ވާހަކަ

ގެއްލުވާލުމުގެކުރިން

ރީހާނަށް ހޭލެވުނީ ފޯނުގެ ވައިބްރޭޝަން އިހްސާސްކުރެވިގެންނެވެ. ނިދަން އޮވެވުނު ގޮތަކުން އޭނާގެ އައިފޯނު އޮތީ ގައިދަށުވެފަ އެވެ.

ފޯނަށް އައީ ޓެކްސްޓް މެސެޖެކެވެ. އެކަމަކު އެ މެސެޖު ފެންނަ ކޮންމެ މީހަކަށް އޭގައި އޮތީ ކޮން ވާހަކައެއްކަން ދެނެގަންނަން ނޭނގިދާނެ އެވެ. ރީހާނަށް ހާއްސަ ކޯޑްތަކެއް ބޭނުންކޮށްގެން ލިޔެފައިވާ މެސެޖަކަށްވީމަ އެވެ.

މި މެސެޖެއް ފެނުމަށް ފަހު ރީހާނަކަށް އޭނާގެ އެނދުގައި ދެން އެންމެ ހިނދުކޮޅަކަށް ވެސް ނޯވެވުނެވެ. ފުންމައިގެން ތެދުވި ގޮތަށް ޓީޝާޓެއް ބޮލުން މަހާލައިގެން ގަޔަށް ހެޔޮވަރުކޮށްލައިގެން އޭނާގެ މެކް ބުކް ޕްރޯ ބެކްޕެކް ތެރެއަށް ލައި އެ ދަބަސް ކޮނޑުގައި އަޅުވައިގެން ކޮޓަރިން ނުކުމެގެން ދިޔައީ އެވެ.

ފްލެޓުން ނުކުތްގޮތަށް ސިނގިރޭޓެއް ރޯކޮށްލައިގެން ގޮސް އޭނާ މަޑުކޮށްލީ އެންމެ ކައިރިން ޖެހުނު ބަސް ސްޓޮޕްގަ އެވެ. ގޯޅިއަކުން ނުކުތް ބަސް ދުރުން ދައްކާލުމާ އެކު ސިނގިރޭޓަށް އަވަސް އަވަހަށް ދެން ތިން ފަހަރަކު ނިކަން ގަދަ އަށް ދަމާލުމަށް ފަހު އެއެއް އެއްލާލައިފި އެވެ.

ބަސް އައިސް މަޑުކޮށް ދޮރު ހުޅުވާލުމުން ބަސް ކޮންޑަކްޓަރަށް ތިން ރުފިޔާ ދީފައި ބަހަށް އަރައިގެން ގޮސް އޭނާ އިށީނީ އެންމެ ފަހަތު ސީޓުގަ އެވެ. އަބަދުވެސް އޭނާގެ ގޮތެވެ. އޭނާގެ ސީޓެވެ. ގޮނޑީގައި ހަމަޖެހިލުމަށް ފަހު އައިފޯނުން ލަވައެއް ޕްލޭކޮށްލައިގެން ހެޑްފޯނު އަޅައިގެން ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އިންދައި ކުއްލިއަކަށް ބަސް ނައްޓާލައިފި އެވެ.

ބަހުން ފައިބައިގެން ޓިކެޓް ގަނެގެން ފަސިންޖަރުންގެ އޭރިއާގައި ފަސް ވަރަކަށް މިނެޓް މަޑުކޮށްލައިގެން ހުރެފައި ގޮސް އޭނާ މާލެ ދާން ފެރީ އަށް އެރިއިރު ވެސް ބަހަށް އަރައި ޕްލޭކުރި ނުސްރަތު ފާތިހް އަލީ ޚާންގެ ލަވަ ނުނިމެ އެވެ.

