ވިޔަފާރި

އެމްޓީސީސީން ދޯނި ބަނުމުގެ ވިޔަފާރީގެ ތެރެއަށް!

Oct 14, 2015

އެމްޓީސީސީ އިން ދޮޑިދޯނި ފަހަރު ބަނުމުގެ ވިޔަފާރީގެ ތެރެއަށް އަންނަ އަހަރު ވަނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކުދި އުޅަނދު ފަހަރަށް ހާއްސަކޮށްގެން 60 ހޯސްޕަވަރުގެ އިންޖީނު ތައާރަފުކުރުމަށް ނެޝަނަލް އާޓްގެލަރީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދު ރައްޒާގު ހަލީމް ވިދާޅުވީ އަންނަ އަހަރު ތެރޭގައި އެ ކުންފުނިން އޮޑިފަހަރު ބަނުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މީގެ މަގުސަދަކީ މަސްވެރިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުން ކަމަށެވެ. އެ ގޮތުން މަސް ދޯނި ބަނދެ، އިންޖީނު އަޅައި، ހާއްސަ ފައިނޭންސް ފެސިލިޓީއަކާއެކު މަސްވެރިންނާ ހަމައަށް ދޯނި ލިބުމަކީ ލިބިގެންދާނެ ފަސޭހައެއް ކަމަށް ހަލީމް ވިދާޅުވި އެވެ.

"މިހެން ހަމަޖެއްސުމުން އޮޑިވެރިންނަށް އަވަހަށް ދޯނި ލިބިގެންދާނެ. ވަގުތު ސަލާމަތް ވާނެ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ދޯނި ފަަހަރު ފައިބަރު ކުރުމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ރާއްޖެ ގެނެސް އާއްމުންނަށް އަގު ހެޔޮކޮށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ އެންމެ ބޮޑު ޓްރާންސްޕޯޓް ކުންފުނީގެ އިތުރުން، ބިން ހިއްކުމުގެ މަސައްކަތްކުރާ އެންމެ ބޮޑު އެއް ކުންފުންޏެވެ. ނަމަވެސް އެ ކުންފުނީގެ ވިޔަފާރީގެ ދަށުން ޔަންމާ އިންޖީނު ވެސް ވިއްކަމުންދެ އެވެ.އެ ކުންފުންޏަށް މި އަހަރަކީ މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާ އަހަރެކެވެ.