ވާހަކަ

ލޯބީގެ ކަޅުބޯލިވާ

ކައިވެނިކޮށްގެން އުޅޭ ދެ މީހުންގެ ގުޅުން ދިގު މުއްދަތަކަށް ނުވަތަ ތާއަބަދަށް ދެމިގެން ނުދަނީ ކީއްވެ ހެއްޔެވެ؟ އެމީހުންގެ ފަހުނޭވާއާ ހަމަ އަށް އެގޮތުގައި އެ ލޯބި ގަތަމުން ނުގެންދެވެނީ ކީއްވެ ހެއްޔެވެ؟

އެއް ކަމަކަށް އާދަވެ، އެއް ކަމެއްގެ ތެރޭގައި އުޅެން ޖެހުނީމަ ކަމަށް ވެސް ވެދާނެ އެވެ. އިންސާނާގެ ޠަބީޢަތަކީ މިއީ އެވެ. އެއް ކަމެއް މާ ގިނައިން ކުރަން ޖެހިއްޖެ ނަމަ ނުވަތަ އެއް ކަމެއްގެ ތެރޭގައި މާ ގިނަ ދުވަސް ހޭދަކުރަން ޖެހިއްޖެ ނަމަ އެ ކަމަކަށް ނުވަތަ އެ އެއްޗަކަށް އިންސާނާގެ ހިތުގައި ފޫހި އުފެދެން ފަށަނީ އެވެ.

"އެކަމަކު އަހަރެންގެ ހިތުގައި ސިރާޖަށް އަދިވެސް އެ ލޯބި އެބައޮތޭ. އަހަރެން މަތިން ސިރާޖު ފޫހިވީތަ؟"

ހިތުގައި ޖެހި ފެންކަޅިވެފައިވާ ހާލުގައި ވެސް ލޯތްބާއި އިހްތިރާމު ދީގެން ހުރެ ޒުލޭޚާ ކުރި އެ ސުވާލަށް ދޭނެ ޖަވާބެއް ސިރާޖުގެ އަތަކު ނެތެވެ.

"ލޯބި މަރުވީ ހެއްޔެވެ؟"
"ވަކިނުވުމަށް ބުނެ ވީ ވައުދުތަކަށް މިވީ ކިހިނެތް ހެއްޔެވެ؟"
"އަހަރެން މިއީ ހާދަހާވާ ނުބައި އާދަމުގެ ދަރިއެކެވެ."

ކޮޓަރީގެ ކުޑަދޮރުން ބޭރު ފެންނަހާ ގާތުގައި ހުއްޓިލައިގެން ހުރި ސިރާޖުގެ ހިތަށް އެރީ މިހެންނެވެ.

ތެޅިގަލުން ރާނައި ސިމެންތި ނުޖަހައި ހުރި ކޮޓަރި ތެރެއަށް ވެރިވެފައި އޮތް ފަނޑު އަލިކަމަށް ވުރެ ގަދައީ އަރައިގެން އައިސް ދިއްލިފައި އެހެރަ 14 ވިލޭރޭގެ ހަނދެވެ. ކުޑަދޮރު ކައިރީގައި ސިރާޖު ހުއްޓިލައިގެން ހުރިއިރު އޭނާ އަށް އެ މަންޒަރު ފެންނަނީ ހިޔަނީގެ ސިފައިގައި ފެންނަން ހުރި ގަހާއި އޭގެ ގޮފިތަކުގެ ތެރެއިންނެވެ.

ނަމަވެސް ޒުލޭޚާއާ ވަކިނުވުމަށް ވައުދުވި ރެއަކީ އެކަހަލަ އެއްވެސް ހުރަހެއް ނެތި ސިރާޖާއި ޒުލޭޚާގެ މޫނަށް ސާދަ ވިލޭރޭގެ އަލި އެޅިފައިވީ ރެއެކެވެ. ދެ މީހުން ވައުދުވީ ފުރިހަމަ ހަނދުގެ ސާފުކަން މަތީގަ އެވެ. ތާއަބަދަށް އެކުގައި ދިރިއުޅެން ނިންމީ ލޯބީގެ ސާފުކަން މަތީގަ އެވެ.

