ފައްޔާޒް އިސްމާއީލް

އިންޑިއާ ބޭނުންނަމަ ރާއްޖެ ހިފިދާނެ، ކުރެވޭނެ ކަމެއް ނޯންނާނެ: ފައްޔާޒް

އިންޑިއާއިން ދިވެހިރާއްޖެ ހިފަން ބޭނުންނަމަ އަދި އެ ގައުުމުގެ ދަށުގައި އޮތް ތަނަކަށް ހަދަން ބޭނުންނަމަ އެކަން މިހާރު އޮންނާނީ ކޮށްފައި ކަމަަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގައި އިންޑިއާގެ ނުފޫޒު ބޮޑުވެ، އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބޭ މައްސަލާގައި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެކަމާއި ގުޅިގެން "އިންޑިއާ އައުޓް" ގެ ނަމުގައި ކެންޕެއިނެއްވެސް ދަނީ ހިންގަމުންނެވެ.

އެ ކެންޕެއިނަށް އިޝާރާތް ކުރައްވާ ފައްޔާޒު ވިދާޅުވީ އިންޑިއާއިން ދިވެހިރާއްޖެ ހިފާ އިންޑިއާގެ ދަށުކޮށްލަން ބޭނުންނަމަ މިހާރުވެސް އެކަން އޮންނާނީ ކޮށްފައި ކަމަށެވެ. އިންޑިއާއިން އެކަން ކުރަން ދިމާކޮށްފިނަމަ ދިވެހިންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިންޑިއާއިން ރާއްޖެ ހިފަން ބޭނުންނަމަ ހުރިހާ ދިވެހިން މަރާފައިވެސް އެކަން ކުރާނެ ކަމަށް ވިދާޅުވިއެވެ.

"އިންޑިއާއިން ދިވެހިރާއްޖެ ހިފާ އިންޑިއާގެ ދަށުކޮށްލަން ބޭނުންވެއްޖިއްޔާމު އެކަން އޮންނާނީ މިހާރުވެސް ކޮށްފައި. އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ދެން މިހެެން ދަންނަވާއިރަށް ބައެއް ބޭފުޅުން ވިދާޅުވާނެ ތިމަންނަމެންގެ ސިފައިން... ސިފައިން މަަސައްކަތް ނުކުރާ ވާހަކައެއް ނޫން. އަޅުގަނޑުމެންނަށްވުރެ މާ ބާރުގަދަ ގައުމެކޭ އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑުމެން އެންމެން މަރާފަވެސް އެމީހުން ބޭނުންވެއްޖިއްޔާ ކުރާނެ،" ފައްޔާޒު ވިދާޅުވިއެވެ.

އެފަދަ ވާހަކަތައް އޭނާ ދައްކަވާތީ ސިޔާސީ އިދިކޮޅު ބޭފުޅުން އަބަދުވެސް ފާޑުވިދާޅުވާ ކަމަށާ ނަމަވެސް އޭނާ ވާހަކަދައްކަވަނީ ހަގީގަތަކަށް ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރި ގިނަ ވެރިން ހަމަހަމަ ފޮރިން ޕޮލިސީއެއް ގެންގުޅެފައިވަނީ ރާއްޖޭގެ ސްޓްރެންތް އެނގިވަޑައިގަންނަވާތީ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ގެންގުޅޭނީ އިންޑިއާ އިސްކުރުމުގެ ސިޔާސަތު ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ސަރުކާރުގައި އަޅުގަނޑުމެން ހާއްސަ އިސްކަމެއް އެބަދެން އަޅުގަނޑުމެންގެ ނެއިބަހުޑަށް. އަވަށްޓެރިންނަށް. އޭގެ ތެރެއިން 'އިންޑިއާ ފަސްޓް' ޕޮލިސީއެއް އަޅުގަނޑުމެން މި ގެންގުޅެނީ،

އިންޑިއާއިން ދިވެހިރާއްޖެ ހިފާ އިންޑިއާގެ ދަށުކޮށްލަން ބޭނުންވެއްޖިއްޔާމު އެކަން އޮންނާނީ މިހާރުވެސް ކޮށްފައި. އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ދެން މިހެެން ދަންނަވާއިރަށް ބައެއް ބޭފުޅުން ވިދާޅުވާނެ ތިމަންނަމެންގެ ސިފައިން... ސިފައިން މަަސައްކަތް ނުކުރާ ވާހަކައެއް ނޫން. އަޅުގަނޑުމެންނަށްވުރެ މާ ބާރުގަދަ ގައުމެކޭ އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑުމެން އެންމެން މަރާފަވެސް އެމީހުން ބޭނުންވެއްޖިއްޔާ ކުރާނެ
ފައްޔާޒް އިސްމާއީލް \ އިކޮނޮމިކް މިނިސްޓަރު

ފައްޔާޒު ވިދާޅުވީ ދިވެހިންގެ އުފެދުންވެސް ގުޅިފައިވަނީ އިންޑިއާ އާ ކަމަށާ ދެ ގައުމުގެ ސަގާފަތާއި އާދަކާދަތައްވެސް ދާދި އެއްގޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ޑީއެންއޭ ޓެސްޓްކޮށްލައިފިނަމަ ދާދި އެއްޗެއްހެން އަޅުގަނޑަށް ހީވަނީ ހުންނާނީ،"

މި ސަރުކާރުން އިންޑިއާއާ ކިތަންމެ ވަރަކަށް ގުޅުން ބަދަހި ކުރި ނަމަވެސް އެހެން ގައުމުތަކާއި އޮންނަ ގުޅުން ހީނަރު ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. ކުރީ ސަރުކާރަށް ފާޑު ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ މިހާރު ފެށިފައިވާ ހަނގާރަމަ ފެށުނީވެސް ކުރީ ސަރުކާރާ ހެދި ކަމަށެވެ. ޗައިނާއާ ގާތްކަން ބޭއްވި ބޭއްވީނުން އިންޑިއާ މުޅިން އެކަހެރިކޮށްލި ކަމަށް ވިދާޅުވިއެވެ.

އިންޑިއާއާ ގުޅުން ބަދަހި ކުރަން ނުޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާ ދިވެހިންގެ ބޭސްފަރުވާއާ ކާޑުގެ ބާވަތްތަކަށް ބަރޯސާވާން ޖެހެނީވެސް އިންޑިއާއަށް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެރިކަމުގައި ތިބިހާ ދުވަހަކު އިންޑިއާއާ ގުޅުން ވަރުގަދަ ވާނެ. އެކަމަކު އެއްވެސް ހާލަތެއްގައި ދިވެހިރާއްޖޭގެ އިސްތިގާލާލަށް އޭގެން އަސަރެއް ކުރާނެ އެއްވެސް ކަމެއް އަޅުގަނޑުމެނެއްވެސް ނުކުރާނެ އަދި އިންޑިއާއަކުންވެސް ނުކުރާނެ،" ފައްޔާޒު ވިދާޅުވިއެވެ.

ރޭ އަޑުގައި ފައްޔާޒު ދެއްކެވި މި ވާހަކަތަކަށް އާންމުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. ރޭގެ ޝޯގައިވެސް އޭނާ ވަނީ މި ވާހަކަތަކާއި ގުޅިގެން ފާޑުކިޔުން އަމާޒުވާނެ ކަމަށް ވިދާޅުވެފައެވެ. ދެން ވިދާޅުވީ އޭނާއަކީ އަބަދުވެސް މީހުން ރުޅި އަންނަ މީހެއް ކަމަށެވެ.