ދުނިޔެ

ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް އެމެރިކާއިން ހަތިޔާރު އޮއްސައިފި

Oct 13, 2015

(ރޮއިޓާރސް) - އެމެރިކާއިން ސީރިޔާގެ އިދިކޮޅު ހަނގުރާމަ ވެރިންނަށް ހަތިޔާރާއި އެހެނިހެން އެހީގެ ޕެކޭޖުތަކެއް ވައިގެ މަގުން ފޯރުކޮށްދީފި އެވެ.

އެމެރިކާއިން ބުނީ މިއީ އައިއެސް އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ދޭ އެހީގެ ބައެއް ކަމަށެވެ.

މިދިޔަ ހަފްތާގައި އެމެރިކާއިން ވަނީ ސީރިޔާ ހަނގުރާމަވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ހުއްޓާލާފައެވެ. އަދި އެމެރިކާއިން އިދިކޮޅު ހަނގުރާމަވެރިންނަށް ދޭ ތަމްރީނާއި ހަތިޔާރުގެ ފައިދާ އައިއެސް ފަދަ ޖަމާއަތްތަކުން ނަގާ ކަމަށް ބުނެ އެމެރިކާގެ ސިޔާސީ ފަރާތްތަކުން ދަނީ އެގައުމުގެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

އެމެރިކާގެ އެހީއާއި އެކު އައިއެސްގެ މައްޗަށް ކުރިއެރުންތައް ހޯދަމުންދާ ހަމައެކަނި ގުރޫޕަކީ ކުރުދީ އަސްކަރިއްޔާއެވެ. މި ޖަމާއަތުން ދަނީ އައިއެސްގެ އަތުން ބައެއް ހިސާބުތަކުގެ ކޮންޓްރޯލް ހޯދަމުންނެވެ.

މި ހަފްތާގައި ކުރުދީންގެ ޖަމާއަތުން ވަނީ އިތުރު ހަނގުރާމަވެރި ގުރޫޕަކާއެކު ބައިއަތު ހިފާފައެވެ. މި ދެ ޖަމާއަތް ގުޅިފައި މިވަނީ، ކުރުދީ ޖަމާއަތުން ހަމައެކަނި މަސައްކަތް ކުރަނީ ކުރުދީންގެ ހެވާ ލާބައަށް ކަމަށް ބުނެ އެ ޖަމާއަތަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ އެހީއާއި އެކު ކުރުދީ ޖަމާއަތުން އައިއެސްގެ މައްޗަށް ކުރި ހޯދަމުން ދިޔަ ނަމަވެސް އައިއެސްގެ އަތުން ހޯދާ ބިން ތަކުގައި މި ޖަމާއަތުން ހަނގުރާމައިގެ ޖަރީމާތައް ހިންގާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ކުރުދީން ނޫން މީހުން ގެދޮރުން ފައްސާލައި އެމީހުންގެ ގެދޮރު ތަޅާ ބިމާ ހަމަކުރުން ހިމެނެއެވެ.