ދުނިޔެ

ފަތަހަ އާއި ހަމާސް ސުލްހައާ ދިމާއަށް

ފަލަސްތީނުގެ އެންމެ ބާރު ގަދަ ދެ ޖަމާއަތް ކަމަށްވާ ފަތަހަ އާއި ހަމާސް ތުރުކީގެ ވެރިރަށް އަންކަރާ ގައި އިއްޔެ ބައްދަލުވުމެއް ބާއްވައި މުހިންމު މަޝްވަރާތަކެއް ކޮށްފި އެވެ.

ފަތަހަ ޖަމާއަތަކީ ހުޅަނގު އައްސޭރީގައި ފަލަސްތީންގެ ސަރުކާރެއް އުފައްދައިގެން އުޅޭ ބާރު ގަދަ ޖަމާއަތެވެ. އަދި ހަމާސްއަކީ ގާޒާ ސްޓްރިޕް ކޮންޓްރޯލް ކުރާ ނުފޫޒު ގަދަ ޖަމާއަތެވެ. މި ދެ ޖަމާއަތުގެ އިސްވެރިން ވަނީ މި މަހުގެ ކުރީކޮޅުގައި ވެސް ބައްދަލު ކުރައްވާފަ އެވެ.

މި ފަހަރުގެ ބައްދަލުވުންތަކުގައި މި ދެ ޖަމާއަތުން އެ ދެފަރާތުގެ ދެމެދުގައި އޮތް ޒަމާންވީ ހަމަނުޖެހުން ނިމުމަކަށް ގެންނަން މަޝްވަރާ ކުރާނެ އެވެ. މި ދެ ޖަމާއަތުގެ މެދުގައި ހަމަނުޖެހުން އުފެދުނީ ގާޒާ ސްޓްރިޕްގެ ކޮންޓްރޯލް ނެގުމަށް ފަތަހަ ޖަމާއަތުން ކުރި މަސައްކަތް ނާކާމިޔާބުވެ ހަމާސް އިން ގާޒާ ސްޓްރިޕްގެ ކޮންޓްރޯ 2007 ގައި ނެގުމުންނެވެ.

ފަތަހަ އާއި ހަމާސް އިން ފަލަސްތީނުގެ މައްސަލައިގައި މިހާރު ދިމާވެފައިވާ ހުރަސްތަކާބެހޭ ގޮތުން ވެސް ވާހަކަ ދައްކާފައި ވެއެވެ. މައިގަނޑު ގޮތެއްގައި ދެ ފަރާތުން ދެކޭ އެ ހުރަސްތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމތީގެ މައްސަލައިގައި މިހާރު ގެންގުޅުއްވާ ސިޔާސަތުތަކާއި ޔޫއޭއީ އާއި ބަހުރައިނުން އިޒްރޭލާ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރި މައްސަލައިން ނުކުންނަ ކަންކަމެވެ.

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވަނީ މި ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ފަލަސްތީނުގެ ޖަމާއަތްތަކުގެ ވެރިންނާއި ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ފަލަސްތީނުގެ ޖަމާއަތްތަކުން ވަނީ މިނިވަން، އިންސާފުވެރި އިންތިހާބެއް ބާއްވައި އިންތިހާބު ކާމިޔާބު ކުރާ ފަރާތަކާއި ފަލސްތީނުގެ އާ ސަރުކާރު ހިންގުން ހަވާލު ކުރުމަށް އެއްބަސްވެފަ އެވެ.

ފަލސްތީނުގައި 2006 ގެ ފަހުން އެއްވެސް އާންމު އިންތިހާބެއް ނުބާއްވަ އެވެ. އޭގެ އެއް އަހަރު ފަހުން ފަތަހަ އާއި ހަމާސް ޢާއި ދެމެދު ވަނީ ހަމަނުޖެހުން ފެށިފަ އެވެ. އޭގެ ފަހުން މިއަދާއި ހަމައަށް އެ ދެ ޖަމާއަތް ސުލްހަ ކުރުވަން ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބު ވެފެއެވެ.

އެހެން ނަމަވެސް މިހާރު މެދުއިރުމައްޗަށް ސުލްހަ ގެނައުމުގެ ނަމުގައި އެމެރިކާގެ ރައީސް ޓްރަމްޕް ފައްޓަވާފައިވާ "ނޯމަލައިޒޭޝަން" މަޝްރޫއާ މިި ދެ ޖަމާއަތް ވަނީ ދެކޮޅު ހަދާފަ އެވެ. އަދި އިޒްރޭލާއި ޔޫއޭއީ އާއި ބަހުރައިނުން ގުޅުން ގާއިމް ކުރުމުން އެކަމަށް ވެސް އެ ދެ ޖަމާއަތުން ވަނީ ނުރުހިފަ އެވެ.

ފަތަހަ އާއި ހަމާސް ޖަމާއަތުން ސުލްހާ ވާން ނިންމީ އެ ދެ ޖަމާއަތް ގުޅިގެން ކުރާ މަސައްކަތަކުން ނޫނީ އިޒްރޭލްގެ އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ފަލަސްތީނުން ކުރާ ހަނގުރާމައަށް ކާމިޔާބު ނުލިބޭނެތީ އެވެ. މި ދެ ޖަމާއަތަކީ ފަލަސްތީން، އިޒްރޭލްގެ އަޅުވެތި ކަމުން މިނިވަން ކުރުމަށް މަސައްކަތް ކުރާ އެންމެ ބޮޑު ދެ ޖަމާއަތެވެ.