ވިޔަފާރި

ބީސީސީން ދިވެހި އުފެއްދުންތައް ހިމެނޭ ފިހާރައެއް ހުޅުވަނީ

Oct 12, 2020

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އަންނަ މަހު ހުޅުމާލެ ސެންޓްރޯ މޯލްގައި ހުޅުވާ ދިވެހި އުފެއްދުންތަކުގެ ފިހާރާގައި އުފެއްދުންތައް ބެހެއްޓުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ލީނާ އަބްދުލް ޖަލީލް އަވަސް އަށް ވިދާޅުވި ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކުން އުފައްދާ ތަކެތި ވިއްކާ މިތަނުގައި މުޅިން ވެސް ހުންނާނީ ދިވެހި އުފެއްދުންތައް ކަމަށާ އެ ޕްރޮޑަކްޓްތައް ހިލޭ ބެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ތަނުގައި އުފެއްދުންތައް ބެހެއްޓުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް އޮންނާނެ. ޕްރޮޑަކްތައް ހިލޭ ބެހެއްޓޭނެ. ޕްރޮޑަކްޓް ވިއްކާފަ އަޅުގަނޑުމެން އެ އެޗެއްގެ އަގު ޕްރޮޑަކްޓް ބެހެއްޓި ފަރާތް ތަކަށް ދެވޭނެ،" ލީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ފިހާރައަކީ ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހުޅުވި ދިވެހި އުފެއްދުންތަކުގެ ފިހާރައެކޭ އެއްގޮތަށް އޮތެންޓިކް ދިވެހި ޕްރޮޑަކްޓްތަކުގެ ފިހާރައެއް ކަމަށެވެ.

"ފިހާރަ އަޅުގަނޑުމެން ހިންގާނީ ކުލި ދައްކައިގެން އެހެންވެ، މިތަނުގައި ޕްރޮޑަކްޓް ވިއްކާނީ ބިޒްނަސް މޮޑެލްއަކަށް ކުޑަ މާކް އަޕްއެއް ލައިގެން. ޕްރޮޑަކްޓްތައް ބެލުމަށްފަހު އޮތެކްޓިކް ދިވެހި އެއްޗެއްކަން ޔަގީން ކުރާނެ،" ލީނާ ވިދާޅުވި އެވެ.

ބީސީސީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ދިވެހި އަތްތެރިމަސައްކަތް ކުރައްވާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބީސީސީ އިން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 22 ގެ ކުރިންމިކަމަށް އެދި ޕްރޮޕޯސަލް އާއި އެހެނިހެން ލިޔެކިއުންތައް އެ ކުންފުނީގެ އީ-މެއިލްއަށް ފޮނުވަން ވަނީ އެދިފަ އެވެ.