ވިޔަފާރި

ވީއައިއޭ އަށް އިންޝުއަރެންސް ދޭނެ ބަޔަކު ހޯދަނީ

Oct 17, 2020
3

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އިންޝުއަރެންސުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ފަށައިފި އެވެ.

އަހަރު މިލިއަންނަށްވުރެ ގިނަ މީހުން ހިދުމަތް ހޯދާ ވީއައިއޭ ބަލަހައްޓާ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ދިވެހި ބަހާއި އިނގިރޭސި ބަހުން ކޮށްފައިވާ އިއުލާނުގައި ބުނި ގޮތުގައި އެ ކުންފުނިން ހިންގާ ވީއައިއޭއަށް އަންނަ އަހަރަށް އެއަޕޯޓް އިންޝުއަރެންސްގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ ކުންފުނިމް ބޭނުންވާ އިންޝުއަރެންސުގެ ހިދުމަތްތަކުގެ ތެރޭގައި ފޯރުކޮއްދޭންޖެހޭ "އޯލްރިސްކް އެންޑް ބިޒްނަސް އިންޓަރަޕްޝަން" އިންޝުއަރެންސް އާއި "އެއާޕޯޓް އެވިއޭޝަން ލަޔަބިލިޓީ" އިންޝުއަރެންސް އަދި "ޓެރެރިޒަމް" އިންޝުއަރެންސް ހިމެ އެވެ. މި އިންޝުއަރެންސް ތަކަކީ އެއާޕޯޓަށް އަންނަ މީހުންނާއި މުދަލާއި ހިދުމަތް ރައްކާތެރި ކުރުމަށް ނަގާ ފުލް އިންޝުއަރެންސް ކަވާ އެކެވެ.

އެމްއޭސީއެލް އިން ބުނީ މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10:15 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދޭ ކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެ ކަމަށެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެ ކަމަށެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2019 ވަނަ އަހަރު ވީއައިއޭގައި 4.3 މިލިއަން ފަސިންޖަރުންގެ މޫވްމެންޓް ރެކޯޑު ކުރެވިފައިވެ އެވެ.