ހަބަރު

ތުހުމަތަކުން ބަރީއާވަން ޝޯތަކަށް އަރަން ރައީސްވަނީ އަދީބަށް ދަންނަވާފައި

Oct 12, 2015
  • 800 މިލިޔަން ޑޮލަރުގެ ތުހުމަތުން ދިފާއުވީ އަމިލަފުޅަށް ކަމަށް ރައީސް ވިދާޅުވި
  • ގިނައިން ޓީވީ ޝޯތަކުގައި އަދީބު ވާހަކަ ދައްކަވަން ވެސް ވިދާޅުވި

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ދިން ހަމަލައަށްފަހު އެކި ފަރާތްތަކުން ނައިބު ރައީސްގެ މައްޗަށް ކުރާ ތުހުމަތަކުން ބަރީއަވެ ވަޑައިގަތުމަށް ކުރަންވަންޖެހޭ މަސައްކަތް އަމިއްލަފުޅަށް ކުރެއްވުމަށާއި އެކަން ސާބިތުކޮށް ދެއްވުމަށް ނައިބު ރައީސަށް ދަންނަވާފައިވާނެ ކަމަށް ޖޭޕީ އާއި އެމްޑީއޭ ހިމެނޭ ގޮތަށް ޕީޕީއެމްގެ ޕީޖީ ގްރޫޕާ ބައްދަލު ކުރައްވާ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަަރަކު މިރޭ ވިދާޅުވެއްޖެ އެވެ.

ނަން ހާމަ ކުރައްވަން ބޭނުންފުޅު ނުވާ އެ މެންބަރު ވިދާޅުވީ ތުހުމަތުތަކުން ބަރީއަވެ ވަޑައިގަތުމަށް ކުރައްވަންޖެހިވަޑައިގަންވާ ކަންކަން ކުރައްވާ ދިފާއުގައި ދައްކަވަންޖެހިވަޑައިގަންނަވާ ވާހަކަފުޅުތައް ގިނަ ގިނައިން ޓީވީ ޕްރޮގްރާމްތަކާއި ޝޯތަކަށް ވަޑައިގެން ވިދާޅުވެ ދެއްވުމަށް ވެސް ނައިބު ރައީސް އަރި ދަންނަވާފައިވާނެ ކަމަށް މުލިއާގޭގައި މިއަދު މެންދުރު ފަހު ބޭއްވި އެއް ބައްދަލިވުމުގައި ރައީސް ވިދާޅުވި ކަމަށެވެ.

"އަދި ވިދާޅުވީ ތިމަން މަނިކުފާނު ވެސް 800 މިލިއަން ޑޮލަރުގެ ތުހުމަތުތަކުން ބަރީއަވެ، އެއީ ހުސް ތުހުމަތަކެއްކަން ސާބިތުކޮށް ދެއްވީ ދިފާއުގައި އެކަމުގައި އަމިއްލަފުޅަށް ވާހަކަފުޅު ދައްކަވައިގެނޭ. އެއާއެކު ވިދާޅުވި އެއީ [ނައިބު ރައީސަކީ] ވަރަށް ކޮންފިޑެންޓް ވަރަށް ގަޓް ބޭފުޅެކޭ،"

ނައިބު ރައީސާ ބެހޭ ގޮތުން ދައްކާ ވާހަކަ އަށް ވީހާވެސް ބޮޑަކަށް ޖަވާބުދާރީވާން އަދީބަށް ދެންނެވި އިރު ރައީސް މިއަދު އަދީބާއެކު ގިނަ ވަގުތަކެއް ހޭދަ ކުރެއްވި ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އެއް ބައްދަލުވުމުގައި ރައީސް އެހެން ވިދާޅުވި އިރު މިރޭ ނައިބު ރައީސް އަދީބު ވަނީ ދި ޓީވީގެ "ހަބަރުތެރެއިން" ޕްރޮގްރާމަށް އަރުއްވާ ދިފާއުގައި ގިނަ ވާހަކަތަކެއް ވެސް ދައްކަވާ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފުވެސް ކުރެއްވާފަ އެވެ. އެެގޮތުން ރައީސް ޔާމީނާ ވާދަ ނުކުރައްވާނެ ކަމަށާއި ބޭނުން ވަނީ ރައީސް ޔާމީން އަރިހުގައި ބެހެއްޓި ހިސާބެއްގައި ހުންނަވައިގެން މަސައްކަތް ކުރައްވަން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.