އާދަމް ޝަރީފު އުމަރު

"ނަޝީދު އުޅުއްވަނީ ގޯސްތަކުން ރެކެން"

ރައީސް މުހައްމަދު ނަޝީދަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ސިފަވާ މޭރުމުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ ސަރުކާރުން ހަދަމުންދާ ގޯސްތަކުން ރެކިވަޑައިގަތުމަށް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅު ވެއްޖެ އެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރިޔާސަތަށް އަމާޒު ކުރައްވާ ރާއްޖެއާ ޗައިނާއާއި ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓާ ގުޅިގެން ނަޝީދު ދެއްކެވި ވާހަކަފުޅަކީ ދިވެހި ސަރުކާރުގެ ފަރާތުން ދެއްވި ސްޓޭޓްމެންޓެއްތޯ ސުވާލު ކުރެއްވުމުން އެމަނިކުފާނު ވަނީ އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށާ ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަކާ ދިވެހި ސަރުކާރަކާ ގުޅުމެއް ނެތް. އަޅުގަނޑާ ސަރުކާރާ ގުޅެނީ އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށް ވެފައި އަދި މިވަގުތު އަޅުގަނޑަކީ އެ ޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތްކަމަށް ވާތީވެ އަޅުގަނޑުގެ އެކުވެރި، އަޅުގަނޑު މަދަދުދޭ ސަރުކާރެއް މިވަގުތު އޮތީ. އެހެން ނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރު ފެއިލްވެއްކަން ރައީސް ނަޝީދު ގަބޫލު ކުރައްވައިފި ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރައްވަނީ ސަރުކާރުން ހަދަމުންދާ އަދި ހަދާފައިވާ ގޯސްތަކުން ރެކިވަޑައިގަތުމަށް ކަމަށެވެ.

"ރައީސް ނަޝީދު އިދިކޮޅަށް ކުޅުއްވިޔަސް ސަރުކާރުން ހަދާ ގޯސްތަކުގެ ޒިންމާ ކޯލިޝަން ލީޑްކުރާ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ނަންގަވަން ޖެހިވަޑައިގަންނަވާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ މި ސަރުކާރުގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި އެމްއާރްއެމް ހިމެނެއެވެ. ސަރުކާރު ހިންގަނީ ހަތަރު ޕާޓީ ހިމެނޭ ކޯލިޝަނުންނެވެ. އަދި ސަރުކާރަށް މަޝްވަރާ ދެއްވުމަށް ސަރުކާރު ހިއްސާވާ ކޯލިޝަންގައި ހަތަރު ޕާޓީގެ ލީޑަރުން ހިމެނިވަޑައިގަންނަވަނީ ކޯލިޝަންގެ އިސް ލީޑަރުންގެ ގޮތުގައެވެ. އެއީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިތުރުން އެމްއާރްއެމްގެ އިންތިގާލީ ރަައީސް މައުމޫން އަބްދުލްގައްޔޫމެވެ.

މި ސަރުކާރުން ކަންކަން ހިންގާނީ އެ ލީޑަރުންގެ މަޝްވަރާގެ މަތިން ކަމަށާ ސަރުކާރުން ހިންގާ އެކިއެކި ކަންކަމަށް ލީޑަރުންގެ ހިޔާލު ހޯއްދެވުމަށް ލީޑަރުންނާއެކު ރައީސް ސޯލިހާއި ނާއިބް ރަައީސް ފައިސަލް ނަސީމް ހިމެނޭހެން ބައްދަލްވުންތައް ބާއްވަވަމުން ގެންދަވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ވެރިކަމުގެ ކުރީކޮޅު ބޭއްވެވި ބައްދަލްވުންތަކަށްފަހު އިތުރު ބައްދަލްވުމެއް ބާއްވަވާފައެއް ނުވެއެވެ. ކޯލިޝަންގެ ބައެއް ލީޑަރުން ވިދާޅުވީ ބައްދަލްވުމެއް ބޭއްވެވުމަށް ކުރިން މަސައްކަތް ކުރެއްވި ނަަަމަވެސް ފަހުން އެފަދަ ބައްދަލްވުމަކަށް ރައީސް ދައުވަތުވެސް ދެއްވަވާފައިނުވާ ކަމަށެވެ. ނަަމަވެސް ވަކިވަކިން ބައެއް ލީޑަރުންނާއެކު ރައީސް ބައްދަލްވުންތައް ބާއްވަވައެވެ.