މީހުން

މޭކަޕްގެ ފިހިން ހިތްތައް ކަތިލި ލޭކޮކާ!

  • އެންމެ ފުރަތަމަ މޭކަޕަށް އެއްވެސް ޝައުގުވެރިކަމެއް ނެތް
  • އެންމެ ފުރަތަމަ ބޭނުންވީ ނޫސްވެރިކަންކުރަން
  • ކާމިޔާބީއަށް ވާސިލުވީ މަލާމާތާއި ފުރައްސާރައިގެ ތެރެއިން

މީހުން ބުނެއުޅެއެއް ނޫން ހެއްޔެވެ؟ މީހަކު ކަމަކަށް މޮޅުވެއްޖެ ނަމަ އެކަން ހަޖަމުކުރަން އުނދަގޫވެ ފުރައްސާރައިން އެ މީހަކަށް ހަމަލާ ދޭނެ މީހުން ވެސް ތިބޭނެ އެވެ.

މަޝްހޫރު މޭކަޕް އާޓިސްޓް ރިޒްނާ އަހުމަދަކީ ވެސް އެފަދަ ފާޑުކިޔުމާއި ފުރައްސާރައިގެ ތެރެއިން ދެމިގެން ގޮސް ރާއްޖޭގެ މޭކަޕް ވިޔަފާރީގައި މިއަދު ބްރޭންޑަކަށް ވެފައިވާ ނަމެކެވެ. އެންމެފަހުން އޭނާ ގެނެސްދިނީ "ދަ ބިގް ގާލް ޕްރޮޖެކްޓް" އޭ ކިޔުނު ފޮޓޯ ސިލްސިލާ އެކެވެ. އެއީ މުޖުތަމައުގައި އޮތް ނިކަން ބޮޑު މައްސަލައެއް ކަމުގައިވާ ބޮޑީ-ޝޭމިން އާއި ބުލީއިންނާ ދެކޮޅަށް އޭނާގެ ފިހިން ދިން ވަރަށް ފުރިހަމަ ރައްދެކެވެ.

ނަމަވެސް އެކަން ބަލައިގަނެ އެ ޒިންމާދާރު މަސައްކަތަށް ތައުރީފު އޮއްސުމުގެ ބަދަލުގައި ފެނިގެން ދިޔައީ ބަޔަކު މީހުން ޒާތީ ތައައްސަބެއްގެ ތެރެއިން ގޮސް އަނެއްކާވެސް މި އާޓިސްޓާ ޖައްސާލި މަންޒަރެވެ. ކޮންމެއަކަސް މިފަހަރު މި އޮތީ އެ ވާހަކައެއް ނޫނެވެ.

ރިޒްނާ އަހުމަދު ބްރޭންޑަކަށް ބަދަލުކޮށްލި ގޮތެވެ. އޭނާ އަކީ ރާއްޖޭގެ މޭކަޕް ވިޔަފާރީގެ ބަގީޗާގެ އެންމެ ފަރި "ލޭކޮކާ" އެވެ.

ލޭކޮކާ ލުކްސްގެ ނަމުގައި މި ދާއިރާ އަށް ތައާރަފެ މި ދާއިރާ ފަތަހަކުރުމުގެ ކުރިން އޭނާ އުޅުނު ގޮތަކީ ކޮބައި ހެއްޔެވެ؟

މީހުން ބުނެ އުޅެއެއް ނޫން ހެއްޔެވެ؟ ކޭކު އަޅާ މީހުން ކޭކު ކާހިތެއް ނުވެ އެވެ. ކައްކާ އިން އެހާ ގަދަ އަކަށް ނުކަ އެވެ. އެހެންވީމަ މޭކަޕް އާޓިސްޓުން މޭކަޕެއް ވެސް ނުކުރާނެ ނޫން ހެއްޔެވެ؟

މަޝްހޫރު އަދި މަގްބޫލު މޭކަޕް އާޓިސްޓަކަށް ވުމުގެ ކުރިން ރިޒް އަކީ ވެސް މޭކަޕްގެ ކުލަތަކާ އެހާ ރައްޓެހި އަންހެން ކުއްޖެއް ނޫނެވެ. އޭނާގެ ހަޔާތް އޭނާ މޭކަޕްކުރަން ބޭނުންވީ މުޅިން އެހެން ގޮތަކަށެވެ.