އެކަމަކު މިއަދު އެ ލޯބި އޮތީ ކިލަނބުވެފަ އެވެ. ސާދަ ވިލޭރޭގެ ހަނދުގެ ފުރިހަމަކަމުގައި ވެސް އެ ހިތްގައިމުކަމެއް އަދި އެ ސާފުކަމެއް ވެސް ނެތެވެ. ބަރުހެލިކަމުގައި ދެމެމުން ދިޔަ ވިލާގަނޑެއްގެ ނިވަލަށް ވަދެ ހަނދު ގެއްލުނުއިރު ކޮޓަރި ތެރެއަށް އެޅިފައި އޮތް ހަނދުވަރުގެ އަލިކަން ވެސް ކެނޑިގެން ހިނގައްޖެ އެވެ.

ސިޖާރާއި ޒުލޭޚާގެ ލޯބީގެ ގުޅުން ވެސް ކެނޑިގެން ދިޔައީ ހަމަ އެކަހަލަ ގޮތަކަށެވެ. އެހެން މީހެއްގެ ހިޔަނި އެ ދެ މީހުންގެ ދިރިއުޅުމަށް އެޅުނު ހިސާބުންނެވެ. ނުވަތަ ލޯބީގެ އެހެން ވިލާގަނޑެއްގެ ތެރެއަށް ސިރާޖުގެ ހިތް ވަދެ ގެއްލުނު ހިސާބުންނެވެ.

*** ** ***

ވާހަކައިގެ މިހައި ހިސާބަށް ދިޔައިރު އަހަރެމެންނަށް އެނގުނު އެއްޗަކީ ސިރާޖާއި ޒުލޭޚާއާ ދެމެދު އޮތް ސާފު ލޯތްބަށް ގޮތެއްވެ އޭގެ ނުބައި އަސަރު ދެ މީހުންގެ ދިރިއުޅުމަށް ނިކަން ބޮޑަށް ފޭދިގެން ގޮސްފައިވާ ކަމެވެ. އެކަމަކު ދެ މީހުންގެ ލޯބި ކަޅުބޯވިލާގަނޑެއްގެ ތެރެއަށް ވަދެ ގެއްލެން މެދުވެރި ސަބަބެއް ނޭނގެ އެވެ.

އެހެން މީހެއްގެ ހިޔަނި އެ ލޯތްބަށް އެޅުނަސް އެ ހިޔަންނަކީ ކާކުކަން ނުވަތަ ކޮބައި ކަމެއް ވެސް އަހަރެމެންނަކަށް ނޭނގެ އެވެ.

އެހެންވީމަ މާ ކުރީގެ ވާހަކައަކުން މި ވާހަކައެއް އަލުން ފަށައިގަންނަމާ ހިނގާށެވެ.

"މި ރަށް ހިތެއްގެ ސިފައިގައި އޮންނަނީ ކީއްވެގެންކަން ޒުލޭޚާ އަށް އެނގޭ ހެއްޔެވެ؟"

ޒުލޭޚާ އިށީނދެލައިގެން އިނީ ބިޔަކޮށް ހެދި ބޮޑު ސަރަހައްދަކަށް ފެތުރިފައި ހުރި ކާނި ގަހެއްގެ ހިޔަލުގަ އެވެ. ސިރާޖު އޭނާގެ އުނގުގައި ބޯ އަޅައިގެން އޮތްއިރު ޒުލޭޚާ ދިޔައީ ފުންޏަކަށްޖަހާފައި ހުރި ރަތްރީނދޫ ކާނިމަލުން ފަހަރަކު މަލެއް ރޮއްޖަކަށް އަމުނަމުން ހާރެއްގެ ސިފައަށް ގަތަމުންނެވެ.

"އަހަރެން އެހީ މި ރަށް ހިތެއްގެ ސިފައިގައި އޮންނަނީ ކީއްވެގެންކަން ޒުލޭ އަށް އެނގޭ ހެއްޔޭ،" ކާނި ވަލުން ހޮވައިގެން ގެނެސް ކައިރިއަށް އެއްކޮށްފައި ހުރި މާތަކުން މަލެއް ނަގައި ދިއްކޮށްލަމުން ސިރާޖު އަނެއްކާވެސް އަހާލި އެވެ.