ފެރީގައި ވެސް އޭނާ އިށީނީ އެންމެ ފަހަތު ގޮނޑިބަރީގަ އެވެ. އެއަށް ފަހު އަޑުއަހަމުން ދިޔަ ލަވައިގެ ވޮލިއުމް ކުރިއަށް ވުރެ ބާރުކޮށްލީ އެވެ. އެ ލަވަ އަކީ ސޫފީންގެ މަޝްހޫރު ގައްވާލީއެއް ކަމުގައިވާ "ﷲ ހޫ" އެވެ.

ނުސްރަތު ފާތިހް އަލީ ޚާނާއި އޭނާގެ ގައްވާލީ ލަވަތައް ރީހާން ސިފަކުރަނީ އާ ދިރުމެއްގެ ގޮތުގަ އެވެ.

"އަރައިގެން އަންނަ އިރާއެކު ނުސްރަތު ފާތިހް އަލީ ޚާންގެ ގައްވާލީއެއް ޕްލޭކޮށްލާށެވެ. އޭރުން އެ ދުވަހަކަށް އިރެއް ނުއޮއްސޭނެ އެވެ.،" މިއީ ޕާކިސްތާނުގެ މަޝްހޫރު އެ ލަވަކިޔުންތެރިޔާ އަށް ތައުރީފު އެއްލަމުން ރީހާންކޮށްފައިވާ ޓްވީޓެކެވެ.

އޭނާގެ މި ޓްވިޓާ ހެންޑްލް "މޮޔަމީހުން" އަކީ ސޯޝަލް މީޑިއާގައި ނިކަން ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ނަމެކެވެ. އެހެންވީމަ ހެނދުނު ހޭލައިގެން އޭނާ ނުސްރަތުގެ ލަވަ އަޑުއަހާ ވާހަކަ މިފަދަ މެސެޖަކުން އަންގާލުމުން އޭނާ ފަހަތުން ނުސްރަތުގެ ފޭނުންނަށް ބަދަލުވެފައިވާ އިތުރު އެތައް ބަޔަކު ވެސް ސޯޝަލް މީޑިއާގައި އޭނާގެ ފަސްފަހަތް ބަލަމުން އުޅެ އެވެ.

ސޯޝަލް މީޑިއާގައި އަނެއް ބަޔަކު އޭނާގެ ފަސް ފަހަތުން ނުނެއްޓިގެން އުޅެން ޖެހެނީ ނުވަތަ އޭނާގެ ބޯކޮޅުބަލަބަލައި ތިބެން ޖެހެނީ އެހެން މީހުންނަށް ނޭނގޭ ވާހަކަ އޭނާ އަށް އެނގޭތީ އެވެ. އޭނާ ހިންގާ "ދަންމަރު" އޭ ކިޔުނު ބްލޮގަކީ ދުވަހުގެ އެހެން ހުރިހައި އޮންލައިން ނޫސްތަކަށް ވުރެ ބޮޑު މަޝްހޫރުކަމަކާއި މަގްބޫލުކަމެއް ހޯދާފައިވާ ބްލޮގެކެވެ.

އެހެން މީހުންނަށް ނޭނގޭ އެތައް ވާހަކަ އޭނާގެ މި ބްލޮގްގައި ޝާއިއުކުރެވެމުންދާތީ އެވެ.

މިއަދަކީ ވެސް އޭގެ ތެރެއިން ދުވަހެކެވެ. އޭނާ އަށް ހޭލެވުނީ ބަޔަކު މީހުން ހިންގާފައިވާ ބޮޑު ޖަރީމާއެއްގެ ތެރެއަށެވެ. މަޝްހޫރު ފާރިސީ ޅެންވެރިޔާ ރޫމީގެ ލޯބީގެ ޅެންތަކެއް ކިޔައި ގަނޑުތައް އުކަން ހެނދުނުގެ ހިތްގައިމުކަމުގެ ތެރެއަށް ގެއްލި އެހެން ދުވަސްތައް ފަދައިގެން އޭނާ އަށް މިއަދު އެނދުގައި ނޯވެވުނީ ވެސް އެހެންވެގެންނެވެ.