"ކުޑައިރު އަޅުގަނޑަކީ ވަރަށް ޓޮމް-ބޯއިކޮށް އުޅުނު އަންހެން ކުއްޖެއް. އޭރު އެންމެ ބޭނުންވީ ޖާނަލިސްޓަކަށް ވާން. އެކަމަކު މަންމަމެން އެއްގޮތަކަށް ވެސް އެއްބަހެއް ނުވި. ބުނީ އެންމެންތަކުގެ ތެރޭގައޭ އުޅެން ޖެހޭނީ. އެހެންވީމަ ކޮންމެވެސް އެހެން މަސައްކަތެއް ކުރާށޭ."

އެހެންވީމަ ޖައްސަން ބޭނުންވި ކުލަ އޮތީ ރިޒްގެ ހަޔާތުގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް ނުޖެއްސިފަ އެވެ.

"ބޭނުންވި ގޮތަށް ނޫސްވެރިޔަކަށް ނުވެވުމުން ދެން ކަނޑައެޅީ މޭކަޕް އާޓިސްޓަކަށް ވާން. އެކަމަކު އޭރަކު މޭކަޕްކުރުމަކީ ރާއްޖޭގައި މިހާރު މިއޮތް ގޮތަށް ފުޅާވެފައި އޮތް ވިޔަފާރިއެއް ވެސް ނޫން."

ތެދެކެވެ. އޭރު އެއީ ހަމަ ދިވެހި ފިލްމު ހެދުން ކަހަލަ ކަމެކެވެ. މޭކަޕްކޮށްލަން ލިބޭނީ އަހަރަކު ދެ ތިން މީހެއްގެ މޫނެވެ.

އެހެން ނަމަވެސް ރިޒްގެ ކިބައިގައި އެންމެ ފުރަތަމަ ނެތް ޝައުގުވެރިކަން އާލާވެ މޭކަޕްގެ ކުލަ ދުނިޔެ އަށް އޭނާ ދަމައިގެން ދިޔައީ އެވެ.

"އަންހެން ކުއްޖަކަށް ވިޔަސް ކުޑައިރު ވެސް އެއްގޮތަކަށް މޭކަޕެއް ނުކުރަން އަޅުގަނޑެއް. މޭކަޕަކީ ޝައުގުވެރިކަމެއް ވެސް ނޫން އޭރަކު،" ރިޒް ކިޔައިދިނެވެ. "މޭކަޕަށް ކިރިޔާ ވެސް ޝައުގުވެރިކަމެއް އުފެދުނީ ސްކޫލްގައި އުޅެމުން ވޯކިން އެކްސްޕީރިއަންސް ފުރިހަމަކުރަން ސެލޫނަކަށް ދިއުމުން."

އޭނާ އަށް މޭކަޕްގެ ޖާދޫ ފެނުނީ އެ ސެލޫނެއްގައި ހޭދަ ކުރި ތިރީހަކަށް ދުވަސް ތެރޭގަ އެވެ. އެހިސާބުން ފެށީ މޭކަޕް އާޓިސްޓެއްގެ ހިޔާލީ ދަތުރެެވެ.

"އެންމެ ފުރަތަމަ ބޮޑު ޕްރޮޖެކްޓެއްގައި މޭކަޕްކޮށް ދިނީ އެއް ފަހަރަކު ގަލޮޅު އަވަށު އޮފީހުގެ ފްލޯޓް ބުރެއްގައި ބައިވެރިވި މީހުންތަކަށް. އެ މީހުން މޭކަޕްކުރަން ފުރުސަތު ލިބުނީ މޭކަޕްކޮށްދޭނެ އެހެން މީހަކު ނެތިގެން. އޭރު އަޅުގަނޑު އުޅެނީ ގްރޭޑް ނުވައެއްގައި. އަޅުގަނޑަށް ވެސް އެނގެނީ އަމިއްލަ އަށް ދަސްކޮށްފައި ހުރި އެއްޗެއް އެކަނި،" ރިޒް ކިޔައިދިނެވެ.

އެކަމަކު ރިޒް އަށް އޭރު އެނގިފައި ހުރި މިންވަރުން ވެސް އޭނާ އެންމެން ވެސް ސަމާލުކަން ހޯދި އެވެ.

"އެ ފްލޯޓްގައި އަށް ވަރަކަށް މީހުންގެ ގްލެމާ މޭކަޕްކޮށް ދިނިން. ދެން ވަރަށް ގިނަ މީހުންނަށް ކަމުދިޔަ އެ މޭކަޕް. އެހެން ފްލޯޓްތަކުން ފެނުނު މީހުންގެ މޭކަޕަށް ވުރެ ވެސް ރަނގަޅު ކަމަށް މީހުން ފާހަގަކޮށް އެ ވާހަކަ ބުނި."