"މަށަކަށް ނޭނގޭ. ކިޔައިދޭން ވީ ނޫން ތިވާހަކައެއް ވެސް،" އުނގުގައި އޮތް ލޯބިވެރިޔާ ދިއްކޮށްލި މާ އަތުލައިގެން އަމުނާލަމުން ޒުލޭޚާ ބުނެލި އެވެ.

"އެއީ އެއް ދުވަސްވަރެއްގައި މި ރަށުގައި އުޅުނު ކަމަށް ބުނާ ނިކަން ވަރުގަދަ އާޝިގަކު އޭނާގެ ލޯބި ސާބިތުކޮށްދިނުމަށް ކުރި ކަމެކޯ. އޭނާ ބުނި ކަމަށް ވަނީ، ތިބާގެ ލޯބި ހާސިލުކުރުމަށް މި ރަށުގެ ސިފަ ހިތެއްގެ ސިފައަށް ބަދަލުކުރަން ވެސް ތައްޔާރެވެ،" ސިރާޖުގެ މި ވާހަކައަަކަށް ޒުލޭޚާ ޖަހާލީ ކުރު ހިނިގަނޑެކެވެ.

"ދެން ކިހިނެކޯ އެކަން އޭނާ ކުރީ. އުދަލިން ކޮނެގެން؟،" ޒުލޭޚާގެ ގޮތުގައި އޭނާ ކޮށްލީ ޖެއްސުމެކެވެ.

"ނޫނޭ. ނޫނޭ. އުދަލިން ކޮނެވޭ ވަރަށް ވުރެ މާ ހަރު ހިތަކާއޭ އޭނާއާ ދިމާވީ. ބުނެވޭ ގޮތުގައި އެމީހާ ހިތު އަޅައިގެން އުޅުނު އަންހެން ކުއްޖާ އަކީ މި ރަށުގެ ނިކަން ބޮޑު މަހުޖަނެއްގެ ދަރިއެއް. އެހެންވުމުން އަންހެން ކުއްޖާގެ ހިތް އެހާ ފަސޭހައިން އަތުލުން މި ފިރިހެން މީހާއަށްވީ ފަސޭހަ ކަމަކަށް ނޫން،" މަލަކަށް ފަހު މަލެއް ނަގައި ދިއްކުރަމުން ސިރާޖުގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"ދެން ކިހިނެކޯވީ؟،" ޒުލޭޚާގެ އަޑުގައި އެންމެފަހުން ޝައުގުވެރިކަން ބައްދައިގަތެވެ.

"އަންހެން ކުއްޖާގެ ލޯބި ހާސިލުނުކުރެވިގެން އުޅުނު އަޝީގު ދިޔައީ އެންމެފަހުން ސިހުރުވެރިއެއްގެ ގާތަށް. ސިހުރުކަލޭގެ އެދުނީ ރަށް ވަށައިގެން ބޮޑު ހިތެއް ކުރަހަން،" ސިރާޖުގެ ވާހަކަ މެދުކަނޑާލާފައި ޒުލޭޚާގެ މޫނަށް ބަލައިލީ ލޯބިވެރިޔާގެ ޝައުގުވެރިކަން ހުރިނެތްވަރު ބަލައިލުމުގެ ގޮތުންނެވެ.

ޒުލޭޚާ ކަނޑާލީ ޗޮކެކެވެ. ދެން ސިރާޖު އަނެއްކާވެސް އޭނާގެ ވާހަކަ އަށް އެނބުރިގަތެވެ.

"މިއީ ބަލަ މި ރަށުގައި ހިނގި ކަމެކޭ. ދެން އެނގޭތަ ކޯއްޗެއް ބޭނުންކޮށްގެން އެ ހިތް ކުރަހަން ޖެހުނީ،" ސިރާޖު އަހާލި އެވެ.

