މުހައްމަދު ހަމީދު

ސީޕީގެ އިލްތިމާސް: އަނިޔާއާ ދުރުވޭ

ހުރިހާ ރައްޔިތުންވެސް އަނިޔާއާ ދުރުވުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިލްތިމާސް ކުރައްވައިފި އެވެ.

ސީޕީ މިކަމަށް އިލްތިމާސް ކުރެއްވީ ބައިނަލްއަގުވާމީ އަނިޔާ އާ ދެކޮޅު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖްގައެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ އަނިޔާއާ ދެކޮޅު ދުވަހަކީ މިއަދެވެ.

ވީޑިއޯ މެސެޖެއްގައި ހަމީދު ވިދާޅުވީ ރާއްޖެއިންވެސް އަނިޔާވެރި ކުށްތައް އަރައިގަންނަ މަންޒަރު ފެންނަ ކަމަށާ އެ ކަންކަން ހުއްޓުވަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަނިޔާވެރި ކުށްތަކަށް އަރައިގަންނަ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އަނިޔާ ލިބޭ މީހުންނަށް އިންސާފު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ފުލުހުން ކުރާނެ ކަމުގެ ޔަގީންކަންވެސް ސީޕީ ދެއްވިއެވެ.

"ރައްޔިތުންގެ ތެރެއިން ކުށްތަކަށް އަރައިގަންނަ މީހުންނަށްވެސް ފުލުހުން ފިޔަވަޅު އެޅުމުގައިވެސް އެ އޮންނަ މިންގަނޑުތަކާއި އުސޫލުތަކުގެ ތެރޭން ހާއްސަކޮށް ފޯސް ޔޫސް ކުރުމުގައި އެ އަމަލު ކުރަން ޖެހޭ މިންގަނޑާތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރަން،" ފުލުހުންނަށް އިލްތިމާސް ކުރައްވާ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އެމަނިކުފާނުގެ މެސެޖަކީ "އެންމެންވެސް އަނިޔާއާ ދުރުވުން" ކަމަށެވެ. އަދި އަނިޔާ ލިބިފައިވާ މީހުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުންގެ މުއައްސަސާއިން މަސައްކަތް ކުރާނެ ކަަމަށެވެ.