ވިޔަފާރި

ހަރުމުދަލުގެ އަގު ނޭނގޭނަމަ އަމަލުކުރާނެ ގޮތް އަންގައިފި

Oct 16, 2020

ދައުލަތުގެ މުއައްސަސާ ތަކުން ހަރުމުދަލުގެ ރަޖިސްޓްރީ ބެހެލެހެއްޓުމުގައި ހަރުމުދާ ގަތް ތާރީހާއި އޭގެ އަގު ނޭނގޭނަމަ އަމަލު ކުރާނެ ގޮތް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނި ގޮތުގައި ރަޖިސްޓްރީގައިވާ ހަރުމުދަލުގެ އަގާއި ގަތް ތާރީހު ނޭނގޭނަމަ ބާޒާރުގައި އެ ވަގުތު މުދަލެއް ލިބެން ހުރި މާކެޓް ވެލިއުއަށް އަގު ކަނޑައެޅުމާއި އަގު ނޭނގޭ މުދަލާއި އެއް ވަރުގެ މުދަލެއް އެސެޓް ރަޖިސްޓްރީގައި ހުރެ އޭގެ އަގު އެނގޭނަމަ އެ އަގަކީ މުދަލުގެ އަގު ކަމުގައި ކަނޑައެޅިދާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި 1، މެއި 2009 އަކުން ފެށިގެން ޕަބްލިކް އެކައުންޓިން ސިސްޓަމް ބޭނުން ކުރަން ފެށުމާ ގުޅިގެން ދައުލަތުގެ ހަރު މުދާ ހޯދާފައިވާނީ މި ސިސްޓަމުން ކަމަށެވެ. އެހެންކަމުން އެ މުދަލަކީ ސިސްޓަމްގައި ނެތް މުދަލެއްކަން ކަށަވަރު ކުރަން ވާނެ ކަމަށެވެ. އަދި އެ ސިސްޓަމްގައި ނެތްނަމަ މާކެޓް ވެލިއުއިން އަގު ކަނޑައެޅިދާނެ ކަމަށެވެ.

ދައުލަތުގެ ހަދުމުދާ ބެލެހެއްޓުން ހަރުދަނާ ކުރަން ފިނޭންސް މިނިސްޓްރީން ނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މިނިސްޓްރީން ވަނީ ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭ ހަރުމުދާ ރަޖިސްޓްރީ ކުރަން އެދިފަ އެވެ.