ލޯބިވެރިޔާ އެއަށް އެއްޗެއް ނުބުނަނީސް ނުވަތަ ޒުލޭޚާގެ އަނގަ ހުޅުވާނުލެވެނީސް އަނެއްކާވެސް ފެށީ ސިރާޖެވެ.

"ލޭ."
"ލެޔޭ. ކާކުގެ ލެޔެއެއް؟،" ހައިރާންވެފައި ޒުލޭޚާ އަށް އަހާލެވުނެވެ.
"އާނއެކޭ. ލެޔޭ. ސިހުރު ކަލޭގެ އެދުނީ އާޝިގުގެ ގައިން ލޭ ނަގައިގެން ހިތް ކުރަހައި އަންހެން ކުއްޖާ ގޮވައިގެން ފަސް ދުވަސް ވަންދެން ލޭގެ އެ ރޮނގުމަތިން ހިންގަވަން. ފަސް ދުވަސް ވަންދެން އެގޮތަށް އަންހެން ކުއްޖާ ގޮވައިގެން ރަށް ވަށައި ނުހިނގައިފި ނަމަ ނުބައިވެގެންވާ ބާރުތަކެއްގެ އުނދަގޫ ޖެހޭނެޔޯ،" ސިރާޖު ކިޔައިދިނެވެ.

"ދެންވީ ގޮތަކީޔޯ އެ އާޝިގަށް އެކަން ނުކުރެވި ރަށް ވަށައިގެން ކުރެހި ލޭގެ ރޮނގު ކަޅުވެ އެހިސާބުގަނޑު އެއްކޮށް ކަނޑައިގެން ދިޔައީ ކަމަށް. އެހެންވެގެންނޯ މި ރަށް ވަށައިގެން ފަޅެއް ނެތި ސީދާ ކަނޑު އޮންނަނީ ވެސް. ދެން ސާދަވިލޭރެއެއްގައި އާޝިގު ގޮސް ކަނޑައަށް އެރި މަރުވީ ކަމަށް ވަނީ."

"އަންހެން ކުއްޖާ އަށްވީ ދެން ކިހިނެކޯ؟،" ޒުލޭޚާ އަހާލި އެވެ.

"ބުނެވޭ ގޮތުގައި އެންމެފަހުން އެ އަންހެން ކުއްޖާއާ އިނީ އެއްކަލަ ސިހުރު ކަލޭގެޔޯ. އަންހެން ކުއްޖާގެ ރީތިކަން ފެނި އޭނާގެ އާޝިގަށް ސިހުރު ހަދައި މަރާލީ ވެސް މި ސިހުރުކަލޭގެއެއް ކަމަށް ވަނީ،" ސިރާޖު ކިޔައިދިނެވެ.

"އަސްލުތަ،" ލޯބިވެރިޔާ ކިޔައިދެމުން ދިޔަ ވާހަކައިގެ ތެރެއަށް ވަދެ ޒުލޭޚާ ހުރީ ހަމަ ރަނގަޅަށް ވެސް ގެއްލިފަ އެވެ.

"އަދި އެނގޭތަ އެ ހުރިހާ ސިހުރެއް ހެދީ މި ކާނިވަލުތެރޭގައި ކަމަށް ވަނީ."

ސިރާޖު މިހެން ބުނިކަން ނޭނގި ދެ އަތުން އޭނާ ނަގައި އުނގުން ވައްޓާލުމަށް ފަހު މާފަތިތައް ވެސް ހޫރުވާލާފައި ޒުލޭޚާ ރަށު ތެރެއަށް ދުއްވައިގަތެވެ. އޭރު އިރުއޮއްސި ރަށު ތެރެއަށް އަނދިރިކަން ވެރިވަރީ އެވެ.

އާންމުކޮށް މި ދެ ލޯބިވެރިންގެ ދުވަސްތައް އޭރު ނިމިގެން ދިޔައީ މިކަހަލަ ކޮންމެވެސް ސަމާސާއަކުން ނުވަތަ ސަކަރާތަކުންނެވެ. ކާނިވަލުގެ ހިޔަލުގައި، ކާނި މާތަކުން ފޮނިބޮމުން ދެ މީހުންގެ ލޯބި ގަތަމުން ގެންދިޔައީ ދުރުން އައިސް ހޯދާ މީހަކަށް އެ ދެ މީހުންގެ އިހްސާސް ވެސް ނުވާހާ ސިއްރުންނެވެ.

