އަލްހާން ފަހުމީ

"އަދަދު ހާމަނުކުރާނަމަ މުޒާހަރާ ކުރަން ޖެހިދާނެ"

Oct 11, 2020
3

ދިވެހި ރާއްޖޭގައި އިންޑިއާގެ އަސްކަރީން ތިބި ސަބަބަކާއި އެމީހުންގެ އަދަދު އެނގުމަކީ ދިވެހި ރައްޔިތުންނަށް އޮތް ހައްގެއް ކަމަށާ ސަރުކާރުން އެކަން ހާމަ ކުރަން ދެކޮޅު ހަދާނަމަ މުޒާހަރާ ކުރަން ޖެހިދާނެ ކަމަށް މަޖިލީހުގެ ކުރީގެ މެންބަރު އަދި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހޯދުމަށް ނޫސްވެރިއަކު ވަނީ ހުށައަޅާފަ އެވެ. އެ މައުލޫމާތު ޑިފެންސް މިނިސްޓްރީން ދީފައިނުވާތީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން އެ މައުލޫމާތު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅުމުން އެ އޮފީހުން ވަނީ އާންމު އަޑުއެހުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ހާމަކުރެވިދާނެތޯ ބެލުމަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށައެޅި ކަމަށެވެ. ނަމަވެސް އެއީ ގައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތުތަކަށްވާތީ އެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަަށް ސިފައިންގެ ލަފާދޭ މަޖިލީހުން އަންގާފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމުން ރާއްޖެ-އިންޑިއާ ގުޅުމަށް ވެސް ބުރޫއަރާނެ ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވާ އަލްހާން ވިދާޅުވީ ދިވެހި ރާއްޖޭގައި އިންޑިއާގެ އަސްކަރީން ތިބި ސަބަބަކާއި އެމީހުންގެ އަދަދު އެނގުމަކީ ދިވެހި ރައްޔިތުންނަށް އޮތް ހައްގެއް ކަމަށެވެ. އަދި ސަރުކާރުން އެކަން ހާމަ ކުރަން ދެކޮޅު ހަދާނަމަ އެކަން ސާފުކޮށް އެ ތަފްސީލު ހޯދަން މަގުމައްޗަށް މުޒާހަރާއަށް ނުކުންނަން ޖެހިދާނެ ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބެނީ އެ ގައުމުގެ ސިފައިން އުދުއްސާގޮތަށް ރާއްޖެއަށް "ހަދިޔާ" ކޮށްފައިވާ ދެ ހެލްކޮޕްޓަރު ދުއްވުމަށާއި ރާއްޖޭގައި ގާއިމްކޮށްފައިވާ ދިހަ ރާޑާ ސިސްޓަމްގެ އެކި މަސައްކަތްތަކަށެވެ. ރާއްޖެ-އިންޑިއާ ގުޅުން އެހެން ލެވެލްއަކަށް ގޮސްފައިވާ ކަމަށް ބުނެ އާންމުން ގެންދަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ކެންޕެއިނެއް ހިންގަމުންނެވެ. އެ ކެންޕެއިނަށް އިދިކޮޅު ދެ ޕާޓީން ތާއީދު ކުރެއެވެ.

ދާދި ފަހުން ސިފައިންގެ ކޯސްޓްގާޑެއްގައި ބިދޭސީންތަކެއް ތިބި މަންޒަރު ފެންނަ ފޮޓޯއެއް އާންމުވެ އެކަމާއި ގުޅިގެންވެސް "އިންޑިއާ އައުޓް" ކެންޕެއިން ވަނީ ފޯރިގަދަވެފައެވެ. އެ ފޮޓޯގެ ހަގީގަތް ހޯދުމަށް އެމްއެމްޑީއެފްގައި ސުވާލު ކުުރުމުން އެކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.