ވިޔަފާރި

ފްލައިޓުގެ އަދަދު ރެކޯޑް އިތުރުވުމާއެކު އުންމީދެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި 11 ވަނަ ދުވަހު، ފްލައިޓު މޫވްމެންޓް އިތުރުވުމާއެކު، ޓޫރިޒަމަށް އުންމީދު އާވެ، އިތުރު ފްލައިޓްތައް އައުމުގެ ފުރުސަތު ތަނަވަސް ވެއްޖެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 11 ވަނަ ދުވަހު ރާއްޖެއަށް 147 ފްލައިޓް މޫވްމެންޓް ރެކޯޑް ކުރެވިފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ 39 ރަންވޭ މޫވްމެންޓާއި 108 ސީފްލޭން މޫވްމެންޓެވެ. މިއީ ޖުލައި 15 ގައި ބޯޑަރު ހުޅުވި ފަހުން މިހާތަނަށް އެންމެ ގިނައިން ފްލައިޓް އައި ދުވަހެވެ.

ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އިން އިންތިޒާމު ކޮށްގެން ބީބީސީ އިން ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުން، އެމްއޭސީއެލްގެ މެނޭޖަރު ހަސަން އަރީފު ވިދާޅުވީ ބޯޑަރު ހުޅުވި ފަހުން ފްލައިޓުގެ އެރައިވަލްސް 60 ޕަސެންޓަށް ވުރެ ބޮޑުތަން އިތުރު ވެފައިވާ ކަމަށެވެ.

"މިހާރު ވެސް 30 އަށް ވުރެ ގިނަ ފްލައިޓު ވަނީ އަންނަން ފައިލްކޮށްފައި... މި ފްލައިޓްތައް އައުން އޮންނާނީ ކޮވިޑް-19 އިގެ ބައްޔާއި ގުޅިގެން ދުނިޔެ އަށް އަންނަ ބަދަލަށް. އެކަމަކު ބްރިޓިޝް އެއާވޭސް 17 ގައި ފަށަން ނިންމައި. އެމިރޭޓްސްގެ ފްލައިޓުގެ ވެސް ވަނީ އިތުރުކޮށްފައި. އެމިރޭޓްސް ފްލައިޓް އިތުރު ކުރުމުން ކޮންމެ ދުވަހަކު ފްލައިޓެއް އަންނާނެ. އެހެންވެ ކުރިއަށް އޮތްތަނުގައި އުންމީދު ބޮޑު.މިހާރު ވެސް ތަފާތު 11 އެއާލައިނެއް ރާއްޖެއަށް އެބަ އާދެ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފްލައިޓުތައް އިތުރުވުމުގައި ޔަގީންކަން މުހިންމު ކަމަށާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދާދިފަހުން ލިބުނު ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) ގެ މަތީ ފެންވަރުގެ ސެޓްފިކެޓަކީ އިތުބާރު ބޮޑު ވެގެން ދިޔަ ކަމެއް ކަމަށެވެ.

ފްލައިޓުގެ އަދަދު އިތުރުވާއިރު ކޮންމެ ދުވަހަކު އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. މިހާރު އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް 600 ޓޫރިސްޓުން އާދެ އެވެ. މިހާތަނަށް 22،000 ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ މި އަހަރު 100،000 ޓޫރިސްޓުން ގެނައުމެވެ. ނަމަވެސް ކުރިން ސަރުކާރު ބުނީ މި އަހަރު 800،000 ޓޫރިސްޓުން އަންނާނެ ކަމަށެވެ.