ބޮލީވުޑް

ކަންގަނާގެ އާ ފިލްމު ފްލޮޕްވުމުން ރުޅިއައީ ސަލްމާން ދެކެ!

Oct 15, 2015
1

ވާދަވެރި ބޮލީވުޑްގައި ގާތް ރަހުމަތްތެރިން ތިބެ ދާނެ ކަމާއި މެދު ޝައްކެވެ. ނަމަވެސް ބޮލީވުޑްގެ ގިނަ ތަރިންގެ "ބެސްޓް ފްރެންޑް" ނުވަތަ ގާތް ރަހުމަތްތެރިންނަކީ ބޮލީވުޑަށް ނިސްބަތްވާ ބައެއް ކަމަށް އެމީހުން އާންމުކޮށް ބުނާތީ އަޑުއިވެ އެވެ.

ބަތަލާ ކަންގަނާ ރަނާވަތުގެ ވިދުން ގަދަވެފައިވަނީ އޭނާ "ކުއީން" ގައި ދައްކުވައިދިން އެކްޓިން އިން ކަމުގައި ވިޔަސް، ކަންގަނާ އާއި ސުޕަސްޓާ ސަލްމާން ޚާން އާ ދެމެދު އޮންނަނީ ޒަމާންވީ އެކުވެރިކަމެކެވެ.

ސަލްމާން އަކީ ބޮލީވުޑްގެ ގިނަތަރިންނެއްގެ އޮއްސެމުން ދިޔަ ކެރިއަރު ކޮޅަށް ޖަހައިދީފައިވާ ތަރިއަކަށް ވީއިރު، އޭނާގެ ބެލުމުގެ ދަށުން ބޮލީވުޑަށް ތައާރަފުވާ ތަރިން ގިނަކަން ފާހަގަކޮށްލަން ޖެހެ އެވެ.

މީގެ އިތުރުން ވެސް ގިނަ ތަރިންނަކަށް ފިލްމުތައް ހިޔާރުކުރުމުގެ އެޑްވައިޒް ވެސް ސަލްމާން މަދުން ނަމަވެސް ދީ އުޅެ އެވެ. ނަމަވެސް މި ފަހަރު ސަލްމާންގެ ސަބަބުން ތަރިއެއްގެ އޮއްސެމުން ދިޔަ ތަރި ކޮޅަށް ޖެހުމުގެ ބަދަލުގައި ވިދުން ގަދަ ތަރިއެއް މިވަނީ އޮއްސެން ފަށާފަ އެވެ.

ކަންގަނާގެ އެންމެފަހުން ނިކުތް ފިލްމު "ކައްޓީ ބައްޓީ" އަށް ބޮކްސް އޮފީހުގައި ލިިބިގެން ގޮސްފައިވަނީ އުންމީދުވެސް ނުކުރާ ވަރުގެ ދަށް ނަތީޖާ އެކެވެ.

"ކުއީން" އަށް ފަހު ނިކުތް ކަންގަނާގެ "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އަށް ވެސް ބޮޑު ކާމިޔާބީއެއް ލިބި، ބޮލީވުޑްގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ބަތަލާއަށް ކަންގަނާ ވެފައި ވަނިކޮށް އެންމެފަހުން ރިލީޒްވި ކަންގަނާ އާއި އިމްރާން ޚާން އެކުގައި ފެނިގެންދިޔަ "ކައްޓީ ބައްޓީ" އަށް ބޮކްސް އޮފީހުގައި ކާމިޔާބު ނުލިބުމުން ކަންގަނާގެ މަގްބޫލުކަން ކޮންމެވެސް ވަރަކަށް ބެލުންތެރިންގެ މެދުގައި ވަނީ ކުޑަވެފަ އެވެ.

މިފަހަކަށް އައިސް ބޮލީވުޑްގެ "ކުއީން" އަކީ އޭނާ ކަމަށް ހުދު ކަންގަނާ ވެސް ބުނަމުން އަންނަނިކޮށް "ކައްޓީ ބައްޓީ" ފްލޮޕްވުމުން އެލަގަބު އޭނާއަށް ގެއްލިއްޖެ ކަމަށް ބުނަމުން އަންނައިރު، މިފިލްމު ފްލޮޕްވުމުން ކަންގަނާ ހިތްހަމަނުޖެހުނީ ސަލްމާން ދެކެ އެވެ.

މީގެކުރިން މި ދެތަރިންނަކީ ގާތްރަހުމަތްތެރިންނަށްވީއިރު، މިފިލްމުގެ ނާކާމިޔާބީ އާއެކު ސަލްމާން އާއި ކަންގަނާގެ ދެމެދުގައި ވަނީ ހިތްހަމަނުޖެހުން ތަކެއް އުފެދިފަ އެވެ.

