ބޭރު ކުޅިވަރު

ކާރު އެކްސިޑަންޓެއްގައި ވުލްފްސްބާގްގެ ޒުވާން ކުޅުންތެރިއެއް މަރުވެއްޖެ

ޖަރުމަންގެ ވުލްފްސްބާގަށް ކުޅެމުންދިޔަ އުމުރުން 20 އަހަރުގެ މިޑްފީލްޑަރު ޖޫނިއާ މަލަންޑާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

ބެލްޖިއަމްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެމުންދާ މަލަންޑާ ވަނީ މި ސީޒަންގައި ވުލްފްސްބާގަށް 15 މެޗު ކުޅެފަ އެވެ. ބެލްޖިއަމްގެ ޒުލްޓޭ ވަރެގެމް އިން 2013 ވަނަ އަހަރު މަލަންޑާ ވިއްކާލިއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި އޭރު އޮތް ފުލަމް އާއި މިހާރު ވެސް ޕްރިމިއާ ލީގުގައި އޮތް ކްރިސްޓަލް ޕެލެސް އިން މަލަންޑާ އަށް ޝައުގުވެރިވި އެވެ. އެކަމަކު އޭނާ ނިންމީ ވުލްފްސްބާގަށް ބަދަލުވާށެވެ.

މަލަންޑާ ވުލްފްސްބާގަށް އެންމެ ފަހުން ކުޅުނު މެޗަކީ ޖަރުމަން ލީގުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު ކޮލޯން އަތުން 2-1 އިން ވުލްފްސްބާގް މޮޅުވި މެޗެވެ.

މަލަންޑާގެ މަރާ ގުޅިގެން، ބެލްޖިއަމްގެ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ވުލްފްސްބާގްގެ ކުޅުންތެރިން ވަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށްފަ  އެވެ.

"އަހަރެން މި ގެއްލުނީ ވަރަށް މޮޅު ކުޅުންތެރިއެއް އަދި ވަރަށް ރަނގަޅު މީހެއް،" ޗެލްސީ އާއި ބެލްޖިއަމްގެ ގައުމީ ޓީމުގެ ގޯލްކީޕަރު ތީބޯ ކޯޓުއާ ޓްވިޓްކޮށްފައިވެ އެވެ.

މީގެ އިތުރުން ބެލްޖިއަމް އާއި އެވަޓަންގެ ފޯވަޑް ރޮމެއޫ ލުކާކޫ އާއި ވުލްފްސްބާގްގެ ފޯވަޑް ނިކްލަސް ބެންޓްނާ އާއި ވުލްފްސްބާގާއި ބެލްޖިއަމްގެ ގައުމީ ޓީމުގެ މިޑްފީލްޑާރު ކެވިން ޑިބްރޫން އާއި ބަޔާން މިއުނިކް އާއި ޖަރުމަންގެ ގައުމީ ޓީމުގެ މިޑްފީލްޑަރު މާރިއޯ ގޮޓްޒާ އާއި ބަޔާން އާއި ޖަރުމަންގެ ޑިފެންޑަރު ޖެރޯމް ބޮއަޓޭންގަކީ މަލަންޑާ އަށް ސޯޝަލް މީޑިއާގައި އިހުތިރާމް އަދާކުރި މަޝްހޫރު ބައެއް ކުޅުންތެރިންނެވެ. – ބީބީސީ