އެކަމަކު އޭރު ވެސް ކާނިވަލުގައި މި ދެ ލޯބިވެރިންގެ ފިޔަވަޅުތަކަށް މީހަކު ފާރަލަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެއީ ޒުލޭޚާގެ ބައްޕަ އަށް ވަފާތެރި ނުވަތަ ޒުލޭޚާގެ ނެތިދިއުމަށް އަބަދު ދުޢާކޮށްލަކޮށްލަ އިންނަ އޭނާގެ ދޮންއަމާ އެވެ.

** *** **

މިހައި ހިސާބަށް އައިއިރު އަހަރެެމެންނަށް އެނގޭ އެއްޗަކީ ސިރާޖު އާއި ޒުލޭޚާގެ ސާފު ތެދުވެރި ދެ ހިތް ނިކަން ލޯބިން ގުޅުވަމުން ދިޔަ ނަމަވެސް އެކަމަށް ހަސަދަލީ ބަޔަކު ވެސް ރަށުގައި ތިބި ކަމެވެ. އެހެންވީމަ އެންމެފަހުން އެމީހުންގެ ލޯތްބަށް ވިހަލީ ކާކު ހެއްޔެވެ؟

"ސިރާޖު. ބައްޕަ އެއްގޮތަކަށް ވެސް ގަބޫލެއް ނޫނޭ އަހަރެމެން ދެ މީހުން އެކުގައި އުޅޭކަށް. އަދި އިންނާކަށް ވެސް،" ދޮންއަމާގެ ދެބައޮޑުވުމުން ނުކުތް ނަތީޖާ އަށް ފަހު ގެއިން ނުނިކުމެވި ހަފުތާއެއް ވަންދެން އޮވެފައި ގަޑިކިޔައިގެން ގޮސް ކާނި ވަލުން ސިރާޖާ ބައްދަލުވި ފުރަތަމަ ދުވަހު އޭނާގެ ގައިގައި އޮޅުލައިގެން އޮވެ ޒުލޭޚާ ބުނީ މިހެންނެވެ.

"ބައްޕަ ބުނީ ކަލޭ ތިއީ ފަގީރެކޯ. ބައްޕަގެ މުދާވެރިކަމާ ހެދި އުޅޭ ޖާހިލެކޯ."

މި ވާހަކަތަކެއް އަޑުއިވި ސިރާޖުގެ ދެ ލޯ ފެންކަޅިވެގެން ދިޔައީ އެވެ. ނަމަވެސް ބައްދައިގެން އޮތް ލޯބިވެރިޔާގެ ގައިން ދޫކޮށް ހިތްދަތިކަމެއްގެ ތެރެއަށް ވަދެ ގެއްލިގެންދާކަށް އޭނާ ބޭނުމެއް ނުވި އެވެ.

"ޒުލޭ އަށް ކެރޭނެތަ އަހަރެންނާ އެކު މި ރަށް ދޫކޮށް، އެންމެން ދޫކޮށް ފުރައިގެންދާން،" ކޮނޑުގައި ބޯ އަޅައިގެން އޮތް ލޯބިވެރިޔާގެ ފަން އިސްތަށިގަނޑާ ކުޅެމުން ސިރާޖު އަހާލި އެވެ.

އެއަށް ފަހު އޮއްސުނުއިރާ އެކު ދެ މީހުން ބޮއްކުރާއެއްގައި ޖެހިގެން އޮތް ފަޅުރަށަށް ގޮސް އެ ރަށުގައި އެއް ދުވަސް ހޭދަކުރުމަށް ފަހު އެރި އިރާއެކު ދަތުރު ފެށީ އަތޮޅުގެ އެންމެ ދެކުނު ބިތުގައި އޮތް ރަށަށް ދާށެވެ. އެއީ ސިރާޖުގެ މަންމަގެ ރަށެވެ.

