ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގެ ވެކްސިނުގެ ގާބިލުކަން ދުނިޔެއަށް ލިބޭނެ: މޯދީ

Sep 27, 2020

ނިއު ޔޯކް (ސެޕްޓެމްބަރު 27) - ކޮވިޑް-19 އިގެ ބަލާއާފާތުން އަރައިގަތުމަށް މުޅި ދުނިޔެ ކުރަމުންދާ މަސައްކަތުގައި އިންޑިއާގެ ވެކްސިން އުފެއްދުމުގެ ގާބިލުކަން ދުނިޔެއަށް ހުޅުވާލައްވާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އދ. ގައި ވައުދުވެވަޑައިގެންފި އެވެ.

"މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ވެކްސިން އުފައްދާ ގައުމުގެ ހައިސިއްޔަތުން ހުރިހާ ގައުމަތަކަށް އިތުރު ވައުދެއް ހިއްސާކޮށްލަން ބޭނުން. މި ބަލާއާފާތުން އަރައިގަތުމަށް އިންޑިއާގެ ވެކްސިން އުފެއްދުމުގެ ގާބިލުކަން މުޅި ދުނިޔެއާ ހިއްސާކުރާނަން،" އދ.އަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި މޯދީ ވިދާޅުވި އެވެ.

މޯދީ މި ގޮތަށް ވައުދުވެވަޑައިގެންފައިވަނީ، އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން، މިހާރުވެސް އިންޑިއާގައި ބަލި ޖެހުނު މީހުންގެ އަދަދު 5.9 މިލިއަނަށް އަރާފައިވާއިރު، އޭގެ ތެރެއިން މަރުވި މީހުންގެ އަދަދު ވަނީ 93،000 ހުރަސްކޮށްފަ އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، ކޮވިޑް-19 އިގެ ވެކްސިނެއް ޓެސްޓު ކުރުމުގެ ފަހު މަރުހަލާ މިހާރު ފެށިފައިވާ ކަމަށާއި، ވެކްސިން ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ހުރިހާ ގައުމުތަކަށް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ސައިންސްވެރިންގެ ހުއްދަ ލިބުމާއެކު، ވެކްސިން އުފެއްދުމަށް އިންޑިއާ ތައްޔާރަށްއޮތް ކަމަށް މޯދީ ވަނީ މިދިއަ މަހު ވިދާޅުވެފަ އެވެ.

ބައެއް ގައުމުތަކުން ހަމައެކަނި ގައުމުގެ ރައްޔިތުންނަށް ވެކްސިން ހޯދުމުގެ ސިއްރު ޑީލްތަކެއް ހަދަމުންދާކަމުގެ ކަންބޮޑުވުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވަނީ އދ.ގެ އާއްމު މަޖިލީހުގައި ހިއްސާކުރައްވައިފަ އެވެ.

އަދި ހުރިހާ އެންމެން މި ބަލިން ރައްކާތެރިވެގެން މެނުވީ އެއްވެސް މީހަކަށް ރައްކާތެރިކަމެއްނެތް ކަމަށް ގުޓެރެސް ވަނީ ގައުމުތަކުގެ ލީޑަރުންނަށް ހަނދާންކޮށްދެއްވައިފަ އެވެ.