ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިޔަވަތި

ފިޔަވަތިން ޕޮޒިޓިވްވި އަދަދު 23 އަށް

ކުޑަކުދިން ބަލަހައްޓާ ފިޔަވަތިން ޕޮޒިޓިވްވީ މީހުންގެ އަދަދު 23 އަށް އަރައިފި އެވެ.

އެޗްއީއޯސީން މިރޭ ބުނީ ފިޔަވަތިން ޕޮޒިޓިވްވި މީހުންގެ ތެރެެއިން 11 މީހުންނަކީ ކެއާ ވޯކަރުން ކަމަށެވެ. ދެން ހިމެނެނީ 11 ކުދިންނެވެ. އަދި އެ ތަނުގެ ސީނިއާ ސްޓާފަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ފިޔަވަތީގައި މަސައްކަތް ކުރަމުންދާ މުވައްޒަފެއް، ރޯގާގެ އަލާމާތްތައް ހުރުމާއި ގުޅިގެން ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓް ކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެ މީހާއަކީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތް ކުރަމުން އައި މުވައްޒަފެކެވެ. ޖެންޑާ މިނިސްޓްރީން ބުނީ ޕޮޒިޓިވް ކޭސްއާ ގުޅިގެން އެ ފަންގިފިލާގެ ކުދިން ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އެންމެ ފުރަތަމަ ޕޮޒިޓިވްވި 8 ކުދިންގެ ތެރޭގައި ރިސްކް ކެޓަގަރީގެ ކުއްޖަކު ހިމެނޭތީ އެ ކުއްޖާ ކެއާވޯކަރާއިއެކު ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"އަދި ކުއްޖާގެ ހާލަތު މޮނިޓާ ކުރެވި އެދެވޭ ފަރުވާ ދެމުންދާ ކަމާއި ހާލު ރަނގަޅުކަން ދަންނަވަން. ހަމަ މިއާއި އެކު ޕޮޒިޓިވްވި އެހެނިހެން ކުދިންވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުގެ އިރުޝާދުގެ ދަށުން ފެސިލިޓީއަކަށް ބަދަލުކުރެވިފައި. އަދި މިކުދިންގެ ހާލުވެސް ރަނގަޅުކަމުގަައި ދަންނަވަން،"

ފިޔަވަތި އަކީ ގިނަ ކުދިން އެ ތަނެއްގައި ތިބޭ ޖާގައިގެ ދަތިކަން ހުރި ތަނެއް ކަމުގައިވުމުން، އެޗްޕީއޭ އަދި އެޗްއީއޯސީ އިން ކުދިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިރުޝާދު ދީފައިވާ ކަމަށާ ކަމާއި ގުޅުން ހުރި އިދާރާތަކާއި މޮނިޓަރު ކުރުމުގެ ޒިންމާ އަދާކުރާ އިދާރާތަކަށް އެންގުމަށްފަހު، ކަރަންޓީން ކުރެވުނު ފަންގިފިލާގައި ހިމެނޭ 26 ކުދިން ކެއާވޯކަރުންނާއި އެކު އިތުރު ތަނަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށްވެސް ޖެންޑާއިން ބުންޏެވެ.

"މިތަނަކީ ތިން ފަންގިފިލާއަށް ހުރި 12 ކޮޓަރި ހިމެނޭ ތަނަކަށް ވެފައި، ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ލިބޭނެކަން މި ސާވިސްއިން ޔަގީންކޮށް އަރުވަން. އަދި ކުދިންގެ ތައުލީމީކަންކަން ވެސް މި ތަނުގައި ކަށަވަރު ކުރެވޭނެ ކަންވެސް ދަންނަވަން. މި ފުރުސަތުގައި ފިޔަވަތީގައި ތިބި ކުދިންގެ ބެލެނިވެރިންނަށް އެކުދިންގެ މައުލޫމާތު ދެމުން ގެންދާނެކަމާއި ކަމުގެ ސައްހަ މައުލޫމާތު އަޅުގަނޑުމެންނާއި ގުޅިގެން ހޯދުމަށް އެންމެހާ ފަރާތްތަކަށް ވެސް އިލްތިމާސްކުރަން،" ޖެންޑާއިން ބުންޏެވެ.