މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޕޮޒިޓިވްވެފައިވާ ދަރިވަރުންނަށް ވެސް އިމްތިހާނު ހެދޭނެ

ކުރިއަށް އޮތް އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދަރިވަރުންނާއި ކަރަންޓީންގައި ތިބި ދަރިވަރުންނަށްވެސް އިމްތިހާނު ހެދުމުގެ ފުރުސަތު ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މި އަހަރުގެ މޭ އަދި ޖޫން ގައި ބާއްވަން ހަމަޖައްސާފައިވާ އެޑެކްސެލް އޭލެވެލް އިމްތިހާނު، އޮކްޓޯބަރާއި ނޮވެމްބަރުގައިި ބާއްވަން ވަނީ ނިންމާފަަ އެވެ. ކޮވިޑް އާ ގުޅިގެން އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށްރަަށުގައި ތިބި ދަރިވަރުން މި އަހަރު އޮކްޓޯބަރު ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިއޭއެލް އެޑެކްސެލް އޭލެވެލް އިމްތިހާނު ހެދުމަށް އެ ކެނޑިޓޭޓަކު އިމްތިހާނު ހަދާ ސެންްޓަރު ހުރި ރަށަށް ދިއުމަށް އެޑިއުކޭޝަނުން ވަނީ އެދިފައެވެ. އެގޮތުން އަންނަ އާދިއްތަ 27 ސެޕްޓެމްބަރުގެ ކުރިން އިމްތިހާނު ހަދާ ސެންޓަރަށް ދިއުމަށް ވަނީ ދަރިވަރުންގެ ކިބައިން އެދިފައިވެއެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ މިއަހަރުގެ އިމްތިހާނު 37 ސެންޓަރެއްގައި ކުރިއަށްދާނެ ކަމަށެވެ. އެއީ މާލެ ސަރަހައްދުގައި 4 ސެންޓަރެއްގައި އަދި އަތޮޅުތެރޭގައި 33 ސެންޓަރެއްގައެވެ.

އިހުސާން ވިދާޅުވީ ކުރީ އަހަރުތަކާއި ހިލާފަށް މިއަހަރު އެކި ސެންޓަރުތަކުގައި ތިން ހޯލެއް ހަމަޖައްސާފައިވާ ކަމަށެވެ. އެއީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދަރިވަރުން އިމްތިހާނު ހެދުމަށް ހާއްސަ ހޯލަކާއި ކަރަންޓީންގައި ތިބޭ ދަރިވަރުން އިމްތިހާނު ހެދުމަށް ހާއްސަ ހޯލެއްގެ އިތުރުން އެހެނިހެން ދަރިވަރުން އިމްތިހާނު ހެދުމަށް ތިބޭ ހޯލެވެ.

"ކޮވިޑަށް ޕޮޒިޓިވްވާ ހުރިހާ ދަރިވަރުންނަށް އަޅުގަނޑުމެން ގާއިމުކުރާ ހޯލެއްގައި އިމްތިހާނު ހެދުމުގެ ފުރުސަތު ދޭނެ. އެކަމުގެ އިންތިޒާމްތައް އަދި ގައިޑްލައިންތައް މިހާރު މިދަނީ ހަދަމުން،"

އެ ދަރިވަރުން އިމްތިހާނު ހޯލަށް ގެނަައުމާއި ގެންދިއުމުގެ އިންތިޒާމުތައްވެސް އެޗްޕީއޭ އަދި ހެލްތް މިނިސްޓްރީއާއި ގުޅިގެން ކުރާނެ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

މި އަހަރު އޭލެވެލް އިމްތިހާނުގައި އެންމެ ގިނަ ދަރިވަރުން ބައިވެރިވަނީ ސީއެޗްއެސްއީނެވެ. އެ ސުކޫލުން އެކަނިވެސް 470 ކެންޑިޑޭޓުން ބައިވެރިވެއެވެ. އިހުސާން ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އިމްތިހާނު ކުރިއަށްދާއިރު ގައިދުރު ކަމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އެހެން ކަމުން ސީއެޗްއެސްސީގެ ދަރިވަރުންގެ އިމްތިހާނަށް އެ ސުކޫލު ހޯލުގެ އިތުުރުން އިސްކަންދަރު، އަރަބިއްޔާ އަދި އަމީނިއްޔާ ސުކޫލްގެ ހޯލް ބޭނުން ކުރާނެ ކަމަށެވެ.

އަތޮޅުތެރޭގެ އެއްވެސް ސުކޫލަކުން މާ ގިނަ ކުދިން މިފަހަރު އިމްތިހާނުގައި ބައިވެރިނުވާތީ އެ ސުކޫލްތަކުގެ ހޯލްތަކުގައި އިމްތިހާނު ކުރިއަށް ގެންދިއުމުގައި މައްސަލަތަކެއް ކުރިމަތިނުވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އިހުސާން ވިދާޅުވީ އިމްތިހާނު ކަރުދާސްތައް މިވަގުތު ހުރީ ޑީޕީއީގެ ބެލުމުގެ ދަށުގައި ކަމަށާ މި މަހުގެ 30 ގެ ނިޔަލަށް ހުރިހާ ސެންޓަރުތަކަށް އިމްތިހާނު ކަރުދާސް ފޮނުވާ ނިމޭނެ ކަމަށެވެ.

ކޮވިޑް19 ގެ ބަލި މާލެ ސިޓީގައި ފެތުރެމުންދާތީ، މާލޭގެ ސްކޫލްތައް ބަންދުކުރިތާ ހަ މަހަށް ވުުރެ ގިނަ ދުވަސްވެއްޖެ އެވެ. ޖޫން މަހު ހުޅުވައިލި ނަމަވެސް ހާލަތު ގޯސްވުމުގެ ސަބަބުން އަލުން ވަނީ ބަންދު ކޮށްފަ އެވެ. މި މުއްދަތުގައި އޭލެވެލް ހަދާ ދަރިވަރުން އިމްތިހާނަށް ތައްޔާރުވުމަށްޓަކައި އެކްސްޓްރާ ކްލާސްތަކެއް ސްކޫލުގައި ދަނީ ބާއްވަމުންނެވެ. މި ދަރިވަރުން ސްކޫލަށް ގެންނަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ.

މި އަހަރު ބާއްވާ އޭލެވްލް އިމްތިހާނުގައި ސްކޫލް ސެންޓަރުުތަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން އިން 1529 ދަރިވަރުން ބައިވެރިވެ އެވެ.