މި ފަސިންޖަރުލައިނާ ފަރަށް އެރީ ރޭ ޖީއެމްޓީ ގަޑިން 9:50 ގައެވެ.

އޭއެފްޕީ ނިއުސް އޭޖެންސީ އަށް މައުލޫމާތު ދެމުން ފަސިންޖަރު ލައިނާގެ އޭޖެންޓް ބުނީ ފަރަށް އެރި ނަމަވެސް އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކަލެއް ވެފައި ނުވާ ކަމަށާއި އަދި އެއްވެސް މީހަކަށް އަނިއާއެއް ވެސް ވެފައި ނުވާ ކަމަށެވެ.

ސްޓޮކް ހޯމް އާއި ޓޫކޫ އާއި ދެމެދު ދަތުރުކުރާ "އެމޮރެއްލާ" ނަމަކަށް ކިޔާ މި ފަސިންޖަރު ލައިނާއަކީ 555 ފޫޓުގެ ދިގު އުޅަނދެކެވެ. މި ލައިނާގައި އާންމު ގޮތެއްގައި 1800 އާއި 2000 އާއި ދެމެދުގެ އަދަދަކަށް ފަސިންޖަރުން ދަތުރު ކުރެއެވެ އެކަމު ކޮވިޑް-19 އިގެ ބަލާއާފާތާއި ހެދި މި ބޯޓުން ދަތުރުކުރާ ޕެސެންޖަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުކޮށްފަ އެެެވެ. މި ފަސިންޖަރުލައިނާ ފަރުމަޗަށް އަރައި ބީހުނު އިރު ބޯޓުން ދަތުރު ކުރަމުން ދިޔައީ 200 ޕެސެންޖަރުންނާއި 80 ފަޅުވެރިންނެވެ.

ފިންލޭންޑުގެ މީޑިއާއިން ބުނި ގޮތުގައި އުޅަނދު ފަރަށް އެރުމާއެކު ފަސިންޖަރުން ލައިފް ޖެކެޓް އަޅައިގެން ބޯޓުގެ ޑެކް މައްޗަށް ނުކުމެފައި ވެއެވެ. އަދި ސްވިޑްންގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައު މި ފަސިންޖަރުލައިނާ ވަނީ 2013 ވަނަ އަހަރު ވެސް މި ސަރަހައްދުގެ ފަރަކަށް އަރާފަ އެވެ. ދައުރުވަމުންދާ ފޮޓޯތަަކުން ދައްކާ ގޮތުގައި ބޯޓު ފަރަށް އަރާފައިވަނީ އާލަން ކިޔާ ރަށުގެ ކައިރީގައި އޮތް ވަރަށް ގިނައިން ގަސް ހެދިފައިވާ ކުޑަ ރަށެއްގެ ކައިރި އަށެވެ.

ފިންލޭންޑުގެ ކޯސްޓް ގާޑުން ބުނީ އެމެރޮއްލާ އޮތީ އެ ދިމާ މޫދުގެ ބެލިގަނޑުގައި ޖެހިފައި ކަމަށެވެ. އެ އުޅަނދުގައި ތިބި 300 އެއްހާ މީހުނަށް އެއްވެސް ނުރައްކަލެއް މިވަގުތު ނެތެވެ. ނަމަވެސް ކެޕްޓަން ނިންމާފައި ވަނީ ހުރިހާ އެންމެން ފަސިންޖާލައިނުން ބާލާށެވެ.