މެސެޖުގައި ބުނެފައި އޮތް ތަނަށް، ބުނެފައި އޮތް ގަޑިއަށް އޭނާ އަށް ނުދެވިއްޖެ ނަމަ ބޮޑު ޖަރީމާއެއްގެ ވާހަކަ އަށް ފަސް އެޅި ފޮރުވިގެންދާނީ އެވެ. ހަގީގަތް ހޯދުމަށް ކެތްމަދުވެފައި ތިބި އެތައް ބަޔަކު ކަނު އަނދިރިކަމެއްގެ ތެރެއަށް ގެއްލިގެންދާނީ އެވެ. އާދައިގެ މަތިން ބަލި މީހާ ބަލިވާނީ އެވެ. ގަދަ މީހާ ގަދަވާނީ އެވެ.

ނަމަވެސް މީގެ 10 ވަރަކަށް އަހަރު ކުރިން "ދަންމަރު" އޭ ކިޔުނު ބްލޮގެއް ރީހާން ހިންގަން ފެށީ ގަދަ މީހާ ގަދަވެ، ބަލި މީހާ ބަލިވެ ނެތިގެންދާ މަންޒަރު ބަލަން އިންނާކަށް ނޫނެވެ. ފަހަރެއްގައި ނިކަމެތި ރައްޔިތުންނާއި ގަދަކަން ދެއްކެތް ނެތް މީހުންނަށް ރީހާނަކީ ކާކުކަމެއް ނޭނގުނަސް އޭނާ އާއި އޭނާގެ ބްލޮގަށް ހާއްސަ މަގާމެއް މިއަދު ދެވިފައި ވަނީ މަންޒަރު ބަލަން އޭނާ މަޑުން ނީނދެ ނުބައި މީހާގެ ނުބައި އަމަލުގެ ވާހަކަ ރައްޔިތުންނާ ހަމަ އަށް އެގޮތުގައި ގެނެސްދޭތީ އެވެ.

މަޝްހޫރު ނޫސްތަކުގެ މަޝްހޫރު ނޫސްވެރިން ފަދައިން ސިޔާސީ ބޮޑުންގެ ޖީބު ތެރެއިން ދިރިއުޅުމުގެ މަގު ކޮށަމުންދާ މީހަކަށް އޭނާ ނުވާތީ އެވެ. ނުވަތަ އާރާއިބާރާއި ފައިސާވެރިންގެ ތައްޕާހުގައި ނޫޅެ އެމީހުންގެ އަނިޔާވެރިކަމުން ނިކަމެތިން ސަލާމަތްކޮށްދޭން މަސައްކަތްކުރާ މީހަކަށް އޭނާ ވީމަ ކަމަށް ވެސް ވެދާނެ އެވެ.

މިއޮތްހާ ދުވަހު އޭނާ ކުރީ އެކަމެވެ. ކުރީގެ ހުދުމުހުތާރުވެރިޔާ ޒައީމުލް ހަސަންގެ ވެރިކަމުގައި ޖަލުގައި ބަޑިޖަހައި އެތައް ބަޔަކު މަރާލި ޖަރީމާގެ ވާހަކަ ވެސް ދުވަހު ނޫސްތަކަށް އަރުވަން ނުކެރިގެން އުޅެނިކޮށް އެ ވާހަކަ ވެސް އެންމެ ފުރަތަމަ އާންމުންނާ ހަމަ އަށް ގެނެސްދިން ބަތަލަކީ ރީހާން އެވެ. މިފަދަ އަމަލުތަކުގެ ސަބަބުން އޭނާ އާންމުންގެ ތެރެއަށް މަޝްހޫރުވެފައި ވަނީ ގައުމުގައި ހިންގާ ޖަރީމާތަކާ މެދު ކަރުނަ އަޅައި ރޯ ހަމައެކަނި މީހާގެ ގޮތުގަ އެވެ.

އެހެން މީހުން ނުވަތަ ނޫސްވެރިން މިފަދަ މައްސަލަތަކަށް އަޅާނުލާ ކަހަލަ އެވެ. ނުވަތަ ނުކެރެނީ އެވެ.

