ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

"ފިޔަވަޅުތައް ދޫކޮށްލާ ވަރަށް ރައްކާތެރިއެއް ނޫން"

ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެވޭ ވަރަށް އަދި ރައްކާތެރި މާހައުލެއް ނެތް ކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓު ޑރ. ޝީނާ މޫސާ މިރޭ ވިދާޅު ވެއްޖެ އެވެ.

ޝީނާ ވަނީ ކޮވިޑް ބަލީގެ މިހާރުގެ ޓްރެންޑް އަދި ކުރިއަށް ލަފާ ކުރެވޭ ގޮތުގެ މައުލޫމާތުތައް އާންމު ކުރައްވާފަ އެވެ. އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝީނާ ވިދާޅުވީ އޯގަސްޓް މަހާ ހިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުންދިޔަ ނަމަވެސް އަދި މި ތިބީ ރައްކާތެރި ހިސާބުގައި ކަމަށް ބުނަން އަވަސް ކަމަށެވެ. ބަލީގެ ނުރައްކާ ކުޑަވެއްޖެ ކަމަށް ބުނަން އެނގޭނީ އެއް ކޭސް އަނެއް ކޭހާއި ގުޅުމެއް ނެތް ކޭސްތަކުގެ އަދަދު ވިއްސަށްވުރެ މަދުވުމުން ކަމަށެވެ.

"ކޮންމެވެސް ވަރަކަށް ކޭސަސް، އަންލިންކް ކްލަސްޓާ ފޯމްވެފައި ނުގުޅޭ ކޭސްތައް އެބަ މަދުވޭ. އޭގެ މާނައަކީ އަޅުގަނޑުމެންގެ ތެރޭގައި ފެތުރޭ ނިސްބަތް ނުވަތަ މިންވަރު ތަންކޮޅެއް އެބަ މަދުވަމުން ދެޔޭ. އެކަމަކުވެސް އަޅުގަނޑުމެން ބޭނުންވާ ނިސްބަތަކަށް އަދި ތިރިވަމުންނެއް ނުދޭ. ޕްރިޑިކްޓްރީ [ލަފާ ކުރުންތައް] ހުރީ ތިރިވާ ގޮތަށް. [އެކަމަކު] އަދިއެއް އަޅުގަނޑުމެން ސޭފް ލެވެލް އަކަށް ނުދޭ. އަމާޒަކީ އަން ލިންކު ކޭސަސް ވިއްސަށްވުރެ ތިރީގައި ބެހެއްޓުން. ވިއްސަށްވުރެ ތިރިއަށް ދިޔައީމަ ބަލި ފެތުރުން މަޑުޖެހެއޭ ބުނަން އެނގޭނީ. އަދި ކުޑަ ދުވަސްކޮޅަކު އެބަ ހިފަހައްޓާލަން ޖެހޭ،" ޝީނާ ވިދާޅުވި އެވެ.

ޝީނާ ވިދާޅުވީ ކޮވިޑްގެ ގްރާފްތައް ބަލައި ލުމުން ޕޮޒިޓިވްވާ އަދަދު މަދުވަމުން ދިޔަ ނަމަވެސް އެ އަދަދު މަދުވުން ލަސް ވަނީ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް އެންމެ ރަނގަޅަށް ތަބާ ނުވެވޭތީ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާފިއު ގެނެސް، ވެހިކަލް ދުއްވުން މަނާކުރި ނަމަވެސް އެ ކަންކަމަށް ތަބާ ނުވެ އުޅޭ މީހުން އުޅޭކަން ވެސް ޝީނާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ ބަލިން ރައްކާތެރިވުމަށްޓަކައި މިހާރު ހުރި ފިޔަވަޅުތަކާއެކު އަދި ދެތިން ހަތަރު ހަފުތާ ހޭދަކުރަން ޖެހޭ ކަމަށެވެ.

