ދުނިޔެ

ސަރުކާރު އެކުލަވާނުލެވިގެން ލުބުނާނުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

Sep 26, 2020

ބޭރޫތު (ސެޕްޓެމްބަރު 26) - ސަރުކާރެއް އެކުލަވާލުމުގައި އުފެދިފައިވާ ދެބަސްވުންތަކާއެކު، ލުބުނާނުގެ އިންތިހާބީ ބޮޑުވަޒީރު މުސްތަފާ އަދީބު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ލުބުނާނުގެ ރައީސާ ބައްދަލު ކުރެއްވުމަށް ފަހު، ޓީވީ މެދުވެރިކޮށް އަދީބު ވިދާޅުވީ ސަރުކާރެއް އެކުލަވައިލުމުގެ މަސްއޫލިއްޔަތުން އިސްތިއުފާ ދެއްވާ ކަމަށެވެ.

ސަރުކާރެއް އެކުލަވާލުމުގައި ދެބަސްވުން އުފެދިފައިވަނީ ލުބުނާނުގެ މައި ދެ ޝިއާ ޕާޓީން، ކެބިނެޓުގައި ޝިއާ މިނިސްޓަރުން ހިމެނުމަށް ކުރަމުންދާ ޑިމާންޑާއެކު އެވެ.

އަދީބަކީ ސުންނީ މުސްލިމެއް ކަމަ ށްވުމުން، ބާކީ ވެދާނެ ކަމުގެ ކަންބޮޑުވުން ލުބުނާނުގެ ޝިއާ ލީޑަރުން ގެންދަވަނީ ފާޅު ކުރައްވަމުންނެވެ.

ސަރުކާރެއް އެކުލަވާލުމުގެ ޒިންމާއާއެކު ބޮޑުވަޒީރު ކަމުގެ މަގާމު އަދީބާ ހަވާލުކޮށްފައިވަނީ މިދިއަ މަހުގެ 31 ވަނަ ދުވަހެވެ. ނަމަވެސް، އެތަކެއް ޒަމާނެއް ވަންދެން ވަކި ސިޔާސީ ލީޑަރުންތަކެއް އަތް ދަށުގައި އޮތް މިނިސްޓްރީތަކުގެ ހިންގުމަށް ބަދަލު ގެންނަން އަދީބު ކުރެއްވި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

އެންމެ ބޮޑަށް ހިޔާލު ތަފާތުވުން އުފެދިފައިވަނީ ފިނޭންސް މިނިސްޓަރުގެ މަގާމާ ގުޅިގެންނެވެ. މުޅި ގައުމު ބޮޑު އިގުތިސޯދީ އަނދަވަޅަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި، އަދީބުގެ އިސްތިއުފާއެކު ގައުމުގެ ހާލަތު އިތުރަށް ގޯސްވެގެންދާނެކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.