ކުޅިވަރު

ދުރުން އައި އުންމީދީ ތަރިއެއް

ސްކޫލް ދައުރުގައި ވެސް ކުޅިވަރެއް ކުޅޭ ހިތުން އުޅުނު ދަރިވަރެއް ނޫނެވެ. ދުރުން އައިސް ބާސްކެޓްކޯޓަށް އެެއީ ކިހިނެއް ހެއްޔެވެ؟ ޖަމާލުއްދީން ސުކޫލްގެ ގުރޭޑް ހައެއްގައި ކިޔަވަމުން ދިޔަ މުހައްމަދު އަޝްމަލް އަހްމަދު، ސްކޫލްގެ ބާސްކެޓް ޓީމަށް ނެގީކީ ނޫނެވެ. އިސްކޮޅުން ދިގުވެފައި ހަލުވި ކޮށް އުޅޭތީ އޭނާގެ ގެންގޮސް ސްކޫލްގެ ބާސްކެޓް ޓީމަށް ވެއްދީ އެ ސްކޫލްގެ އޭރުގެ އެހެން ދަރިވަރެއްގެ ބެލެނިވެރި އެކެވެ.

މި ބެލެނިވެރިޔާގެ ދަރިއަކު އޭރު ސްކޫލް ބާސްކެޓް ޓީމުގައި ކުޅޭތީ، އަމިއްލަ ދަރިފުޅު އުޅޭ ޓީމެއް ބަލިވާން ބޭނުން ނުވާތީ، އެ ޓީމު އިތުރަށް ވަރުގަދަ ކުރަން ވެގެންނެވެ. ބެލެނިވެރިޔާގެ އެދުމުގެ މަތިން އިސްކޮޅުން ދިގު، ހަލުވި އަޝްމަލް ގެންގޮސް ޓީމުގައި ނަން ޖެއްސެވެ. އެ ޓީމާއެކު މަސައްކަތް ފަށައިގެން މާ ދުވަހެއް ނުވެ ބާސްކެޓްބޯޅައިގެ ތެރެއަށް އަޝްމަލްގެ ހިތް ވަދެގެން ދިޔަ އެވެ.

މިވަގުތު އޭނާއަކީ ރާއްޖޭގައި ތިބި އެންމެ މޮޅު ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިޔާ އެވެ. މިއަހަރު ކުރީ ކޮޅު ފުރަތަމަ ޑިވިޝަންގެ ގައުމީ ބާސްކެޓްބޯޅަ ލީގްގައި މުޅިން އަލަށް ވާދަ ކުރި ރެޑްވިންގްސްގެ ބާސްކެޓްބޯޅަ ޓީމުގެ އެއް ވައިސް ކެޕްޓަނެވެ.

އަޝްމަލް ދެން ފަހަތަށް ޖެހޭކަށް ނެތެވެ. އޭނާ ހުރީ ފުލު ޓައިމް ވަޒީފާއެއްގެ ގޮތުގައި ބާސްކެޓަކީ އޭނާގެ ޕްރޮފެޝަނަލް ކެރިއާ ކަމުގައި ހެދުމަށެވެ. ކޯޓުގައި އަޝްމަލްގެ އެންމެ ހާއްސަ ސިފައަކީ އޭނާގެ ހަލުވި ސްޕީޑެވެ. ދުރުން ބާރުބާރަށް އެއްލާ ބޯޅަ ހޫކްސް ގުޑުވާލައި އެއް ފަތިވަރެއްގައި ތިން ޕޮއިންޓް އަމުނާލަ އެވެ. ރެޑްވިންގްސް، ވަރަގަނޑު ފަތުރާލައި ފުރަތަމަ ޑިވިޝަންގައި ފައި ހަރުލައްވާލީ އަޝްމަލް، 19 ގެ މުހިންމު ހިއްސާއާއެކު އެވެ.