އެހެން ނޫނަސް ޖައްބާރެއްގެ ވަކިތަކުގައި އެތައް އަހަރެއް ވަންދެން ތާށިވެފައި ތިބި ބަޔަކަށް މިނިވަންކަމަކީ ކޮބައިކަން އޮޅުވާލައިގެން އުޅުނީމަ ގައުމެއް އުފެދި ތަރައްގީވަމުންދާނެ ގޮތަކީ މިއީ އެވެ. ބިރުވެރިކަން ނުވަތަ ބިރު ދެއްކުން ވެފައި އޮންނާނީ ސިޔާސީ އެންމެ ތޫނު ހަތިޔާރަށެވެ.

މި ސިޔާސަތު ތަންފީޒުކުރުމުން ހޮރުހޮރަށް ވަދެ މީހުން ފިލާނީ އެވެ. އެންމެ ފުރަތަމަ ރީހާން އާއި އޭނާގެ އެކުވެރިން ވެސް ފިލީ އެވެ. އެކަމަކު ފިލައި ތިބެފައި އެމީހުން ދިން ހަމަލާ އިން ގައުމު ގޮއްވާލީ އެވެ.

ޖަލުގައި ބަޑިޖަހައި އެތައް ބަޔަކު މަރާލި ހާދިސާގެ ވާހަކަ އާންމުންނާ ހަމަ އަށް އޮންލައިންކޮށް ގެނެސްދިނުން އޭރު އުނދަގޫ ކަމަކަށް ވެފައި އޮތް ނަމަވެސް ރީހާން އާއި އޭނާގެ އެކުވެރިންގެ އަމާޒަކަށް ގުޑުމެއް ނާރަ އެވެ. އެމީހުން އޭރު ނެރެމުން ދިޔަ ސިއްރު މަޖައްލާ އާއި ބަހަމުން ދިޔަ ޕޯސްޓަރުތަކާއި ދައުލަތާ ދެކޮޅު ލިޔުންތަކުން ރައްޔިތުން މަގުތަކަށް ނެރެ ކައްކުވާލައިގެން އެތައް ބަޔަކު ގުރުބާންވެގެން އެންމެފަހުން އެ އަނިޔާވެރި ވެރިކަން ފުރޮޅާލީ އެވެ.

ދެން އިރުއެރީ މުޅިން އާ ދިވެހި ރާއްޖެއަކަށެވެ. ނަމަވެސް އަރައިގެން ދިޔަ އެ އިރު ގޮސް ހީނުކުރާހާ އަވަހަށް އޮއްސުނީ އެވެ. އެއަށް ފަހު ދެން އަނެއްކާވެސް ރައްޔިތުންގެ ގައުމަކަށް އިރެއް ނާރަ އެވެ. އަނދިރިކަން ވެރިވި ގޮތަށް ރައްޔިތުން އެ އަނދިރިކަމުގެ ތެރެއަށް ގެއްލި ހިޔާނާތާއި ފަސާދަ އާއި ޖަރީމާގެ ބިމުގައި ވަޅުލެވިގެން ދިޔައީ އެވެ.

މި އަނދިރިކަމުގެ ތެރެއިން ރައްޔިތުންނަށް ހެވާއި ނުބައި ފާހަގަކޮށްދިން ހަމައެކަނި އައްޔަކަށް ދެން ފެނުނީ ރީހާންގެ "ދަންމަރެވެ".

