އެޓާނީ ޖެނެރަލް

ކުށުގެ ރެކޯޑް ބެލެހެއްޓުން ޑީޖޭއޭއަށް

ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހަމަޖައްސައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް އެޓަނީ ޖެނެރަލް ކަނޑައަޅަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

މިރޭ އޭޖީ އޮފީހުން ބުނީ ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކަމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ކަނޑައަޅާފައިވާ ކަމަށެވެ.

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާ ކަނޑައެޅުމާއެކު އެ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް ޑީޖޭއޭއިން ގާއިމް ކުރަންޖެހެއެވެ. މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ މިފަދަ އިދާރާއެއް މިއަދު ކަނޑައެޅިގެން ދިޔުމަކީ، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކަމާއެކު ހިންގުމަށް ކުރެވެމުންދާ މަސައްކަތުގައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް އެޓަނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.