ރެޑްވިންގްސް ޓީމުގައި އެންމެ ލީޑިން ކުޅުންތެރިޔަކީ އަޝްމަލް އެވެ. ކޯޗް އަހްމަދު ނަޒީފް ފާހަގަ ކުރާ ގޮތުގައި އަޝްމަލްއަކީ މަސައްކަތުގެ ރޭޓް "ސަތޭކައި" ގެ ކުޅުންތެރިޔަކެވެ. ރާއްޖޭގެ ބާސްކެޓްބޯޅައިގައި ކުރިމަގު އޮތް ކުޅުންތެރިޔެއްގެ ގޮތުގައި ފާހަގަ ކުރެވޭނެ ކުޅުންތެރިޔަކަށް އަޝްމަލް ވާނެ ކަމަށް، ނޭޕާލްގައި 2016 ވަނަ އަހަރު ބޭއްވި ސަބާ ޗެމްޕިއަންޝިޕްގައި ދިވެހި އަންހެން ބާސްކެޓް ޓީމަށް ބްރޯންޒް މެޑަލް ހޯދައިދިން ކޯޗް ޔަގީން ކުރެ އެވެ.

ނަޒީފްގެ ލޮލުގައި އަޝްމަލް އަޅައިގަތީ 15 އަހަރުން ދަށުގެ ކުޅުންތެރިންގެ ކޭމްޕަކަށް ބާސްކެޓްގެ ބޮޑު ފޯރިއެއް އޮޮންނަ ތުރުކީގެ އިސްތަންބޫލަށް 2014 ގައި ކުރި ކޭމްޕެއްގަ އެވެ. ފަނަރަ އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުޅުންތެރިޔަކަށް ތުރުކީން ދިން ފުރުސަތު ލިބުނީ އެ އަހަރު ބޭއްވި އިންޓަ ސްކޫލް މުބާރާތުގެ މޮޅު ކުޅުމެއް ދެއްކި އަޝްމަލް އަށެވެ. ކޯޗެއްގެ ގޮތުގައި ދިޔަ ނަޒީފް ބުނީ އޭރުވެސް އަޝްމަލް ފާހަގަ ކުރެވުނީ އެ އުމުރުގެ އެހެން ކުޅުންތެރިންނަށް ވުރެ މެޗުއާ ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށެވެ.

"އަޝްމަލްއަށް ވުރެ ސީނިއާ ކުޅުންތެރިޔަކާ ޖެހުނަސް ދުލެއް ނުދޭނެ، ސީނިއާ ކުޅުންތެރިޔަކަށްވެސް އަޝްމަލް ބީޓްކޮށްލާފައި ދެވޭނީ ވަރަށް މަސައްކަތުން."

ރެޑްވިންގްސްގެ ވަރަ ފަޅައި ރާއްޖޭގެ އެންމެ އުހަށްދާން ހިންދެމިލި ވަގުތު، ކޮވިޑް-19 ގެ ވިލާގަނޑު ބޯމަތި ކޮށްލައިފި އެވެ. ދެން ކުރިމަތިވާނެ ހާލަތު އިތުރަށް ސިފަ ކޮށްދޭކަށް ނުޖެހޭނެ އެވެ. ނަމަވެސް އަޝްމަލްގެ ޓްރޭނިންއަށް މަޑުޖެހުމެއް ނައެވެ. ކުޅެން ނުދެވޭތީ ގޭތެރޭގައި ފާރަށް ބޯޅަ އުކައުކާ ހުރީ އެވެ. އިސްކޮޅުގައި ހަ ފޫޓުގެ ދިގުމިން ހުރުމަކީ އޮތް ހަމައެކަނި އެޑްވާންޓޭޖު ކަމަށް ބަލައިގެން ހުރީއެއް ނޫނެވެ. އެ އިސްކޮޅާ އެއްވަރަށް އޭނާގެ ޓެމްޕޯވެސް ދަންމާލުމަށްޓަކައި ފަތިހުފަތިހާ ހޭލައިގެން އިންޑަވިޖުއަލް ޕްރެކްޓިހަށެވެ. މިއީ ގޮންޖެހުން ބޮޑު އުނދަގޫ ކޮވިޑްގެ މި ދަނޑިވަޅުގައިވެސް އަޝްމަލުގެ ރޫޓިން އެވެ.