ހަބަރު

ދަނޑުގައި ނުކުޅެވޭތީ އޭދަފުށީ ޒުވާނުން މުޒާހަރާއަށް

ބ. އޭދަފުށީގައި އަޅާފައިވާ ޓާފް ދަނޑުގައި ކުޅުމުގެ ފުރުސަތު އެ ރަށު ޒުވާނުންނަށް ނުލިބޭތީ، އޭދަފުށީގެ ޒުވާނުން ނުކުމެ މުޒާހަރާ ކޮށްފި އެވެ.

ޒުވާނުން ޑިމާންޑް ކޮށްފައި ވަނީ މިނިވަން ކަމާއެކު ދަނޑު ބޭނުން ކުރުމުގެ ފުރުސަތު ޒުވާނުންނަށް ދިނުމަށެވެ. އޭދަފުށީގެ ދަނޑު ހެދީ އެރަށާ ގާތް ގުޅުމެއް އޮންނަ ތަނަވަސް ބޭފުޅެއްގެ ދީލަތި އެހީ އާއެކު އެވެ. ދެއަހަރު ވަންދެން އެ ފަރާތުން ދަނޑު މަރާމާތު ކޮށް ބެލެހެއްޓުމާ ހަވާލުވާނެކަން ޔޫތު ސްޕޯޓްސް މިނިސްޓްރީއަށް އެފަރާތުން ވަނީ މެއި 2019 ގައި އަންގާފަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ މެއި 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދަނޑު ހެދި ފަރާތުން، ދަނޑު މަރަމާތު ކޮށް ބެލެހެއްޓުމަށް ދެ މީހަކު ވަނީ ހަމަޖައްސާފަ އެވެ. އޭގެތެރެއިން އެކަކުގެ ފަރާތުން ދަނޑު ބޭނުން ކުރުމުގައި ޒުވާނުންނަށް ގިނަ ހުރަސްތައް ކުރިމަތި ކުރަމުންދެ އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޯހާ އަބްދުރަހްމާން ވިދާޅުވީ، ޒުވާނުންގެ އެކަންބޮޑުވުމަކީ ގިނަ ދުވަސްތަކެއްވީ މައްސަލައެއް ކަމަށެވެ. އެ މައްސަލައިގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ އޭދަފުށިން ދަނޑު ބަލަހައްޓަމުންދާ މުވައްޒަފުންނާ ވާހަކަ ދައްކައިގެން ހައްލު ކުރުމަށް ކަމަށެވެ. އެހެންނަމަވެސް ހައްލެއް ނުލިބުމުން ދަނޑު ހެދި ފާރާތާއެކު މަޝްވަރާ ކޮށް ހައްލެއް ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"ދަނޑު ހެދި ފަރާތާއެކު މިހާރު މަޝްވަރާ ކުރަމުން މިދަނީ، އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް މައްސަލައަށް ހައްލެއް ލިބޭނެ."

ފުޓްބޯޅައިގެ ބޮޑު ފޯރިއެއް އޮންނަ އޭދަފުއްޓަކީ، ގައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އުފައްދާ ރަށެކެވެ. ގައުމީ ޓީމުގައި އަބަދުވެސް އޭދަފުށީގެ ކުޅުންތެރިން ހިމެނެ އެވެ. ކުރިން ފުރަތަމަ ޑިވިޝަންގައި ކުޅުނު އޭދަފުށީގެ ކުޅުންތެރިޔަކު ބުނީ ދަނޑު ބޭނުން ކުރުމުގައި ޒުވާނުންނަށް ގިނަ ދަތަިތަކެއް ކުރިމަތި ކުރާ ކަމަށެވެ.

"ކުޅެންދާއިރު ދަނޑުގެ ގޯލް ޕޯސްޓް ހުރެދާނެ ނަގާފަ، އަދި ކުޅެން ދާ ކުދިންނަށް އެކި ކަހަލަ ޖެއސުން ކުރޭ، މިކަމުގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވުމުން ކުލަބުތަކަށް ނިސްބަތްވާ ޒުވާނުން މިއަދު ނުކުތީ." އޭނާ ބުންޏެވެ. "މިރަށުގައި ފަސް ކުލަބު އޮވޭ ފަސް ކުލަބަށް ހަމަހަމަ އުސޫލުން ޝެޑިއުލް ހަދާފަ ދަނޑު ބޭނުން ކުރުމަށް އޮންނަނީ، އެހެންނަމަވެސް ދަނޑު ހެދި ފަރާތުން ދަނޑު ބެލެހެއްޓުމަށް ހަމަޖައްސާފައިވާ އޭދަފުށީ މީހަކު މިދަތިތައް ޒުވާނުންނަށް ކުރިމަތި ކޮށްފައި ހުންނަނީ."