ދުނިޔެ

ކުދިންތަކެއްގެ ސުވާލުތަކަށް އެސްޓޮރޮނޯޓުން ދިން ޖަވާބު

ޕާކިސްތާނުގެ ކަރާޗީގެ ސްކޫލެއްގެ ހަތަރު ވަނަ ގްރޭޑްގައި ކިޔަވާ ކުދިންތަކަކަށް އެ ކުދިންގެ ހަޔާތުގައި ވެސް ނުލިބޭ ފަދަ ބޮޑު ސަޕްރައިޒެއް ހުކުރު ދުވަހު ވަނީ ލިބިފަ އެވެ. އެމެރިކާގެ ސްޕޭސް އެޖެންސީ ނާސާގެ އެސްޓްރޮނޯޓުންނަށް އެކުދިން ފޮނުވި ސުވާލުތަކެއްގެ ޖަވާބު ލިބުނީމަ އެވެ. ސްޕޭސް އާ ގުޅޭ ގޮތުން މި ކުދިން ކުރި ވަރަށް ސާދާ އެހެނަސް މީހުންގެ ހިތާ ކުޅެލާ ކަހަލަ މި ސުވާލުތަކަށް ނާސާގެ ސްޕޭސް އެކްސްޕާޓުން އަދި އެސްޓްރޮނޯޓުން ވަނީ ހަމަ އެހާ ވެސް ސާދާކޮށް ޖަވާބު ދީފަ އެވެ.

ކަރާޗީގެ ކޯނާސްޓޯން ސްކޫލްގެ ހަތަރު ވަނަ ގްރޭޑްގެ ކުދިންތަކެއް ސްޕޭސް އާ ގުޅޭ ގޮތުން އެކުދިންގެ ހިތުގައި އުފެދިފައިވާ ސުވާޅުތަކެއްގެ ޖަވާބު ބޭނުންވި އެވެ. އަދި ނާސާގެ ސައިންސްވެރިން ކުރެން އެކުދިން ކުރަން ބޭނުންވާ ސުވާލުތައް ލިޔުނެވެ.
މި ކުދިން މިކަން އޮޅުން ފިލުވާހިތް ވެފައި ތިބިލެއް ބޮޑުކަމުން ކުދިންނަށް އެހީތެރިކަން ފޯރުކޮށް ދޭން ޓީޗަރަކު އިސްނެގި އެވެ. އަދި އެ ކުދިން ލިޔުނު ސުވާލުތައް ނާސާގެ އޮފިޝަލް ޓުވިޓާ އެކައުންޓާއި އަދި ބައެއް އެސްޓްރޮނޯޓުން ޓެގް ކޮށްފައި ޓުވީޓްކޮށްދިނެވެ.

"ހަތަރު ވަނަ ގްރޭޑްގެ މި ކުދިންކޮޅު ތި ބޭފުޅުންނާ ކޮށްލަން ބޭނުންވާ ސުވާލުތަކެއް މިއީ،" އެ ކުދިންގެ ފޮޓޯއަކާއި ސުވާލުތަކާއެކު އެ ކުދިންގެ ޓީޗަރު ކުރި ޓުވީޓްގައި ލިޔެފައި ވެއެވެ.

އިސާހިތަކު ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔެއްގެ ސަމާލުކަމަށް މި ޓުވީޓް އައިސް ގިނަ ބަޔަކު ރިޓުވީޓް ކުރަން ފެށި އެވެ. އެންމެ ފަހުން ނާސާގެ އެސްޓްރޮނޯޓުންގެ ސަމާލުކަމަށް ވެސް މި ޓުވީޓް އައިސް މި ކުދިންގެ ސުވާލުތަކަށް ޖަވާބު ދޭން ފެށި އެވެ. މި ސުވާލުތަކުގެ ޖަވާބު ފުރަތަމަ ދިނީ އެމެރިކަން ސައިންސް ޓީވީގެ ހޯސްޓް އެމިލީ ކެލެންޑްރޭލީ އެވެ. އެމިލީ އަކީ "އެކްސްޕޯރޭޝަން އައުޓާ ސްޕޭސް" އަދި "އެމިލީޒް ވޮންޑާ ލެބް"ގެ ވެސް ހޯސްޓެވެ.

