ހަބަރު

ނަފްސާނީ ދުޅަހެޔޮކަމަށް ހަމައެކަނި މާލީ ހޭދައަކުން ނުފުދޭ

Oct 11, 2020

ކޮވިޑް-19 ފަދަ މުސްތަގުބަލުގައި ދިމާވެދާނެ ސިއްހީ ކާރިސާއަކުން ރައްކާތެރިވުމަށްޓަކައި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރާ ހޭދައަކީ ހަމައެކަނި މާލީގޮތުން ކުރާ އިންވެސްޓްމަންޓަކަށް ވެގެން ނުވާނެ ކަމަށާއި، ހެޔޮ ބަދަލެއް ގެންނަން ވަގުތާއި ހިޔާލާއި އިހުލާސްތެރިކަންވެސް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ)އިން އިސްނަގައިގެން އޮންލައިންކޮށް ބޭއްވި ވެބިނާގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނި މުޖުތަމައެއް އާރާސްތުކުރުމުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

މި ގޮތުން، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން އިތުރުވެފައިވާ މި ފަދަ ދަނޑިވަޅެއްގައި، އެކަމަށް ދޭ އަހަންމިއްޔަތުކަން ކުޑަ ކުރެވިއްޖެ ނަމަ، މި ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު އެއްބައި އުނިވެގެންދާނެ ކަމުގައި އެ ކަމަނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ކަމަނާ ވަނީ، ކޮވިޑް-19 އާއި ގުޅިގެން ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ނިޒާމެއް ގާއިމުކޮށްފައިވާތީ އެ ކަމާ އުފާކުރައްވާކަން ހާމަކުރައްވާފަ އެވެ.

ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ފަސްޓް ލޭޑީ ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމާ ގުޅޭ ގައުމީ ފެންވަރުގެ ސިޔާސަތުތަކެއް ވީ އެންމެ އަވަހަކަށް ތަންފީޒުވެގެން ދިޔުމަށް އުއްމީދު ކުރައްވައި ކަމަށެވެ.

އަދި، އޭގެ ސަބަބުން ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރުވެރިކަމެއް ލިބިގެންދާނެކަމަށާއި، އެ ފަދަ ބަލިތަކަށް ފަރުވާދެއްވާ ފަރާތްތަކަށް ހާއްސަކޮށްގެން "ކޯޑް އޮފް އެތިކްސް" އެކުލަވައިލެވޭނެ ކަމުގަ އެވެ.

އަދި، އެ ފަދަ ސިޔާސަތެއް އެކުލަވައިލުމާއި ތަންފީޒުކުރުމުގެ މަރުހަލާގައި، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަޑު އަހައި، އެ މީހުންގެ ހިޔާލުތަކަށް މަރުޙަބާ ކިޔުމަށް ވެސް އެ ކަމަނާ އެދިވަޑައިގެންނެވި އެވެ.