"ޚުދުމުހުތާރުވެރިއެއްގެ ވެރިކަން ވައްޓާލެވުނަސް އެފަދަ ވެރިކަމެއްގެ މޫތައް ނޮޅައި ސާފުނުކޮށްފި ނަމަ އެއްކަލަ އަނިޔާވެރިޔާ އާއި އޭނާގެ އަނިޔާވެރިކަން އެނބުރި އައިސް ކުރިއަށް ވުރެ ބާރަށް ރައްޔިތުން ބަނދެލާނެ އެވެ. ސުވަރުގެއެއްގެ ގޮތުގައި ދިވެހި ރާއްޖެ މަޝްހޫރުވެފައި އޮތަސް އޭރުން އިހްސާސްކުރެވޭނީ ނަރަކައިގެ އަލިފާނެވެ،" މިއީ ރޯމީހާގެ ޓްވީޓެއްގައި ދީފައިވާ އިބްރަތްތެރި މެސެޖެކެވެ.

*** ** ***

ފެރީ ގޮސް ތޮށިގަނޑާ ގާތްކޮށްލިއިރު ގޮނޑިތަކުގައި ތިބި މީހުން ދިރުނބާ ކޮޅަށް ޖަމާވަނީ އެވެ. ރީހާން އިނީ އޭރު ވެސް އޭނާގެ ގޮނޑީގަ އެވެ.

"އެންމެން ވެސް އެމީހުންގެ ހައްގުތައް ހޯދަން މިހެން ފިތިގެން މަގުތަކަށް ޖަމާވާން ކެރޭނެ ނަމަ،" ފޯނުން ނެގި ފޮޓޯއަކާ އެކު ރީހާން ޓްވީޓެއްކޮށްލި އެވެ.

އެއަށް ފަހު ހެޑްފޯނު ނަގައި ޖީބަށް ލުމަށް ފަހު ފޯނުން އޭނާ ފޮނުވާލީ ޓެކްސްޓް މެސެޖެކެވެ. ނިދިން އޭނާ ހޭލައްވާލި ޓެކްސްޓް މެސެޖު ލިބުނު ނަމްބަރުން ފޮނުވި ކޯޑްތަކުން ލިޔެފައިވާ މެސެޖެކެވެ.

އެއަށް ފަހު ފޯނު ޖީބަށް ލައިގެން ފެރީން ފައިބަން ހިނގައިގަތެވެ. އަދި މާލެ އަށް ފޭބުމާ އެކު އޭނާގެ ހިތް ނިކަން ބާރަށް ތެޅެން ފަށައިފި އެވެ.

"އެ ޚަބަރެއް ނުހޯދައި އަހަރެން އެނބުރި ދާން ވީ ހެއްޔެވެ؟ އެ ހަގީގަތް ހާމަ ނުކޮށް އަހަރެން ނިދާލާންވީ ހެއްޔެވެ،" ރީހާންގެ ހިތަށް އެރީ މިހެންނެވެ.

ދެ ހިޔާލެއްގައި ހުރެގެން ގޮސް ސައިކަލް ސްޓާޓްކުރަން ޖީބުން ނެގި ތަޅުދަނޑި ވެސް ތަޅަށް ކޮށްޕާނުލެވެނީސް އަތުން ދޫވެގެން ވެއްޓުނީ އެވެ. ހާސްވެ ފިނިވެފައި ހުރިވަރުންނެވެ.

ވެއްޓުނު ތަޅުދަނޑި ނަގަން ގުދުލެވިތަނުން ފަހަތުން ދުވެފައި އައި މީހަކު ރީހާންގެ ގައިގައި ޖެހިގަނެފައި ދެ މީހުން އެކުގައި ވެއްޓިއްޖެ އެވެ.

"އެއީ ހެނދުނު ގަޑީގައި ޖޮގިން އަށް ނުކުމެ އުޅޭ މީހެއް ހެއްޔެވެ؟ ނުވަތަ އަހަންނަށް ފާރަލަމުން ގެންދާ ދައުލަތުގެ ޖާސޫސެއް ހެއްޔެވެ؟،" ވެއްޓުނު މީހާ ތެދުވިގެން އައިސް ރީހާނަށް އެހީވާން އަތް ދިއްކޮށްލުމުން ރީހާންގެ ހިތަށް އެރީ މިހެންނެވެ.

