ހަބަރު

އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް

މާލޭގައި އިއްޔެ އިރުއޮއްސުނު ވަގުތު ހިނގި އެކްސިޑެންޓުގައި އަނިޔާއާއެކު ވަރަށް ބޮޑަށް ޒަހަމްވި މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އިއްޔެ ސައިކަލަކާއި ވޭނެއް ޖެހި އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގު، އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ. އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާ ވެފައި ވެއެވެ. އަނިޔާވީ ސައިކަލްގައި ތިބި ދެ މީހުނަށެވެ. އޭގެ ތެރެއިން ބޮޑަށް އަނިޔާވީ އަންހެނެކަށެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ އެ އަންހެން މީހާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށާއި ނޭވާލުމަށް އުަދަނގޫތަކެއް ހުރުމުން އޮކްސިޖަން ގުޅާފައިވާ ކަމަށެވެ. އެ މީހާ އަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުދެ އެވެ. އެކަމަކު އޭނާއާއެކު ގެންދިޔަ ފިރިހެން މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ ދުއްވުމުގައި ވޭން ކޮންޓްރޯލް ނުވެ ސައިކަލުގައި ޖެހިގެނެވެ. އެކްސިޑެންޓާއެކު ސައިކަލުގައި ތިބި ދެމީހުން ވެއްޓުނު ވަގުތު ވަގުތު ވޭން ޕޭވްމަންޓަށް އަރައިގެން ދިޔައިރު އަންހެންމީހާ ގައިގެ އެއްބައި މަތީންނެވެ. އޭގެ ސަބަބުން އޭނާގެ އެތެރެ ހައްޓާއި މޫނު މައްޗަށް ބޮޑެތި ގެއްލުންވެފައި ވެއެވެ.

ވޭން ކޮންޓްރޯލް ވެފައިވަނީ އެ ސަރަހައްދުގައި ހުރި ދަނގަޅު ހޮޅިއެއްގައި ޖެހިފަ އެވެ.