"ދެން ހިތަށް އެރީ މިއީ ރަނގަޅު ކަމެކޭ މަސައްކަތެއްގެ ގޮތުގައި ވެސް ކުރަން."

އަމީނިއްޔާ ސްކޫލުން ގްރޭޑް ދިހައެއް ނިންމާލިއިރު ވެސް އޭނާ ހުރީ މި ހިޔާލެއްގަ އެވެ. އެއަށް ފަހު އޭލެވެލްގެ ކިޔެވުން ފެށެން ދެން އޭނާ ޓިއުޝަން ނަގައިދޭން ފެށީ ވެސް މޭކަޕް އާޓިސްޓަކަށް ވުމަށް ކުރި އުއްމީދު ހަގީގަތަކަށް ހެދުމުގެ ބޭނުމުގަ އެވެ.

އޭނާ ޓިއުޝަން ދިނީ ދިވެއްސާއި އިނގިރޭސި އާއި އިސްލާމް ފަދަ މާއްދާތަކުންނެވެ.

"ކުޑައިރު އަޅުގަނޑު އިންނާނީ ވަރަށް މަޑުން. ވަރަށް ލަދު ވެސް ގަންނާނެ. އެހާ މީހުންނަކާ ވެސް ނުގުޅޭނެ. އެކަމަކު ވެސް ސްކޫލްގައި އުޅުނުއިރު އަބަދުވެސް ބަހުގެ އެކި ކަންކަމުގައި ނިކަން ރަނގަޅުވާނެ،" އިނގިރޭސި އާއި ދިވެހިން ޓިއުޝަން ދޭން ޝައުގުވެރިވި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރިޒް ބުންޏެވެ.

މާލޭގައި އޭރު ހިންގި މަޝްހޫރު ޓިއުޝަން ސެންޓަރެއް ކަމުގައިވާ ޕްރެސްޓީޖުގައި ޕާޓް-ޓައިމްކޮށް މަސައްކަތްކޮށްގެން އޭރު އޭނާ އަށް ލިބެނީ 1500ރ. އެވެ. ރިޒް ބުނީ މޭކަޕްގެ ދާއިރާ އިން ކިޔެވުމަށް އާއިލާ މީހުން އެހީވާން ތިއްބަސް އޭނާ ބޮޑަށް ބޭނުންވީ އަމިއްލަ މަސައްކަތެއް ކޮށްގެން އޭގެ ވެސް އެހީއާ އެކު އެކަމެއް ކާމިޔާބުކުރަން ކަމަށެވެ.

ކުޑައިރު މޭކަޕަށް ނުވަތަ މޭކަޕްކުރުމަށް މާ ބޮޑު ޝައުގުވެރިކަމެއް ނެތަސް ގޯސްކޮށް މޭކަޕްކޮށްފައި ހުންނަ މީހަކު ފެނުނީމަ އެކަން ފާހަގަކުރަން ރިޒް އަށް އެނގެ އެވެ. ފަހަރެއްގައި އޭނާގެ މި ހުނަރުވެރިކަމެއްގެ ސިއްރަކީ މިއީ އެވެ.

"އޭރު ވެސް އެނގޭ ގޯސްކޮށް ކޮށްފައި ހުންނަ މޭކަޕާއި މޮޅަށް ކޮށްފައި ހުންނަ މޭކަޕް ފާހަގަކުރަން. އޭރު ކިރިޔާ ވެސް މޭކަޕްކޮށްގެން އާންމުންނަށް އެންމެ ގިނައިން ފެންނާނީ ޓީވީގައި ޚަބަރުކިޔާ މީހުން."

"އެގޮތަށް ތިބޭ މީހުން ފެނުނީމަ ހިތަށް އަރަނީ އެމީހުން މޭކަޕްކޮށްފައި އެހުރީ އަދި ނުބައިކޮށޭ. ދެން ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުމަށް އަޅުގަނޑު ދިރާސާކުރަނީ. ދެން އިންޓަނެޓުން މޭކަޕް ޓިޕްސް ނަގައި ފްލޮޕީތަކުގައި އެ މައުލޫމަތު އެއްކޮށްގެން ގެންގުޅޭނީ އޭރު."

އެ މައުލޫމާތު ބޭނުންކޮށްގެން އެންމެ ފުރަތަމަ އޭނާ ރީތިކޮށް އުޅުނީ ހުދު ފުއްގަނޑެއްހެން މޭކަޕްކޮށްލައިގެން އުޅުނު ގާތް އެކުވެރިންނެވެ.

