ހަބަރު

އެމްއެންޔޫއަށް ސިސްކޯ ޓްރެއިނިން ސެންްޓަރުގެ ދަރަޖަ

ރާއްޖޭގެ ގައުމީ ޔުނިވަސިޓީ އަށް "ސިސްކޯ އިންސްޓްރަކްޓަ ޓުރެއިނިން ސެންޓާ" ގެ ދަރަޖަ ލިބިއްޖެ އެވެ.

ސިސްކޯ އެކަޑަމީ އިންސްޓްރަކްޓަ ޓުރޭނިންގް ސެންޓަރަކީ ސިސްކޯ ސެޓިފައިޑް ކޯސްތައް ހިންގުމަށް ބޭނުންވާ ހުނަރުވެރި މުދައްރިސުން ތަމްރީންކުރާ މަރުކަޒެކެވެ.

ގައުމީ ޔުނިވާސިޓީން މިއަދު ބުނީ އެ މަރުކަޒުން މި ސަރަހައްދަށް ބޭނުންވާ ސިސްކޯ އިންސްޓުރަކްޓަރުން ތަމްރީނު ކުރާނެ ކަމަށާއި މިއީ އެ ޔުނިވާސިޓީ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ހުޅުވާލަން ލިބުނު އިތުރު ފުރުސަތެއް ކަމަށެވެ.

ސިސްކޯ ސެޓިފިކޭޝަން ދީފައިވަނީ އެމްއެންޔޫގެ، ފެކަލްޓީ އޮފް އިންޖިނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީ އަށެވެ.

ސިސްކޯ ނެޓްވޯކިން އެކަޑަމީއަކީ ކޮންޕިއުޓަ ވިއުގަ ތަކަށް ބޭނުންވާ މަސައްކަތްތެރިން ތަމްރީނު ކުރާ މަރުކަޒު ތަކެކެވެ. ސިސްކޯ ތަމްރީނު ތަކަކީ ކޮމްޕިއުޓަ ވިއުގައަކުން ގުޅާލެވި ކޮންމެ އޮފީހަކަށްވެސް ވަރަށް މުހިއްމު ތަމްރީންތަކެއް ކަމަށް އެމްއެންޔޫ އިން ބުނެ އެވެ. ގައުމީ ޔުނިވާސިޓީން ބުނި ގޮތުގައި އެ ޔުނިވާސިޓީގެ އިންޖިނިއަރިން ޓެކްނޮލޮޖީ ފެކަލްޓީ ގައި ކޮންޕިއުޓަ ސައިންސާއި އިންފޮމޭޝަން ޓެކްނޮލޮޖީ ކިޔަވާ ހުރިހާ ދަރިވަރުން ދަސްވެނިވާނީ އެމް.އެން.ޔޫ އިން ދޭ ސަނަދުގެ އިތުރުން ސިސްކޯ ސެޓިފިކޭޝަން އަކާ އެކުގަ އެވެ.

އިންފޮމޭޝަން ޓެކްްނޮލޮޖީ، އައިޓީ ދާއިރާ އަކީ ރާއްޖޭގައި އެންމެ ގިނައިން މަތީ ތައުލީމު ހާސިލް ކުރާ އެއް ދާއިރާ ކަމަށް ހަޔާ އެޑިއުކޭޝަނުން މި އަހަރު ނެރުނު ތަފާސް ހިސާބުތަކުން ދައްކަ އެވެ.