އުމަރު ނަސީރު

"މި ފަސްގަނޑުގައި ޖަހާ މިނިވަންކަމުގެ ވިންދަކަށް ބަދަލެއް ނާދޭ"

Oct 10, 2020
3

ދިވެ ރާއްޖޭގެ ފަސްގަނޑުގައި ޖަހާ މިނިވަން ކަމުގެ ވިންދަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓާއި އިންޑިއާގެ ރާޑަރުތަކަށް ބެލުމެއްނެތި ދިވެހި ރާއްޖެއިން އިންޑިޔާ ސިފައިން ނުބާލާނެ އެއްވެސް ގޮތެއް ނޯންނާ ކަމަށް ރާއްޖޭގެ ސިޔާސީ މައިދާނުން ވަތަނީ ލީޑަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯއްދަވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އޭނާ މިއަދު ވިދާޅުވީ ދިވެހި ރާއްޖޭގެ މި ފަސްގަނޑަކީ މިނިވަންކަމުގެ ވިންދު ޖަހަޖަހާ އޮންނަ ފަސްގަޑެއް ކަމަށެވެ.

"ހެލިކޮޕްޓަރެއް، ޑޯނިޔާއެއް، ރާޑަރެއް ބެލުމެއްނެތި މި ގައުމުން އިންޑިޔާ ސިފައިން ނުބާލާނެ ހަމަ އެއްވެސް ގޮތެއް އިރާދަކުރެއްވިއްޔާ ނޯންނާނެ" ކުރީގެ ސިފައިންގެ އޮފިސަރު ވިދާޅުވި އެވެ. "މި ފަސްގަޑުން ޖަހަމުންދާ މިނިވަންކަމުގެ ވިންދަކަށް ބަދަލެއް ނާދޭ!"

ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވީ ތާރީހުގެ ސަފުހާތައް އުކާލުމުން ދިވެހި ރާއްޖެއަށް ޣައްދާރުވި ދިވެހިންނާއި ގައުމަށްޓަކައި ޖިހާދު ކުރި ބަތަލުން ފެންނަ އިރު ތިލަ ވިސްނުމުގެ ސިޔާސީ ބޭފުޅުންނާއި ގައުމީ ވިސްނުމުގެ ސިޔާސީ ލީޑަރުން ވެސް ފެނިފައިވާ ކަމަށެވެ. އަދި "އައްޔަކަސް އަނދިރިޔަކަސް މަށަށް ކީއްހޭ ބުނި މީހުނާއި ބޭރު ގައުމެއްގެ ސިފައިން ތިއްބަސް ކީއްހޭ ބުނާ މީހުން" ވެސް ރާއްޖެއިން ފެނިއްޖެ ކަމަށެވެ.

ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުން އެއީ މައްސަލައެއް ނޫން ކަމަށް ވިދާޅުވި ހަމައެކަނި ދިވެހި ވެރިޔަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނު އެހެން ވިދާޅުވީ މިދިއަ ހަފުތާގަ އެވެ.

އަުމަރު ވިދާޅުވީ ދިވެހިތާރީހު ހެކި ދޭ ކަމަކީ ދިވެހި ގައުމުގެ މިނިވަން ކަމަށް ބުރޫއަރާ ކޮންމެ ފަހަރަކު، ވެރިންގެ ތިލަ ވިސްނުންތަކާ، ބަނދެވިފައިވާ ވެރިންގެ ބަނދެވުން ތަކަށް ބެލުމެއް ނެތި މި ގައުމުގެ މިނިވަންކަން ދިފާއު ކުރަން ތެދުވާ އެތައް ދިވެހި ދަރިންނެތް މިފަސްގަޑު އުފައްދާފައިވުން ކަމަށެވެ.

"މިފަދަ ދަރިންތަކެއް އަނެއްކާވެސް މިއަންނަނީ އުފެދެމުން" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މިހާރުގެ ސަރުކާރާއި އިންޑިއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެ އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް އޮތް އޮތުން ބޮޑުވެފައިވާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ދެ ޕާޓީ އާއި ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެވެ. އަދި "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ވެސް ފުޅާކޮށްފައި ވެއެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަަދު ހާމަ ކުރުމަށް އެކި ފަރާތްތަކުން ގޮވާލި ގޮވާލުންތަކަށް ސަރުކާރުން އިޖާބަ ދީފައެއް ވެސް ނުވެއެވެ. އޭގެ ބަދަލުގައި ސަރުން ބުނީ ދިވެހިރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރައި އިންޑިއާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިދާނެ ކަމަށެވެ.