"އޭރު ދިމާވާނެ ބައެއް ހަފުލާތަކަށް ދާއިރު ވެސް މޭކަޕްކުރާނެ ގޮތެއް ނެތިގެން އުޅޭ އެކުވެރިންނާއި ހުދު ފުއްގަނޑެއްހެން ހަދައިގެން މޭކަޕްކޮށްލައިގެން އަންނަ ކުދިން ވެސް،" ރިޒް ބުންޏެވެ.

މިހެން އުޅުމަށް ފަހު ޑިޕްލޮމާ އިން ބިއުޓީ އެންޑް ހެއާ ޑްރެސިން ކިޔަވަން އޭނާ ފުރައިގެން ދިޔައީ ސްރީ ލަންކާ އަށެވެ. އޭނާގެ މަންމަގެ ގައުމަށެވެ.

ކޯހުގައި ކިޔެވި ކްލާހުގެ ގަދަ 10އެއްގައި ހިމެނިގެން ކޮލަމްބޯގެ ފައިވް ސްޓާ ހޮޓަލެއް ކަމުގައިވާ ތާޖު ސަމަތުރާގައި ހަ މަސް ދުވަހު މަސައްކަތްކޮށްލަން ލިބުމަކީ ރިޒް ބުނާ ގޮތުން މޭކަޕްގެ ކުލަގަނޑު އޭނާގެ ގައިގައި ހިއްޕާލި ތަޖުރިބާ އެވެ.

"ކޯހަށް ވުރެ ބޮޑަށް ގިނަ އެއްޗެހި ދަސްވީ އެ ހޮޓެލްގައި ހޭދަކުރި ހަ މަސް ދުވަސްތެރޭގައި،" ރިޒް ބުންޏެވެ.

އެއަށް ފަހު މާލެ އެނބުރި އައިސް އޭނާ ގުޅުނީ ވީޓީވީއާ އެވެ. އެއީ އެ ޗެނަލް އަލަށް ހުޅުވައިގެން އުޅުނު ދުވަސްވަރެވެ. ރިޒް ވެގެން ދިޔައީ އެތަނުގެ ފުލްޓައިމް މޭކަޕް އާޓިސްޓަކަށެވެ.

އެހެންވީމަ މޫނުގެ މޭކަޕްކޮށްދިނުމުގެ އިތުރުން ހެދުން އަޅާނެ ގޮތާއި ބުރުގާ އަޅާނެ ސްޓައިލްތަކާއި ހެދުންއަޅާއިރު ހޮވަން ޖެހޭ ކުލަތައް ހޮވުމުގައި ވެސް އޭނާ ދިޔައީ އެންމެނަށް އެހީތެރިވަމުންނެވެ. ފަހަރެއްގައި އެހެން ޗެނަލްތަކުން އޭރު ފެނުނު ހޯސްޓުންނާއި ޕްރެޒެންޓަރުން ނުވަތަ ނިއުސް އެންކަރުންގެ "ލުކަށް" ވުރެ ރިޒް ތައްޔާރުކޮށްދިން "ލުކް" ގައި ތަފާތުކަމެއް ހުރީ މިހެންވެ އެވެ.

ވީޓީވީގެ ތަޖުރިބާ އަކީ މޭކަޕް އާޓިސްޓެއްގެ ގޮތުގައި ވިޔަފާރިއެއް ކުރުމަށް ރިޒް އަށް ދޮރު ހުޅުވާލަދިން ތަޖުރިބާ އެވެ. އެތަނުގައި އޭނާ މޭކަޕްނުކުރާ ދިވެހި ސެލެބްރިޓީއެއް އަދި މަޝްހޫރު ސިޔާސީ މޫނެއް ވެސް ނެެތެވެ.

"ކުރީގެ ރައީސް )މުހައްމަދު( ނަޝީދު ފިޔަވައި އެހެން ހުރިހާ ރައީސުންނާއި މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި މީހުންގެ މޭކަޕް ވެސް ހުންނާނީ ކުރެވިފައި އޭރު. ލަވަކިޔާ މީހުންނާއި ސެލެބްރިޓީންނާއި އެކްޓަރުންގެ ވެސް. އެގޮތަށް މޭކަޕްކުރެވި ގުޅުން ބަދަހިވެ އޭގެ ތެރެއިން ބައެއް މީހުންގެ ޕާސަނަލް މޭކަޕް އާޓިސްޓެ ގޮތުގައި ހުންނާނެ ބައެއް ފަހަރަށް މަސައްކަތްކުރެވިފައި،" ރިޒް ބުންޏެވެ.

އެގޮތުން އޭނާ ފާހަގަކޮށް އެންމެ ބޮޑު ޝުކުރެއް އަދާކުރި ދެ މޫނަކީ ޓީވީއެމްގެ ނިއުސް އެންކަރެއްގެ ގޮތުގައި މަޝްހޫރުވި މަރިޔަމް ވަހީދާ )މަރީ( އާއި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ އެވެ.

