ދުނިޔެ

ފިއްތުންތަކާއެކު އެމްނެސްޓީގެ އިންޑިއާ އޮޕަރޭޝަން ހުއްޓުމަކަށް

Sep 29, 2020

ނިއު ދިއްލީ (ސެޕްޓެމްބަރު 29) - އިންޑިއާ ސަރުކާރުން ކުރިމަތިކުރަމުންދާ ފިއްތުންތަކުގެ ސަބަބުން ކަމަށް ބުނެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަލުން އިންޑިއާގައި ކުރިއަށް ގެންދާ އޮޕަރޭޝަންތައް ހުއްޓާލައިފި އެވެ.

އިންޑިއާ ސަރުކާރުން އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ވާހަކަތައް ދާއްކާތީ އެ ޖަމިއްޔާގެ ބޭންކު އެކައުންޓުތައް ފްރީޒް ކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ސަރުކާރުން އެމްނެސްޓީގެ އެކައުންޓުތައް ފްރީޒްކޮށްފައި ވަނީ މާލީ އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ އެވެ. ނަމަވެސް، އެމްނެސްޓީން ވަނީ އެއީ އެއްވެސް އަސާސެއްނެތް ތުހުމަތެއް ކަމަށް ބުނެފަ އެވެ.

އަދި އެފަދަ ފިއްތުންތައް ކުރިމަތި ކުރުވަނީ ޖައްމު އަދި ކަޝްމީރުގައި އިންޑިއާ ސިފައިން ހިންގަމުންދާ ޖަރީމާތައް ފަދަ ހައްގުތަކަށް ހުރަސްއަޅަމުންދާ ވާހަކަތައް ދައްކަމުންދާތީ ކަމަށް އެމްނެސްޓީން ބުނެ އެވެ.

މުސްލިމުންގެ މެޖޯޜިޓީ އޮންނަ ކަޝްމީރުގައި އިންޑިއާ ސިފައިން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅު އަޑުތައް ކަނޑުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިއުންތައް އަމާޒުވެފަ އެވެ.