ހަބަރު

ޔުނާންގެ ދެމަފިރިން ހައްޔަރު ކޮށްފި

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފިލްމީ ތަރި މުހައްމަދު ޔުނާނާއި އޭނާގެ އަންހެނުން ފާތުމަތު ރިހުލާ ހައްޔަރު ކޮށްފި އެވެ.

ޔުނާން އާއި ރިހުލާގެ މައްޗަށް ކުޑަކުއްޖަކާއެކު ގަދަ ކަމުން ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ ޔުނާންގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށް ވެއެވެ. އިއްޔެ ހެނދުނުން ފެށިގެން އޭނާ ދަނީ އޭނާގެ ކޮއްކޮ ޔުނާންއާއި ރިހުލާ ހައްޔަރު ކުރަން ގޮވާލަމުންނެވެ. އަދި އެ ދެ މީހުންނަށް ދުވަަހަކުވެސް މައާފު ނުކުރާނެ ކަމަށް އޭނާ ކުރި ޕޯސްޓްތަކެއްގައި ބުނެފައިވެއެވެ. އެ ޕޯސްޓްތައް ޝެއާކޮށް ވަރަށް ގިނަ ބަޔަކު ދަނީ ފޭސްބުކާއި ޓްވިޓާގައި އެ ދެމަފިރިން ހައްޔަރުކޮށް ތުހުމަތުތައް ބެލުމަށް ގޮވާލަމުންނެވެ.

ފުލުހުން ބުނީ 15 އަހަރުގެ ކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި އެ މީހުން ހައްޔަރު ކުރުމަށް ގޮވާލާ އިއްޔެ ހަވީރު ބަޔަކު ވަނީ އެ މީހުން ދިރިއުޅެ ގެ ކައިރިއަށް ގޮސް މުޒާހަރާވެސް ކޮށްފަ އެވެ. މުޒާހަރާ ކުރަމުންދަނިކޮށް ފުލުހުން ވަނީ އެ ވަގުތު އެ ދެމީހުން ވެހިކަލަށް އަރުވައިގެން ފުލުހުންގެ އިދަރާއަށްވެސް ގެންގޮސްފަ އެވެ. ނަމަވެސް އޭރު އެ ދެމީހުން ހައްޔަރު ނުކުރާ ކަމަށާއި އެއީ އެ ދެމީހުން ހިމާޔަތަށް އެދުމުން ހިމާޔަތް ދިނީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނަހުލާގެ "ބޮސް" އިން ފިލްމީ ދާއިރާއަށް ނިކުތް ޔުނާންގެ ވާހަކަތައް އެންމެ ފަހުން އާންމުންގެ ސަމާލު ކަމަށް އައީ އޭނާގެ ދަރިފުޅު ބޭހަށް އިންޑިއާއަށް ދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދި ރައީސް ސޯލިހުގެ ރަސްމީ ގެކޮޅު މުލިއާގެ ކައިރިއަށް އެ ދަރިފުޅު ގޮވައިގެން ދިއުމުންނެވެ. ޔުނާންގެ ދަރިފުޅު ޔޫންގެ ފަރުވާއަށް ވަރަށް ގިނަ ބަޔަކު އެހީތެރިވެދީފައިވެއެވެ. ނަަމަވެސް އެ ފައިސާ އެހެން ކަންކަމަށް ބޭނުން ކޮށްފައިވާ ކަމަށް ބަޔަކު ވަނީ ތުހުމަތު ކޮށްފައެވެ. އެކަން ޔުނާންގެ އަންހެނުން ވަނީ ދޮގުކޮށްފައެވެ.