ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސިއްހަތު

ކޮވިޑް ވެކްސިން ޖެހުމުން ހުމާއި ބޮލު ރިހުން އަދި ވަރުބަލިކަން

ނޭވާ ހިފަހައްޓާލައިގެން ތިބެ މުޅި ދުނިޔެ ވެސް މިހާރު އިންތިޒާރު ކުރަމުން ދަނީ ކޮވިޑް-19 އަށް އެކަށީގެންވާ ރަނގަޅު އަދި ރައްކާތެރި ވެކްސިނެއް އުފައްދައި އިންސާނުންގެ ގަޔަށް ޖަހަން ފެށޭނެ ދުވަހަކަށެވެ.

ކޮރޯނާ ވައިރަހަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ ވެކްސިނާއި ބޭސް އުފައްދާ އެތައް ކުންފުންޏަކުން މިހާރު ދަނީ ކުރަމުންނެވެ. އަދި އެ ފަރާތްތަކުގެ ވެކްސިންތައް މިހާރު ވަނީ އަޖުމަ ބެލުމުގެ އެކި މަރުހަލާ ތަކުގަ އެވެ. އެގޮތުން މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތައް ކަމަށްވާ ފައިޒާ އާއި މޮޑާނާ އިން އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ވެކްސިން މިހާރު ވަނީ އެތައް ހާސް ވޮލަންޓިއަރުންނަކަށް ދީފަ އެވެ. މިއީ މި ވެކްސިންގެ ޑަބަލް-ބްލައިންޑް ޓްރަޔަލް އެކެވެ.

ޑަބަލް-ބްލައިންޑް ޓްރަޔަލްގައި ވޮލަންޓިއަރުންނަކަށް އެމީހުންނަށް ދެނީ އަޖުމަ ބެލުމަށް ދޭ ފަރުވާ ކަމެއް ނުވަތަ ޕްލެސީބޯ ނުވަތަ އަސްލު ފަރުވާ ނޫން ކަމެއް ނޭނގޭނެ އެވެ. މިއީ މި ޓްރަޔަލްގެ ސައްހަކަން ޔަގީންކުރަން ކުރާ ކަމެކެވެ.

އެގޮތުން މޮޑާނާ އާއި ފައިޒާގެ ވެކްސިން ޖެހުމަށް ވޮލަންޓިއާ ކުރި މީހުންގެ ތެރެއިން ފަސް މީހަކަށް ތަފާތު ސައިޑް އިފެކްޓްސްތައް ތަޖުރިބާ ކުރެވިފައި ވެއެވެ. އޭގެ ތެރޭގައި ބޮލުގައި ރިހުމާއި ހުން އައުން އަދި ވަރުބަލިވުން ހިމެނެ އެވެ. ވެކްސިން ޖެހި ދުވަސް އެއްކޮށްހެން އެމީހުންނަށް މި އުނދަގޫތައް ވަމުންދިޔަ ކަމަށް އެ ވޮލަންޓިއަރުން ބުނެފައި ވެއެވެ.

މޮޑާނާ އާއި ފައިޒާގެ ޓްރަޔަލްތަކުގެ މަރުހަލާތަކުގެ ތެރެއިން އެންމެ ފަހުގެ ޓްރަޔަލްގެ ބައިވެރިންގެ ތެރެއިން މޮޑާނާ އިން ވެކްސިން ދިން ތިން ވޮލަންޓިއަރުން އަދި ފައިޒާއިން ވެކްސިން ޖެހި ދެ ވޮލަންޓިއަރަކު ވަނީ ސައިޑް އިފެކްޓްސްތައް ކުރިމަތިވީ ކަމަށް ޝަކުވާ ކޮށްފަ އެވެ. މި މީހުން ބުނެފައި ވަނީ ވެކްސިން ޖެހުމުން ވަރަށް ގަދަޔަށް ހުންއައިސް ގައިގައި ރިއްސާ އަދި ވަރަށް ގަދަޔަށް ބޮލުގައި ވެސް ރިއްސި ކަމަށެވެ. އަދި ވަރުބަލިކަން ވަރަށް ބޮޑަށް އިހްސާސްވި ކަމަށް ވެސް މި މީހުން ބުނެފައި ވެއެވެ.

ސީއެންބީސީގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މޮޑާނާ ވެކްސިން ޓްރަޔަލްގެ ބައިވެރިޔަކަށް ބޫސްޓާ ޑޯޒް ދިން ފަހުން ރޭގަނޑު ގަޑީގައި ހީކަރުވާ ހުން އައުން ފަދަ މައްސަލަތަކެއް ދިމާވިކަމަށެވެ.

ފައިޒާ ވެކްސިން ދިން އެހެން ކެންޑިޑޭޓަކު ބުނި ގޮތުގައި ރޭގަނޑު ނިދާފައި އޮވެފައި އޭނާއަށް ހޭލެވެނީ ހީކަރުވާ ވަރުންނެވެ. ހީކަރުވާލެއް ގަދަކަމުން އޭނާގެ ދަތެއްގައި ރެނދެއް ލީކަމަށް އެމީހާ ބުނެފައި ވެއެވެ. ނަމަވެސް އޭގެ 12 ގަޑިއިރު ފަހުން މުޅިން ރަނގަޅުވީ ކަމަށް އެމީހާ ބުނެފައި ވެއެވެ.

މޮޑާނާ ވެކްސިން ޖެހި އިތުރު ދެ ބައިވެރިޔަކަށް ވެސް ހަމަ މިފަދަ ސައިޑް އިފެކްޓްސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. މޮޑާނާ ވެކްސިން ޓްރަޔަލްގައި ބައިވެރިވި 50ގެ އަހަރުތައް ގުނަމުންދާ އަންހެނަކު ބުނީ ހީކަރުވާ ހުން އައުން ފަދަ ކަމެއް އޭނާއަށް ދިމާ ނުވާ ކަމަށެވެ. ނަމަވެސް މައިގްރޭން އެޓޭކެއް އައިސްގެން ވަރަށް ގަދަޔަށް ބޮލުގައި ރިހުނު ކަމަށް އެމީހާ ބުންޏެވެ.

އެމީހާ ބުނި ގޮތުގައި ކޮރޯނާވައިރަހުގެ ފުރަތަމަ ޑޯޒުން އެއްވެސް މީހަކަށް މާ ބޮޑު އުނދަގުލެއް ނުވި ނަމަވެސް ބޫސްޓާ ޑޯޒް ޖެހުމުން އެންމެންނަށް ވެސް ކޮންމެވެސް ކަހަލަ ސައިޑް އިފެކްޓްސްތަކެއް ކުރިމަތިވި ކަމަށެވެ.

"މި ވެކްސިން އަކީ ބޭނުންކުރަން ރަނގަޅު އެއްޗެއްކަން ސާބިތުވެއްޖެނަމަ އެންމެން ވެސް ވަރަށް ހިތްވަރުގަދަ ކުރަން ޖެހޭނެ. ސަބަބަކީ ފުރަތަމަ ޑޯޒުން މާ ބޮޑު ކަމެކޭ ހީނުވިޔަސް ދެ ވަނަ ޑޯޒު ދިނުމުން އެއް ދުވަހަށް ނަމަވެސް މީހާ ވަރަށް ބަލިކޮށްލާ. ވެކްސިންގެ ދެ ވަނަ ޑޯޒް ނަގާނަމަ ދުރާލާ އޮފީހަށް ވެސް ސަލާން ބުނަން ޖެހޭނެ،" ސައިޑް އިފެކްޓްސް ދިމާވި ވޮލަންޓިއަރަކު ބުންޏެވެ.

ތަޖުރިބާކާރުން މިހާރު ކުރަމުންދާ އެއް މަސައްކަތަކީ ސައިޑް އިފެކްޓްސް ތަޖުރިބާކުރަން ޖެހޭކަމަށް ބައެއް މީހުން ބުނާތީ އެކަމާ ގަންނާ ކުރައްވާ ބިރުން ވެކްސިން ނުޖަހަން ބަހަނާ ދައްކާ ފަރާތްތަކަށް ކަމާ ބެހޭ ސައްހަ މައުލޫމާތު ދިނުމުގެ މަސައްކަތެވެ.