ޓެރަރިޒަމް

ހަނގުރާމައަށް ދިޔަ ދިވެއްސަކު ހައްޔަރުކޮށްފި

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށްފަހު ރާއްޖެ އައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ މީހެއް ކަމަށެވެ. އެއީ ފިރިހެނެކެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ކުރަމުންދާ ކަމަށެވެ. އަދި ހައްޔަރުކުރި މީހާގެ ބަލާ ފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަަމަށެވެ.

ސީރިއާ ހަނގުރާމައަށްދިޔަ ގިނަ އަދަދެއްގެ ދިވެހިން ވަނީ މަރުވެފައެވެ. އަދި އެމީހުންގެ އަނބިންނާއި ޅަ ދަރިން ސީރިއާގައި ތާށިވެ ހާލުގައިޖެހިފައިވެއެވެ. ސީރިއާގެ އިރު އުތުރުގައި އޮންނަ އަލް-ހޯލް ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުންދާ ދިވެހިންކަމަށް ބުނެ އެ މީހުންގެ މައުލޫމާތުތައް ހިމެނޭ ލިސްޓެއް ސޯޝަލް މީޑިއާގައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އާއްމުވެފަ އެވެ.

އެ ލިސްޓުގައި ޖުމްލަ 33 މީހެއްގެ ނަން ހިމަނާފައިވާއިރު، ހަނގުރާމައިގެ ތެރެއަށް އުފަންވެފައިވާކަމަށް ބުނާ 12 ކުޑަކުދިންގެ މައުލޫމާތު ވަނީ ހިމަނައިފަ އެވެ. އެ ލިސްޓުގައި ތިބި އަންހެނުންނަކީ ސީރިއާގެ ހަނގުރާމައިގާ ބައިވެރިވާން ދިއަ ދިވެހިންގެ އަނބިންކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ހަނގުރާމައިގާ ފިރިމީހާ މަރުވުމުން، އެހެން މީހުންނާ ކައިވެނިކުރަން މަޖުބޫރުވެ، ހާލުގައި ޖެހިފައިތިބި މީހުންކަމަށް ވެސް ދަނީ ބުނަމުންނެވެ. ނަމަވެސް އެ ލިސްޓުގެ ސައްހަކަން ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސިރިއާގައި ހިނގާ ހަނގުރާމަތަކަށް ގޮސް އެ ގައުމުގެ ރެފިއުޖީ ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ތިބި ދިވެހިން ރާއްޖެ ގެންނާނެ ކަމަށް ވިދާޅުވެފައެވެ. ސީރިއާގެ ކޭމްޕުތަކުގައި ތިބި ބައެއް ކުދީންގެ ރައްޔިތުކަން ބަލަންޖެހިފައިވާ ކަމަށާއި އެކަމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް 61 ދިވެހި ފިރިހެނުން ރާއްޖެ ދޫކޮށް ގޮސްފައިވާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ފިރިހެނުންނާއެކު ދިއަ އަންހެނުންނާއި ކުޑަކުދިންގެ އަދަދު ރަސްމީ ސިފައެއްގައި އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި ރައީސް ވިދާޅުވި މުއްދަތުގައި ސީރިއާއިން އެއްވެސް ދިވެއްސަކު ގެނުވުނުކަންވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.