"ކައްޓީ ބައްޓީ" ގައި ކަންގަނާ ކުޅެފައިވާ ޕާޔަލްގެ ރޯލު، މިފިލްމުގެ ޑައިރެކްޓަރު ނިކިލް އަދްވާނީ ސަލްމާނަށް ކިޔައިދިނުމުން މިރޯލުކުޅެން އެންމެ އެކަށީގެންވާ ތަރިއަކީ ކަންގަނާ ކަމަށް ބުނެފައިވަނީ ސަލްމާނެވެ. މީގެއިތުރުން ސަލްމާން ވަނީ ކަންގަނާ އަށް ގުޅައި މިރޯލުކުޅުމަށް އާނބަސް ބުނުމަށް ވެސް އެދިފަ އެވެ.

ކޮންމެ އަކަސް ސަލްމާން ބުނިބުނުމަށް މިފިލްމު ކުޅެން އާނއެކޭ ބުނެވުމަކީ މިއަދު ކަންގަނާ ދެކޭ ގޮތުގައި އޭނާގެ ކެރިއަރުގައި އެޅުނު އެންމެ ޅައެއްޗެވެ.

މިކަމާ ސަލްމާން ދެކެ ކަންގަނާ އިންތިހާ އަށް ހިތްހަމަނުޖެހިފައިވާއިރު، އެއްވެސް އިރެއްގައި މިފިލްމު ކުޅެން އާނއެކޭ ބުނާށޭ ސަލްމާން ނުބުނާ ކަމަށްވެ އެވެ. ސަލްމާން ނިކިލް ކުރެން މިރޯލު ކުޅުމަށް އެންމެ ރަނގަޅު ވާނީ ކަންގަނާ ކަމަށް ބުނި ކަމަށްވެ އެވެ. އަދި ކަންގަނާ މިފިލްމު ކުޅެން ސޮއިކޮށްފައިވަނީ ފިލްމުގެ ސްކްރިޕްޓް ކިޔައި އޭނާއަށް ކަމުދިޔުމުންނެވެ.

މިކަމާ ގުޅޭގޮތުން ސީދާ ސަލްމާން އަދި އެއްޗެއް ބުނެފައިނުވާއިރު، އޭނާއާއި ގާތްފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން މިވާހަކަތައް ވަނީ ދޮގުކޮށްފަ އެވެ. އަދި ވަނީ މިފިލްމު ކުޅެން ނިންމި ނިންމުމަކީ ހުދު ކަންގަނާ ނިންމި ނިންމުމެއް ކަމަށްވެސް ބުނެފައިވެ އެވެ.

އަބަދުވެސް ހިތުގައި އޮންނަ ބަސް ޖެހިލުމެއްނެތި ބުނާ ކަމަށް މަޝްހޫރު ކަންގަނާ މިފަހުން ސަލްމާންގެ "ސުލްތާން" ކުޅެން ވަގުތު ނެތް ކަމަށް ބުނެ އެވާހަކަ މީޑިއާގައި މާގަދަ އަށް ދެއްކުމުން ވެސް އޭނާ އާއި ސަލްމާނާ ދެމެދު ވަނީ ނުތަނަވަސްކަން ވެރިވެފަ އެވެ.

ކޮންމެ އަކަސް ކަންގަނާ މިވަގުތު ދެކޭ ގޮތުގައ، މިއަހަރު އޭނާގެ އިތުރު ފިލްމެއް ރިލީޒްވާން ނެތުމުން އޭނާ ވައްޓާލުމަށްފަހު އެހެން ބަތަލާއިން ކުރިއަރައިގެން ހިނގައިދާނެ އެވެ. ހުރިހާ ގޮތަކުން ވެސް ކަންގަނާ ކާމިޔާބު ތަރިއަކަށްވެ، އޭނާއާއެކު ނަން މަޝްހޫރު ޑައިރެކްޓަރުން މަސައްކަތްކުރަން ފުރުސަތެއް ލިބޭތޯ އެދިއެދި ތިއްބައި، ފްލޮޕް ފިލްމެއް އޭނާ ކުޅުމުން އެކަމުގެ އަސަރު އޭނާ ހެ ކެރިއަރަށް ކުރާނެ އެވެ.

ހާއްސަކޮށް ބޮލީވުޑަކީ ކޮންމެ ދުވަހަކު އެތައް އާ މޫނެއް ތައާރަފުވެ، އެންމެ ކާމިޔާބު ބަތަލާއަށް ވުމުގެ ރޭހުގެ ވާދަވެރިކަން ވެސް ބޮޑު ތަނަކަށްވީއިރު، ހެދޭ އެންމެ ގޯހަކުން އެންމެ އުހުން ވެއްޓެން އެއްވެސް ތަރިއަކު ބޭނުމެއް ނުވާނެ އެވެ.

ކަންގަނާ ސަލްމާންގެ ބޮލުގައި އަޅުވަމުން އަންނަ އިލްޒާމުތަކުން މިދެތަރިންގެ ދޭތެރޭގައި އޮތް ގުޅުމަށް އަސަރުނުކޮށް ނުދާނެ އެވެ.