ދުނިޔެ

އެއް ދުވަހަށް ފިންލެންޑް ބާރުތައް 16 އަހަރު ކުއްޖަކަށް

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާއި އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން މައްސަލަތަކާ ގުޅޭ ގޮތުން ބޮޑު ކެމްޕެއިނެއް ކުރަމުންދާ 16 އަހަރުގެ ފިންލެންޑް އަންހެންކުއްޖަކަށް އެއް ދުވަހަށް އެ ގައުމުގެ ބޮޑުވަޒީރުކަން ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

މި ފުރުސަތު އަންހެންކުއްޖާއަށް ލިބުނީ އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަމަށް ފިންލެންޑްގެ ލީޑަރު ސަނާ މަރިން ކުރައްވާ މަސައްކަތުގެ ދަށުން އޭނާގެ އިސް ނަންގަވައިގެން ކުރި ކަމެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ބުދަ ދުވަހު މާރިން ވަނީ އޭނާގެ މަގާމު އެއް ދުވަހަށް އާވާ މުރްޓޯ ކިޔާ މި އަންހެންކުއްޖާ އާ ހަވާލު ކުރައްވާ މަގާމުގެ ޒިންމާތަކާ ދުރުވެފަ އެވެ. އެއާއެކު 16 އަހަރުގެ އާވާ ވަނީ އެ ގައުމުގެ ސިޔާސީ މީހުންނާ ބައްދަލުކޮށް އަންހެނުންގެ ހައްގުތަކާ ބެހޭ މަޝްވަރާތައް ބާއްވާފައި ކަމަށް ބީބީސީ އިން ބުނެފައި ވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ޕްލޭން އިންޓަނޭޝަނަލްގެ "ގާލްސް ޓޭކްއޯވާ" އިނީޝިއޭޓިވްގައި ފިންލެންޑް ބައިވެރިވާ މިއީ ހަތަރު ވަނަ އަހަރެވެ. މި ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކުވެސް އެއް ދުވަހަކު އަންހެންކުއްޖަކަށް ފިންލެންޑްގެ ބޮޑުވަޒީރުކަން ކުރުމުގެ ފުރުސަތު ލިބެ އެވެ.

އެއް ދުވަހަށް ބޮޑުވަޒީރުކަން ލިބުމުން އާވާ ދެއްކި ވާހަކައިގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގޮތުން މަސައްކަތް ކުރާނެ ފުރުސަތު ލިބުމުން އެކަމާ ގުޅޭ ގޮތުން އޭނާގެ ޚިޔާލުތައް ފާޅުކޮށްފައި ވެއެވެ. ފިންލެންޑްގެ ބޮޑުވަޒީޜު މާރިން އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ ޒުވާން ބޮޑުވަޒީރެވެ. މިދިޔަ އަހަރު އެކަމަނާ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވިއިރު އުމުރުން އެންމެ 34 އަހަރެވެ.

މާރިން އަކީ ފިންލެންޑްގައި ބޮޑުވަޒީރުކަން ކުރާ ތިން ވަނަ އަންހެން ލީޑަރެވެ. އިތުރު ހަތަރު ޕާޓީއަކާއެކު ކޯލިޝަން ހަދައިގެން ވެރިކަމަށް ވަޑައިގެން މާރިންގެ ކެބިނެޓުގެ ވަޒީރުންގެ ގޮތުގައި ވެސް ތިބީ ހުސް އަންހެނުންނެވެ. މީގެ ތެރެއިން ތިން ވަޒީރަކީ އުމުރުން 35 އަހަރަށް ވުރެ ހަގު ބޭފުޅުންނެވެ.