ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރާއެކު: ގާސިމް

ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރާއެކު ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ރައީސް ސޯލިހުގެ ސަރުކާރުގެ ގެނައުމަށް މަސައްކަތްކުރި ޖޭޕީއަކީ މި ސަރުކާރުގެ ކޯލިޝަންގެ މައި ހިއްސާދާރެކެވެ.

މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނެވުމަކީ ގައުމު ލަދުވެތިވާން ޖެހޭ ކަމެއް ކަމަށާ ރައީސް ޔާމީނާއެކު މަޝްވަރާއަށް ދާން ޖޭޕީ އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެ ގާސިމް ކުރެއްވި ކަމަށް ބުނާ ޓްވީޓެއްގެ ސްކްރީން ޝޮޓެއް ބަޔަކު ދަނީ ދައުރުކުރަމުންނެވެ. ނަމަވެސް އެއީ ބަޔަކު ހަދައިގެން ދައުރު ކުރަމުންދާ ސްކްރީން ޝޮޓެކެވެ.

އެކަން ފާހަގަ ކުރައްވާ ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުރުވަމުންދާ ޓްވީޓަކީ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއް ނޫން ކަމަށެވެ. ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރާއެކު ކަމަށްވެސް ވިދާޅުވިއެވެ. އަދި ފޭކް ސްކްރީން ޝޮޓްތައް ދައުރު ކުރަމުންދަނީ ގާސިމް އާއި ޖުމްހޫރީ ޕާޓީއަށް އޮތް ތާއީދު ގެއްލުވާލުމަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"ގާސިމް އާއި ޖުމްހޫރީ ޕާޓީ އޮތީ ދިވެހި ރައްޔިތުންނާއި ސަރުކާރާއެކު. މިކަން [ފޭކް ޓްވީޓް އާންމުކުރުން] ކޮށްފައި މިވަނީ ގާސިމް އާއި ޖޭޕީއަށް ކުރާ ތާއީދު ގެއްލުވާލުމަށް،"

މި ސަރުކާރުގެ ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި ޖޭޕީ އޮތްއިރު ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުން އަދި ނާއިބުންނާއި ކުންފުނިތަކުގެ އެންމެ އިސް މަގާމުތަކުގައިވެސް ޖުމްހޫރީ ޕާޓީގެ މެންބަރުން އެބަ ތިއްބެވިއެވެ.