ފިނިޕޭޖް

ޓެރެންސްއާ ދިމާކޮށްލި މީހުނަށް ނޯރާ ޖަވާބުދީފި

މަޝްހޫރު ނެށުންތެރިޔާ އަދި ބަތަލާ ނޯރާ ފަތޭހީ މިހާރު ފެންނަނީ ސޮނީ ޓީވީން ދައްކާ ޑާންސް ރިއަލިޓީ ޝޯ "އިންޑިއާޒް ބެސްޓް ޑާންސާ" ގެ ފަނޑިޔާރުކަން ކުރަނި ކޮށެވެ. ނޯރާ އާއެކު މި ޝޯގެ ފަނޑިޔާރުންގެ ޕެނަލްގައި ދެން ތިބެނީ ކޯރިއޯގްރާފަރުން ކަމަށްވާ ގީތާ ކަޕޫރާއި ޓެރެންސް ލުވިސް އެވެ.

މި ޝޯގެ ތިން ވަނަ ފަނޑިޔާރަކީ މަލައިކާ އަރޯރާ އެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވް ވުމުން މަލައިކާއަށް ގިނަ ދުވަސް ތަކަކަށް މި ޝޯގައި ބައިވެރި ނުވޭނެތީ ވަގުތީ ގޮތުން ނޯރާ ޝޯގެ ޖަޖަކަށް ހަމަޖެއްސީ އެވެ.

ދާދިފަހުން ވައިރަލް ވީ ވީޑިއޯއެއްގައި ޓެރެންސް އާއި ނޯރާ ސްޓޭޖް މަތީގައި ތިބި ވަގުތެއްގައި ނުގޮތަކަށް ޓެރެންސް ނޯރާގެ ގައިގައި އަތްލި ކަމަށް ބުނެ ވީޑިއޯ ބެލި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޓެރެންސް އާ ދިމާކޮށްލާފައި ވެއެވެ. ފާއިތުވީ ދެ ދުވަހަކު ވަރަށް ގަދަޔަށް ޓެރެންސް އަށް އެއްޗެތި ގޮވުމުގައި ގިނަ ބަޔަކު ސޯޝަލް މީޑީއާ ހޫނު ކޮށްލި އެވެ.

މީހުންނަށް އެ ވަރަކަށް އެއްޗެތި ކިޔަމުން ދިޔައިރު ވެސް ޓެރެންސް އެއްވެސް އެއްޗެކޭ ނުބުނެ ޝެއާ ކޮށްފައި ވަނީ އޭނާ ނޯރާ އުފުއްލާލައިގެން ހުއްޓާ ނަގާފައިވާ ފޮޓޯއެކެވެ. ސީދާ ނުބުންޏަސް މި ފޮޓޯއިން ޓެރެންސް ބުނެދީފައި ވަނީ އެ ކަން ހިނގާ ދިޔަ ގޮތް ކަމަށް ލަފާ ކުރެވެ އެވެ.

ޓެރެންސްގެ މި ފޮޓޯއަށް ނޯރާ ޖަވާބުދީ ޓެރެންސް ދިފާއުކޮށް ދިނެވެ. ނޯރާ ވަނީ އަބަދުވެސް ސެޓުގައި އޭނާއަށް ގަދަރާއި ލޯބި ދޭތީ ޓެރެންސް އަށް ޝުކުރު އަދާކޮށްފަ އެވެ.

"ޝުކުރިއްޔާ ޓެރެންސް. ސޯޝަލް މީޑިއާގެ މި ޒަމާނުގައި އެހެން މީހަކާ ދިމާކޮށްލަން ބޭނުންވެއްޖެނަމަ އެމީހަކަށް ޖޯކު ޖަހައި މީމްތައް ހެދުމުގެ މަގުސަދުގައި ވީޑިއޯއަށް ބަދަލު ގެނައުމާއި ފޮޓޯތައް ފޮޓޯޝޮޕް ކުރުމަކީ މީހުން ވަރަށް ކުރާހިތްވާ ކަންތައްތައް. މި ފަދަ ކަންތައްތަކާ މާ ބޮޑަށް އަޅާލައި ކަންބޮޑުވެގެން ނޫޅޭ ތިމާގެ ގަދަރުވެރިކަމާއި މަޑުމައިތިރިކަމާއެކު އަމަލު ކުރީތީ އުފާވެއްޖެ. މި ކަންކަމަށް ވެސް ނިމުން އަންނާނެ،" ޓެރެންސްގެ ދިފާއުގައި ނޯރާ ލިޔެފައި ވެއެވެ.

ނޯރާ އިތުރަށް ބުނެފައިވާ ގޮތުގައި ޓެރެންސް އާއި ގީތާ އަބަދުވެސް އޭނާއަށް ވަރަށް އިހްތިރާމް ކުރެ އެވެ. އަދި ވަރަށް ލޯތްބާއެކު ޝޯގެ ޖަޖެއްގެ ގޮތުގައި އޭނާ ގަބޫލު ކުރި އެވެ. އަދި މި ޝޯގެ ޖަޖްކަންކުރުމަކީ އޭނާއަށް ކުރެވުނު ރަނގަޅު ތަޖުރިބާ އެކެވެ.
މޮރޮކޯއަށް އުފަން ބަތަލާ ނޯރާ އެންމެ ފަހުން ފެނިފައި ވަނީ ޑައިރެކްޓަރު ރޭމޯ ޑިސޫޒާގެ "ސްޓްރީޓް ޑާންސާ 3ޑީ" އިންނެވެ.