"މަރީ އާއި އުނޫޝާގެ ޕާސަނަލް މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރަން ލިބުމަކީ މި ދާއިރާގައި ކުރިއަރައިގެން ގޮސް ގިނަ ބަޔަކަށް އެނގޭ ނަމަކަށް ބަދަލުވާން އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ފުރުސަތު،" ރިޒް ބުންޏެވެ.

ވީޓީވީގެ ވަޒީފާ އަށް ރިޒް އެންމެފަހުން ފޫހިވީ މޭކަޕްގެ ކުލަ އޭނާގެ ދެ އަތުން ފޭދެން ފެށި ހިސާބުންނެވެ. ބައެއް ޓީވީ ޕްރޮގްރާމްތައް ހަދައި އެފަދަ ޝޯތައް ހޯސްޓްކުރަން ހަދައިގެން އެންމެފަހުން މޭކަޕަށް ވަގުތު ނުދެވި އޭނާގެ ބޯގޮވީ އެވެ.

އެ ހިސާބުުން ވަޒީފާ ދޫކޮށްލާފައި މަޑުކޮށްލީ އެވެ.

"އެހެން ހުއްޓައި ބޭބެ ގުޅާފައި ބުނީ އަންނާށޭ ސެލޫނެއް އުފައްދަން،" މިއީ އޭނާ ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުވުމުގެ ދެ ތިން ފިޔަވަޅެއް ކުރިއެވެ.

"ދެން ވިސްނީ ކޮން ނަމެއް ހެއްޔޭ ކިޔާނީ. އޭރު އެންމެން ވެސް ސެލޫން ހުޅުވައިގެން އުޅެނީ އެމީހެއްގެ ނަމާ ގުޅުވައިގެން"

"އެހެން ވިސްނަން އިންދައި ހިތަށް އެރީ ގެއަށް ކިޔައީ ލޭކޮކާގެ އޭ. އަމިއްލަ ނަން ބޭނުންނުކޮށް ތަފާތުކޮށްލަން ވެގެން އެންމެފަހުން ނިންމީ ލޭކޮކާ ލުކްސް ކިޔަން."

އެހިސާބުން ފެށިގެން ރާއްޖޭގެ މޭކަޕްގެ އުދަރެހުން މައްޗަށް އަރައިގަތުމަށް ރިޒް ފިޔަޖަހައިގަތީ އެވެ. މިއަދު "ލޭކޮކާ ލުކްސް" އެއް ނެތަސް އޭނާ އަކީ މޭކަޕްގެ މި ބަގީޗާގެ އެންމެ ހިތްގައިމު އަދި އެންމެ މަގްބޫލު ލޭކޮކާ އެވެ.

"އެންމެ އުފާވަނީ މޭކަޕް ކުރަން އަންނަ މީހާ ގޮނޑީގައި އިށީނދެލާފައި ބޭނުން ގޮތެއް ހަދާލާށޭ ބުނެލީމަ. ދެން ހަމަ އެ މީހަކު އަޅުގަނޑު ބޭނުން ގޮތަކަށް މޭކަޕްކޮށްލަން ލިބޭވިއްޔަ،" ހިނިގަނޑެއް ޖަހާލާފައި ރިޒް ބުންޏެވެ.

"އެކަމަކު ބައެއް މީހުންނަކީ އަބަދު މޭކަޕްކުރާ މީހުންނަށްވީމަ އެކަހަލަ މީހުން އައިސް ބުނާނެ މިވެނި އެވެނި ގޮތަކަށޭ މޭކަޕްކޮށްލާނީ. އޭރުން ކުޑަކޮށް ހިތްތެޅިލާނެ. ހިތަށް އަރާނީ އެމީހުން ބޭނުންވާ ގޮތަށް މޭކަޕްކުރެވޭނެހޭ."

"އެކަމަކު އެންމެން ވެސް އާންމުންކޮށް ޕްރައިވެޓްކޮށް މެސެޖުކޮށްފައި ބުނާނެ މޭކަޕް ވަރަށް ރަނގަޅޭ ވަރަށް ހިތްހަމަޖެހޭ. އަދި މިހާތަނަށް ޑިސެޕޮއިންޓެޑްވި މީހެއްގެ ކޮމެންޓެއް ނުލިބޭ. ގައިމު ވެސް އަޅުގަނޑު ގާތަކު ނުބުނޭ ކަމުނުދާ ވާހަކައެއް."