ލޯތްބައްޓަކައި ހުރިހައި އެންމެންނާއި ހުރިހައި މުދާވެރިކަމަކާއި އުފަން ރަށް ވެސް ދޫކޮށް އެ ދެ ލޯބިވެރިން ދިޔައީ އެވެ.

އެއަށް ފަހު އެރި ސާދަވިލޭރޭގެ ހަނދާ އެކު ދެ މީހުން ދެމަފިރިންނަށް ބަދަލުވެގެން ދިޔައީ އެވެ. އެހެންވީމަ ދެ މީހުންގެ ލޯތްބައްޓަކައި މިވަރުގެ ބޮޑު ގުރުބާނީއެއްވި ދެ މީހެއްގެ ހިތުން އެ ލޯބި ދެމިގެންދިޔައީ ކީއްވެ ހެއްޔެވެ؟ ހަމަ އެހާ ލޯބިން ނުވަތަ އެހާ ވަފާތެރި ދެ މީހެއްގެ މެދުގައި ވެސް މައްސަަލަ ޖެހި ވަކިވާން ޖެހިދާނެ ހެއްޔެވެ؟

ވަކިވާން ޖެހިދާނެ އެވެ. ހިތުން ލޯބި ހުސްވެ އެ ހިތް ފޫހިން ފުރިވެސް ދާނެ އެވެ. މި ދެމަފިރިންނަށް އެ ހާލެއް ޖެހުނީ ހަނދުވަރު ދިން ރެއެއްގައި ތުނޑިމަތިން ބައްދަލުވި އެހެން އަންހެނެއްގެ ހިތް އޮތް ގޮތް ބެލުމަށް ސިރާޖުގެ ހިތް ތެޅިގަތް ހިސާބުންނެވެ.

އެހެންވީމަ ކުށްވެރިޔަކީ ސިރާޖެއް ނޫން ހެއްޔެވެ؟ އެންމެފަހުން އޭނާ މިވީ ޒުލޭޚާ އަދި ދެންތިބި މީހުން ވެސް ހީކުރި ކަހަލަ ފިރިހެނަކަށް ނޫންތާ އެވެ؟ ނުވަތަ މިދެމަފިރިންނަށް ޒުލޭޚާގެ ބައްޕަގެ ބަދުދުޢާ ޖެހުނީ އެވެ. ނުވަތަ ދޮންއަމާގެ ހަސަދަ އާއި ނުބައި ސިހުރުވެރިކަމުގައި ޖެހުނީ އެވެ. އެ ދޮންއަމާ ޒުލޭޚާގެ ބައްޕައާ އިނީ ވެސް ސިހުރު ހަދައިގެންނޭ މީހުން ބުނެ އުޅެ އެވެ.

އެހެންވީމަ ދޮންއަމާ ހެދި ސިހުރަކުން މިދެމަފިރިންގެ ދިރިއުޅުން ހަލާކުކޮށްލައިގެން އުޅެނީ ޖިންނިއެއް ހެއްޔެވެ؟

މިހައި ހިސާބުން މި ވާހަކައިގެ ފެށުމަށް ޖެހިލަމާ ހިނގާށެވެ.

** *** **

ސިރާޖު ހުރީ ކުޑަދޮރު ކައިރީގައި ހުއްޓިލައިގެން ބޭރަށް ބަލަހައްޓައިގެންނެވެ. ވިލާތަކެއްގެ ނިވަލަށް ވަދެ ގެއްލުނު ސާދަވިލޭރޭގެ ހަނދު އަނެއްކާވެސް އޭގެ ފުރިހަމަކަމަށް ފާޅުވެއްޖެ އެވެ. އެއާ އެކު ސިރާޖާއި ޒުލޭޚާ ތިބި ކޮޓަރި އަށް އެ ހަނދުވަރު އަލުން އެޅިއްޖެ އެވެ.

"އަހަރެންގެ ހިތަކަށް ދުވަހަކު ވެސް ނާރާ ޒުލޭޚާއާ ވަކިވާން ޖެހިދާނެއެކޭ. މިވަރަށް އަންހެނަކު ދެކެ އަހަރެން ފޫހިވެދާނެއެކޭ ވެސް،" ބޭރަށް ބަލަހައްޓައިގެން ހުރެފައި ސިރާޖު އެތެރެއަށް އެނބުރިގަތެވެ.

