ވިޔަފާރި

ދައުލަތަށް ބޮޑެތި އަދަދު ތަކުން ފައިސާ ބަލައިގަތުން ޑިޓިޓަލްކޮށްފި

ދައުލަތުގެ އޮފީސް ތަކުން ބޮޑެތި އަދަދު ތަކުން މިއަދުން ފެށިގެން ފައިސާ ބަލައި ގަންނާނީ ޑިޖިޓަލްކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭންގައި ފާހަގަކޮށްފައިވާ "ކޭޝް ލެސް" ގައުމަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލް ވުމުގެ ގޮތުން ގެންނަ ފުރަތަމަ ބަދަލުގެ ތެރޭގައި ކަނޑައަޅާފައިވަނީ ދައުލަތުގެ އޮފީސް ތަކުން ފައިސާ ބަލައިގަތުމުގައި ބޮޑެތި އަދަދުތަކުން ބަލައިގަންނަ ފައިސާ ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ބަލައިގަތެވެ. އެކަން ވަނީ ފިނޭންސް މިނިސްޓްރީން ކުރިން ދައުލަތުގެ އޮފީސް ތަކަށް ވަނީ އަންގާފަ އެވެ.

މި އެންގުމާ ހަވާލާދީ، ދައުލަތުގެ އޮފީސްތަކަށް ހަނދާން ކޮށްދިނުމުގެ ގޮތުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މިއަދު އޮފީސް ތަކަށް ފޮނުއްވި "މާލިއްޔަތާ ބެހޭ ސާކިއުލާއެއް" ގައި ބުނީ ދައުލަތުގެ އޮފީސް ތަކުން ޗެކާއި ނަގުދު ފައިސާ ބޭނުންކުރުމާއި ބަލައިގަންނަ މިންވަރު މަދުކުރުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 5 އަހަރުގެ ސްޓްރެޓަޖިކް ޕްލޭންގައި ހިމަނާފައިވާ ކަމަށެވެ. އެގޮތަށް އަމަލު ކުރުމުގެ ގޮތުން ފުރަތަމަ ފިޔަވަހީގައި ދައުލައުގެ އޮފީސް ތަކުން ފައިސާ ބަލައިގަތުމުގައި، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 100،000 ރުފިޔާ އާއި 5،000 ޑޮލަރުން މަތީގެ ހުރިހާ މުއާމަލާތް ތަކެއް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރުމަށް އަންގާ ކަމަށެވެ.


".. އެހެންކަމުން، ދައުލަތުގެ އޮފީސް ތަކުން މިގޮތުގެ މަތިން [ޑިޖިޓަލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މުއާމަލާތް ކުރަން] އަމަލުކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ،" ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސާކިއުލާއެއްގައިވެ އެވެ.

ރާއްޖެއަކީ "ކޭޝް ލެސް" ގައުމަކަށް ހެދުމުގެ ގޮތުން މަރުކަޒީ ބޭންކުން ދަނީ ގައުމީ ޕޭމަންޓް ސިސްޓަމެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މި ސިސްޓަމް ތައާރަފު ވުމުން މިހާރު ނަގުދު ފައިސާއިން ހިންގާ ގިނަ މުއާމަތްތަކެއް ޑިޖިޓަލް ވެގެންދާނެ އެވެ.