އެއީ ބޯ ތުނިތުނިކޮށް ކޮށައިފައި، ޖާނު ވަރުގަދަކޮށް ހެދިފައި ހުރި މެދުއުމުރުގެ ފިރިހެނެކެވެ. އެންމެ ވައްތަރަކީ ސިފައިންގެ މީހަކާ އެވެ. ނުވަތަ ފުލުހަކާ އެވެ. ނުވަތަ މިއީ ހަމަ ރީހާން ފިނިވެފައި ހުރި ވަރުން އޭނާގެ ހިތަށް އަރައި ފައިބަމުން ދިޔަ ހިޔާލެވެ.

ދިއްކޮށްލި އަތުގައި ނުހިފައި ރީހާން ޖެހިލީ ފެޔަށެވެ. ސޮރީއޭ ބުނެފައި އެ މީހާ އެނބުރިގަނެ، އަނެއްކާވެސް ދުއްވައިގަތީ އެވެ. އޭނާ ގޮސް ލޮލުކޮޅަށް އޮބާލުމާ އެކު ސައިކަލް ސްޓާޓްކޮށްލައިގެން ރީހާން ވެސް ނައްޓާލައިފި އެވެ.

މިއިން ޒަމާނެއްގައި ވެސް އޭނާގެ ހިތަށް ވެރިނުވެ އޮތް ބިރުވެރިކަމެއް ކުއްލިއަކަށް އައިސް މިއަދު އޭނާ ވަށާލީ ކީއްވެ ހެއްޔެވެ؟ އެރިއިރާ އެކު އޭނާގެ ފޯނަށް އައި މެސެޖުގައި އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟ ޚަބަރު ދޭން އާންމުކޮށް އޭނާ އަށް ގުޅާ އެކުވެރިޔާގެ ބަދަލުގައި އެހެން މީހަކު މިއަދު އޭނާ އަށް މެސެޖުކުރީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ އަތުގައި އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟

ސައިކަލްގައި ގޯޅިގޯޅިއަށް އަޅަމުން މަޑު ދުވެއްޔެއްގައި ދިޔައިރު ރީހާންގެ ހިތަށް އަރައި ފައިބަމުން ދިޔައީ މި ސުވާލުތަކެވެ.

އޭނާ ގޮސް މަޑުކޮށްލީ ދަރުބާރުގެ ފުރަގަހުން ބޮޑުތަކުރުފާނު މަގުގެ އެއް ފަރާތެއްގައި ހެދިފައި ހުރި ބިޔަ ގަސްތަކުގެ ހިޔަލަށެވެ. ހެނދުނުގެ ވަގުތު ކަމުން ދުވަން ނުކުމެ އުޅޭ މީހުންނާއި ކަސްރަތުކުރަން މަޑުކޮށްލައިގެން ތިބި ހައެއްކަ މީހަކު ފިޔަވައި އިތުރު ބަޔަކު އެ ހިސާބަކުން ފެންނާކަށް ނެތެވެ.

"އަނެއްކާ މިއީ މީހަކު ނުވަތަ ބަޔަކު އަހަންނަށް ކެއްސެއް ދޭން ކުރި ކަމެއް ހެއްޔެވެ؟،" ފޯނަށް ހެނދުނު އައި ސިއްރު މެސެޖު އަލުން ހުޅުވާލައިގެން އެ މެސެޖު އަލުން ކިޔާލިއިރު ރީހާންގެ ހިތަށް އެރީ މިހެންނެވެ.

އޭނާ އަދިވެސް އެހުރީ ބިރުގެންފަ އެވެ.

ސައިކަލުން ފައިބައިގެން ގޮސް ރީހާން އުސްފަސްގަނޑު މައްޗަށް އެރީ ގާތޮށިގަނޑު މަތިން ފެނުނު މީހަކީ އޭނާ އަށް މެސެޖުކުރި މީހާ ކަމަށް ގަބޫލުކުރެވިގެންނެވެ. އެ މީހަކު ހުރީ ފުރަގަސްދީގެންނެވެ. ކުރިމަތިން ފެންނަން އޮތް ކަނޑުގެ އަނދިރިކަމުގެ ތެރެއަށް އެ މީހާ ގެއްލިފައިވާ ކަހަލަ އެވެ.