އަށް މަހުގެ ބަނޑާ އެކު އެނދުމަތީގައި އިށީނދެލައިގެން އިން ޒުލޭޚާގެ ލަގޮނޑިއަކަށް އިތުރަކަށް ކެތެއްނުވި އެވެ. ބަޑިފަޅައިގެން ގޮސް އޭނާ އަށް ރޮވިއްޖެ އެވެ.

"މީހުން ބުނެ އުޅެއެއް ނޫން އެއް ބަޔަކަށް ދެރައެއް ދީފައި އަނެއް ބަޔަކަށް އުފަލުގައެއް ނޫޅެވޭނެއޭ. މަންމަ އާއި ބައްޕަ ހިތުގައި ޖެއްސި ދަރިއަކަށް ދެ ދުނިޔޭގައި ވެސް އުފަލެއް ނެތޭ."

ސިރާޖު ގޮސް އެނދުކައިރި އަށް ތިރިވެ ޒުލޭޚާގެ ދެ ފައިގައި ހިފާލި އެވެ.

"އަހަންނަށް މައާފުކުރޭ ޒުލޭޚާ. އަހަރެމެން ދެ މީހުންނަށް ވަކިވުން ނޫން އެހެން ގޮތެއް ނެތް."

މިހެން ބުނެފައި ސިރާޖު ކޮޓަރިން ނުކުމެގެން ދިޔައީ އެވެ. އެއަށް ފަހު އޭނާ އެނބުރި ގެއަކަށް ނާދެ އެވެ. ދިޔަތަނެއް ވެސް ނޭނގެ އެވެ. އޭނާ ދުށް މީހަކު ވެސް ނެތެވެ.

މި ހިތްދަތިކަމެއްގެ ތެރެއަށް މި ދެމަފިރިންގެ އަލަތު ދަރިފުޅު އުފަންވިއިރު އެ ކުއްޖާގެ ފުރާނައެއް ނެތެވެ. އެ ހިސާބުން ފެށިގެން ޒުލޭޚާ ވެސް ބަލި އެނދުގައި އޮވެ މި ދުނިޔެ ދޫކޮށް ދިޔައީ އެވެ. ވޭނެއްގައި ތެޅިލަ ތެޅިލަ އޮތުމަށް ފަހު އެވެ.

މަރުވެ ދިޔައިރު އެ އަންހެނާގެ ބޮލުގައި އޮތް ދިގު ފަން އިސްތަށިގަނޑެއް ނެތެވެ. ފާރު ހެދި ދޮސްގަނެފައިވާ އެ ހަށިގަނޑު އޮތީ ހުލިވެފަ އެވެ. ހީވަނީ ނުބައި ރޫހާނީ ބާރުތަކެއް އައިސް އޭނާގެ ފުރާނަ ދަމައިގެން ގޮސްފައިވާ ހެންނެވެ.

ޒުލޭޚާގެ މަރަށް ހަފުތާއެއްވީތަކުން ރަށުގެ ގޮނޑުދޮށަށް ލައްގަން ފެށީ ދޮން ލުނބޯ އެވެ. އެތައް ހާސް ލުނބޯ އެވެ. ވީނުވީއެއްގެ ނޭނގި ގެއްލުނު ސިރާޖުގެ ހަށިގަނޑު ފެނުނީ މި ލުނބޯތަކާ އެކުގައި ލައްގާފައި ވަނިކޮށެވެ.

މީހުން ބުނެތެވެ. އެ ދެ މީހުންނަށް ޖެހުނީ ގަދަފަދަވެގެންވާ ސިހުރެކެވެ. އެކަމަކު ތުހުމަތުގެ އިނގިލި ވަކި މީހަކަށް ދިއްކުރަން ނުކެރި ސިރާޖާއި ޒުލޭޚާގެ ލޯބީގެ އެ ވާހަކަ ހިތްދަތި ނިމުމަކުން ނިމި ވަޅުލެވިގެން ދިޔައީ އެވެ.