ރައީސް މުހައްމަދު ނަޝީދު

"އަޅުގަނޑަކީ ސަރުކާރުގެ ބައިވެރިއެއް ނޫން"

Oct 7, 2020
2

ރައީސް މުހައްމަދު ނަޝީދަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ސިފަވާ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވައިފި އެވެ.

ސަރުކާރު ހިންގަން ވެރިކަމުގައި އޮތް އެމްޑީޕީގެ ރައީސް ކަމާއި ރައްޔިތުންގެ މަޖިލިސް ރައީސް ކަން ކުރައްވާ ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން އެފަދަ ވާހަކަތަކެއް އައީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރިޔާސަތަށް އަމާޒު ކުރައްވާ ރައީސް ނަޝީދުގެ ވާހަކަފުޅަކީ ސަރުކާރުގެ ސްޓޭޓްމަންޓެއްތޯ އެއްސެވެމުންނެވެ.

ސައީދު އެއްސެވީ ރާއްޖެއާ ޗައިނާއާއި ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓާ ގުޅިގެން ނަޝީދު ދެއްކެވި ވާހަކަފުޅަކީ ދިވެހި ސަރުކާރުގެ ފަރާތުން ދެއްވި ސްޓޭޓްމެންޓެއްތޯ އެވެ؟ ރައީސް ނަޝީދު އެ ސުވާލަށް ޖަވާބެއް ދެއްވި އެވެ. ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ.

"އަޅުގަނޑަކާ ދިވެހި ސަރުކާރަކާ ގުޅުމެއް ނެތް. އަޅުގަނޑާ ސަރުކާރާ ގުޅެނީ އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށް ވެފައި އަދި މިވަގުތު އަޅުގަނޑަކީ އެ ޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތްކަމަށް ވާތީވެ އަޅުގަނޑުގެ އެކުވެރި، އަޅުގަނޑު މަދަދުދޭ ސަރުކާރެއް މިވަގުތު އޮތީ. އެހެން ނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން." ނަޝީދު ވިދާޅުވި އެވެ.