ކޮންމެއަކަސް މި މީހަކު ފެނުމާ އެކު ރީހާންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ވެރިވެއްޖެ އެވެ.

ފުރަގަސްދީގެން ހުރި މީހާއާ ދިމާލަށް ރީހާން ހިނގައިގަތުމުން އޭނާ އަށް އެކަން އެނގުނު ކަހަލަ އެވެ. އެނބުރިގެން އައިގޮތަށް އައިސް ތޮށިގަނޑު މަތީގައި ކުޑަ ސިޓީއުރައެއް ބޭއްވުމަށް ފަހު އެ މީހާ އަނެއްކާވެސް ފުރަގަސްދީގެން ދުރަށް ހިނގައިގަތެވެ.

ވައި ރޯޅިއެއްގައި ޖެހި އެ ސިޓީއުރަ ވިއްސައިގެން ގޮސް ކަނޑުގެ ރާޅުތަކުގެ ތެރެއަށް ގޮސް ނުގެއްލެނީސް ރީހާން ކުރުފިޔަވަޅުތަކެއްގައި ގޮސް ތޮށިގަނޑު މަތިން އެ ސިޓީއުރަ ޖަހައިގަނެފި އެވެ. އޭރު އޭތި ދޫކޮށްފައި ދިޔަ މީހާ ފެންނާކަށް ނެތެވެ.

ރީހާނަށް އެނގުނުހާ ވެސް އެއްޗަކީ އެއީ އަންހެނެއް ކަމެވެ. ނަމަވެސް ސިފަ އެނގޭހާ ކައިރިއަކުން ނުފެނުނެވެ.

ސިޓީއުރައިގެ ތެރޭގައި އޮތް އެއްޗެއް ބެލުމަށް ވުރެ ބޮޑަށް ރީހާން ދެން އަވަސްވެގަތީ އެ ސަރަހައްދު ދޫކޮށް ވީހާ ވެސް ދުރަކަށް ދާށެވެ. ނުވަތަ އޭނާގެ ހޮރަށް ވަދެ ފިލައި، ވާނުވާގެ ދަންމަރު ދިއްލައިލާށެވެ.

ފެރީގައި އެނބުރި ހުޅުމާލެ އަށް ދެވުނުއިރު މޫސުމް އޮތީ ނިކަން ގޯސްކޮށްލައިފަ އެވެ. ކަޅު ބޯ ވިލާތަކާ އެކު ދުނިޔެ މަތި އޮތީ އަނދިރިކޮށްލައިފަ އެވެ.

"އަނެއްކާ މިއީ ކޮން ނުބައި ކަމެއްގެ އަލާމާތެއް ހެއްޔެވެ؟،" ތެޅެމުން ދިޔަ ހިތާ އެއްވަރަކަށް ދެ ފައި ތަޅުވަމުން ކަންބޮޑުވުން ބޭރުކުރަމުން ދިޔަ ރީހާން ހިތާހިތުން ބުނެލި އެވެ.

އޭރު ބަހުގައި ގޮސް އޭނާގެ ފްލެޓް ކައިރިއަށް މަޑުކޮށްލަނީ އެވެ. ބަހުން ފޭބި ދުވެލީގައި ގޮސް އޭނާ އެރީ ފްލެޓަށެވެ. އެތެރެއަށް ވަދެ ދޮރު ލައްޕައި އޭގައި ތަޅުލައި އެނބުރިގަތްތަނުން ރިންގުވެގަތީ އޭނާގެ ފޯނެވެ.

އޭނާގެ މަންމަގެ ކޯލެކެވެ. މަންމަ އާއި ރީހާން އަނގައިން ނުބުނާތާ ފަސް އަހަރުވީ އެވެ. މަންމަގެ ކޯލް ފެނިފައި ރީހާންގެ ހިތް ކުރިއަށް ވުރެ ބާރަށް ތެޅިގަތީ އެ ސަބަބާ ހެދި ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ މީހުން ބުނާ ވާހަކައެއްގެ މަތިން އޭނާ ކުއްލިއަކަށް ހަނދާންވީ އެވެ.

މީހުން ބުނެއުޅެއެއް ނޫން ހެއްޔެވެ. ދަރިފުޅަށް ގެއްލުމެއް ލިބެން އުޅޭ ކަމުގެ އިހްސާސް އެމީހުންގެ މައިންނަށް ކުރެވެ އެވެ. ފަހަރެއްގައި ރީހާންގެ މަންމަ އޭނާ އަށް އެ ގުޅަނީ ރީހާނަށް ދެރަކަމެއް ކުރިމަތިވާން އުޅޭކަމުގެ އިހްސާސް ކުރެވިގެންނެވެ.

ނަމަވެސް މަންމަގެ އެ ފޯން ކޯލަށް ވުރެ ބޮޑަށް ރީހާނަށް މުހިންމުވީ ޖީބުން ނެގި ސިޓީއުރަ އެވެ.

އޭގައި އޮތް ޕެން ޑްރައިވް ނަގައި ލެޕްޓޮޕަށް ޖަހާލުމަށް ފަހު ރީހާން އޭނާގެ މެކްބުކް ހުޅުވާލި އެވެ. އަނެއްކާވެސް ބޮޑު ސިއްރެއް ފަޅާއަރުވާލުމަށް އޭނާ ތައްޔާރުވީ އެވެ. ނުވަތަ ބަޔަކު ހިންގާފައިވާ ނުބައި ޖަރީމާއެއްގެ ހަގީގަތް އާންމުންނަށް ހާމަކޮށްދިނުމުގެ ވަގުތުޖެހުނީ އެވެ.

މީހުން ބުނާތީ އަޑު އިވެނީ އެހެން މީހުންގެ ސިއްރުތަކަށް ފާރަލާން ނުވާ ވާހަކަ އެވެ. އަދި އަނެއް ބަޔަކު ބުނާ އަޑު އިވެނީ ރައްޔިތުންނަށް އެއްވެސް ކަމެއް އޮޅުވާލާފައި ބާއްވައިގެން ނުވާނެ ވާހަކަ އެވެ.

މިހެން ހިތަށް އަރުވައިގެން ހުރެ ރީހާން ޕެންޑްރައިވަށް ވަދެއްޖެ އެވެ.

ހުޅުވި ފައިލްތަކުގައި އޮތީ މަޝްހޫރު ސިޔާސީ ލީޑަރެއްގެ މަރުގެ ވާހަކަ އެވެ. އެ ޖަރީމާގެ ފަހަތުގައި ތިބި މީހުންނާއި އެމީހުންގެ އެ ލޭ އޮހޮރުވުމަށް ކުރި ޚަރަދާއި ރޭވި ރޭވުންތަކުގެ ތަފްސީލެވެ. މި ފޮޓޯތަކާއި ލިޔެކިޔުންތައް ފެނުނު ހިނދު ހީވީ ރީހާންގެ ބޮލުގައި މީހަކު ނިކަން ވަރުގަދަ އެތިފަހަރެއް އަޅުވާލިހެންނެވެ. އޭރު އޭނާގެ އެޕާޓްމެންޓްގެ ދޮރުގައި ވެސް މީހަކު ޓަކި ދެނީ އެވެ.

ގަތްބިރާ އެކު ރީހާން ކުއްލިއަކަށް އޭނާގެ ލެޕްޓޮޕް ލައްޕައިލި އެވެ. ދޮރުގައި ދެމުން ދިޔަ ޓަކީގެ ރާގު އޭނާ އަށް ނިކަން ރަނގަޅަށް އެނގޭތީ އެވެ. (ނުނިމޭ)