ކޮންމެވެސް ވަރަކަށް ކޭސަސް، އަންލިންކް ކްލަސްޓާ ފޯމްވެފައި ނުގުޅޭ ކޭސްތަށް އެބަ މަދުވޭ. އޭގެ މާނައަކީ އަޅުގަނޑުމެންތެރޭގައި ފެތުރޭ ނިސްބަތް ނުވަތަ މިންވަރު ތަންކޮޅެއް އެބަ މަދުވަމުންދޭ. އެކަމަކުވެސް އަޅުގަނޑުމެން ބޭނުންވާ ނިސްބަތަކަށް އަދި ތިރިވަމުން ނުދޭ. ޓްރެޖެކްޓްރީ ހުރީ ތިރިވާ ގޮތަށް. އަދިއެއް އަޅުގަނޑުމެން ސޭފް ލެވެލްއަކަށް ނުދޭ. އަމާޒަކީ އަން ލިންކު ކޭސަސް ވިއްސަށްވުރެ ތިރީގައި ބެހެއްޓުން. ވިއްސަށްވުރެ ތިރިއަށް ދިޔައީމަ ބަލި ފެތުރުން މަޑުޖެހެއޭ ބުނަން އެނގޭނީ. އަދި ކުޑަ ދުވަސްކޮޅެއް ކޮށްލަން އެބައޮތް މި ބައިގައި
ޑރ. ޝީނާ މޫސާ | ޕަބްލިކް ހެލްތު އެކްސްޕާޓް

ޝީނާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އަދިވެސް ބަލީގެ ހާލަތު އޮތީ ގްރީން ޒޯންގައި ނޫން ކަމަށެވެ. އެހެން ކަމުން މިއީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެވޭނެ ހާލަތެއް ނޫން ކަމަށެވެ. ކުރިންވެސް ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ދިން ލުއިތަކާއެކު ނުރައްކަލުގެ ތެރެއަށް ހުށައެޅުނީ އަމަލުތައް ބެހެއްޓުނު ގޮތުގެ ސަބަބުން ކަމަށް ޝީނާ ވިދާޅުވިއެވެ.

"އިންޑިކޭޓާސްތަކަށް ބަލާއިރު އަޅުގަނޑުމެން އަދިވެސް ގްރީން ޒޯން އަކަށް ނުދޭ. އަޅުގަނޑުމެން އަދިވެސް މިތިބީ ފުދޭ ވަރަކަށް މަތީގައި. އަދި ކުރީގެ އެކްޕީއަންސްއަށް ބަލާއިރު ހަމަ ގްރީން ޒޯންއަށް އަޅާއިރަށް އަޅުގަނޑުމެން އެއްވެސް މެޝާތަކެއް އީސްކޮށްލާފައި ކޮވިޑްގެ ކުރިން އުޅުނު ގޮތަކަށް ގޮއްސިއްޔާ އަދިވެސް ވަރަށް ރިސްކު އެބައޮތް ފެތުރުމުގެ ފުރުސަތު. އެހެންވީމަ އަދިވެސް ވަރަށް މުހިންމު ދެތިން ހަފްތާ މެޝްއާއެެއްކޮށް ސަސްޓެއިންކޮށް މިގޮތަށް ތިރީގައި ބެހެއްޓުން،" ޝީނާ ވިދާޅުވިއެވެ.

ޝީނާ ވިދާޅުވީ މިދިޔަ މަސްތަކުގައި ޓެސްޓް ކުރެވޭ އަދަދު ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށާ އެގޮތުން ކޮންމެ ދުވަހަކު ހާހަކަށްވުރެ ގިނަ މީހުން ބައްޔަށް ޓެސްޓް ކުރަމުންދާ ކަމަށެވެ. އަދި ޕޮޒިޓިވްވާ މީހުންގެ ތެރޭގައިވެސް ކްލަސްޓާއަކާއި ގުޅުމެއް ނެތް ކޭސްތައް މަދުވަމުންދާ ކަމަށާ އެއީ ރަނގަޅު ނިޝާނެއް ކަމަށް ވިދާޅުވިއެވެ.

"ޓެސްޓިން ކެޕޭސިޓީ މިވަގުތު ސަސްޓެއިންކޮށް އެބަ ބެހެއްޓޭ،"

ޝީނާ ވަނީ އެޗްޕީއޭގެ އެންގުންތަކަށް ތަބާވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ.