ގާސިމް އިބްރާހިމް

އަނބިކަނބަލުން ރާނިޔާގެ ދިފާއުގައި ގާސިމް ނިކުންނަވައިފި

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން ރާނިއާ އަބްދުލް ހަމީދު އާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ބައެއް މީހުން ފަތުރަމުންދާ ދޮގު ވާހަކަތަކާއި ގުޅޭގޮތުން ގާސިމް ވާހަކަ ދައްކަވައިފި އެވެ. އެމަނިކުފާނު ވަނީ އަނބިކަނބަލުން ދިފާއު ކުރައްވާފައެވެ.

އުމުރުފުޅުން މިހާރު 71 އަހަރުގެ ގާސިމް ރާނިއާއާ ކައިވެނި ކުރެއްވީ މިދިޔަ ހަފްތާގައެވެ. އެ ކައިވެންޏަށްފަހު ގާސިމް އަދި ރާނިއާ އާ ގުޅޭގޮތުން ބައެއް މީހުން ދަނީ ތަފާތު އެކި ވާހަކަތައް ދައްކަމުންނެވެ. އަދި ރާނިއާގެ ފޮޓޯތައް އެޑިޓްކޮށްގެން ދަނީ އާންމު ކުރަމުންނެވެ. އެ ދެ ބޭފުޅުންނާއި ގުޅޭގޮތުންވެސް ބައެއް މީހުން ވަރަށް އަދަބު ކުޑަ ވާހަކަތައް ދައްކާފައިވެއެވެ.

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާނިއާއާ ގުޅޭގޮތުން ފަތުރަނީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެއީ އުފައްދައިގެން އާންމު ކުރާ ފޮޓޯތަކެއް ކަމަަށްވެސް ވިދާޅުވިއެވެ. ރާނިއާގެ ސޯޝަލް މީޑިއާ އެކައުންޓެއް މީގެ ތިން އަހަރު ކުރިން ބަޔަކު ހެކްކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ މައްސަލަތައް އޭރު ފުލުހުންގެ ސަމާލު ކަަމަށް ގެނެސްފައިވާނެ ކަަމަށްވެސް ވިދާޅުވިއެވެ.

"މިއީ ރާނިއާ ބްލެކްމެއިލް ކުރުމަށް ކުރި ކަމެއް. އެކަމަކު އެކަންވެސް ކާމިޔާބެއް ނުކުރެވުނު،" ގާސިމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އަނބިކަނބަލުންގެ ދިފާއުގައި ނިކުންނަވާ ވާހަކަފުޅު ދެއްކެވުން ވަރަށް ގިނަ ބަޔަކު ވަނީ ގާސިމަށް ތައުރީފު ކުރައްވާފައެވެ.