ދައުލަތުގެ އާމްދަނީ

ރާއްޖެއަށް މިހާތަނަށް 354 މިލިއަން ޑޮލަރު ލިބިއްޖެ

Oct 6, 2020

ކޮވިޑް-19 ގެ ދަތިކަމުން އަރައި ގަތުމަށް ކުރަމުންދާ މަސައްކަތް ތަކަށް މިހާތަނަށް ރާއްޖެއަށް 354 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.4 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް، މަރުކަޒީ ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނި ގޮތުގައި މިހާތަނަށް 354 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީ މަދުވެފައި ވާތީ، ސަރުކާރުން ދަނީ މާލީ އެހީތެރިކަން ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ލޯނާއި ހިލޭ އެހީގެ ގޮތުގައި ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެ އެވެ. މިހާތަނަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވާ އެއް ގައުމަކީ އިންޑިއާ އެވެ. ނަމަވެސް އެ ގައުމުން އެހީ ދީފައި ވަނީ ފަހުން ދައްކާ ގޮތަށް ލޯނުގެ ގޮތުގަ އެވެ.

އެ ގައުމުގެ ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ވަނީ ރާއްޖޭގެ 250 މިލިއަން ޑޮލަރުގެ ބޮންޑެއް ގެނެފަ އެވެ. މި ބޮންޑުގެ ފައިސާ ދައްކަން 10 އަހަރު ލިބޭއިރު، މީގެ އިންޓްރެސްޓް ރޭޓަކީ 3.5 ޕަސެންޓެވެ.

ރާއްޖެއަށް ބޭރު ފައިސާ ލިބޭ، ވަރަކުން އެ އޮތޯރިޓީން ދަނީ ބޭރު ފައިސާގެ ބާޒާރަށް ޕްރެޝަރު ކުޑަ ކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. އެމްއެމްއޭ އިން ވަނީ މި އަހަރު ދެ ފަހަރެއްގެ މަތިން ބޭންކް ތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު މަތިކޮށްފަ އެވެ. މީގެ އިތުރުން ކާބޯތަކެތި އެތެރެ ކުރަން ބޭނުންވާ ޑިމާންޑަށް ވެސް އިތުރަށް ޑޮލަރު ފޯރުކޮށް ދީފައިވެ އެވެ. އެމްއެމްއޭ އިން އިއްޔެ ގެނައި ބަދަލާއެކު، މި އަހަރު ނިމެންދެން ޑޮލަރު ދޫކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެމްއެމްއޭ އިން ޑޮލަރު ދޫކުރާ މިންވަރު މަތި ކުރިއިރު، ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވުމާލުމާއެކު މިހާތަނަށް 20،700 ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފަ އެވެ.