އުމުރުން 10 އަހަރުގެ އަލީޝާ ނާސާގެ އެސްޓްރޮނޯޓުންނަށް ހުށަހަޅާފައިވާ ސުވާލަކީ "ސްޕޭސްޝިޕްގައި ބޭނުން ކުރަނީ ކޮންކަހަލަ ތެލެއްތޯ އެވެ؟"
މި ސުވާޅުގެ ޖަވާބު ދެމުން ކެލެންޑްރޭލީ ބުނީ ހުރިހާ ތަފާތު ވައްތަރުތަކެއްގެ ތެޔޮ ކަމަށެވެ.

"ބައެއް މަޝްހޫރު ރޮކެޓްތަކުގައި ފިއުލް އާއެކު އޮކްސިޑައިޒާ ވެސް ބޭނުންކުރޭ. މިސާލަކަށް އާރްޕީ-1 އަދި ލިކުއިޑް އޮކްސިޖަން. މި ދޭތި ކޮމްބައިން ކޮށްގެން ރޮކެޓްގައި ހުޅުހިފުވަނީ. އެ އަނދައިގެން ވަރަށް ބޮޑު (ކޮންޓްރޯލްކޮށްފައިވާ) ގޮވުމެއް ގޮވައިގެން ރޮކެޓް މައްޗަށް އަރަނީ،" އެލީޝާގެ ސުވާލަށް ޖަވާބު ދެމުން ކްލެންޑްރޭލީ ކުރި ޓުވީޓްގައި ކިޔައިދީފައި ވެއެވެ.

ނުވަ އަހަރުގެ ހާނިޔާގެ ސުވާލަކީ ޖުޕިޓާ އަށް ހަމަ ހަގީގަތުގައި ވެސް ޑައިމަންޑްގެ ވާރޭ ވެހޭތޯ އެވެ؟ މި ސުވާލުގެ ޖަވާބު ދީފައި ވަނީ އެމްއައިޓީ އިންޖިނީރެކެވެ. އޭނާ ބުނި ގޮތުގައި އެއީ އެކަށީގެންވާ ކަމެކެވެ. ދުނިޔޭގައި ޑައިމަންޑް އުފެދޭ ކެމިސްޓްރީ އައި ފިޒިކްސް ގޮތަށް ޖުޕިޓާ ކަހަލަ ޕްލެނެޓްތަކުގައި ވެސް ޑައިމަންޑް އުފެދި އަދި ޑައިމަންޑްގެ ވާރޭ ވެހޭކަމަށް ބައެއް ސައިންސްވެރިން ލަފާ ކުރާ ކަމަށް އޭނާ ބުންޏެވެ. "އެ މަންޒްރު ބަލާލަން ކިހާ މަޖާ ވާނެ ދޯ؟" ޓުވީޓް ނިންމާލަމުން ސްޕޭސް އެކްސްޕާޓް ބުނެފައި ވެއެވެ.

ދިހަ އަހަރުގެ މާހްރުކްގެ ސުވާލަށް ޖަވާބު ދިނީ ކެނެޑާ އެސްޓްރޮނޯޓް ކްރިސް ހެޑްފީލްޑެވެ. ކްރިސް އަކީ ސްޕޭސްގެ ވީޑިއޯތައް ވަރަށް ގިނައިން ޝެއާ ކުރާ މީހެކެވެ. މާހްރުކްގެ ސުވާލަކީ ބޮޑު ގޮވުމަކާއެކު ސްޕޭސް ޝަޓްލްގައި ކުއްލިއަކަށް އެހާ ބާރު ސްޕީޑްގައި މައްޗަށް އަރައިގެންދާއިރު ކުރެވެނީ ކޮން ކަހަލަ އިހްސާސެއް ތޯއެވެ؟

"މާހްރުކް. އަހަރެން ދެ ފަހަރަށް ސްޕޭސް ޝަޓްލްގައި ފްލައި ކޮށްފިން. ވަރަށް ގަދަޔަށް މީހާގެ ހަށިގަނޑު ތެޅުވޭކަމުގެ އިހްސާސް ކުރެވޭނެ. އަދި ގައި ފިތިގެން ދާނެ. ވަރަށް ގަދަޔަށް ފޯކަސް ކުރަން ޖެހޭނެ. އެހާ އުފާ ވެސް ވާނެ. އަދި ހަމަ ނަސީބު ގަދަޔޭ ވެސް ހީވާނެ،" މާހްރުކްގެ ސުވާލަކަށް ޖަވާބު ދެމުން ކްރިސް ކުރި ޓުވީޓްގައި ބުނެފައި ވެއެވެ.

ރައްޔާން ކިޔާ ކުއްޖެއްގެ ސުވާލަކަށް ވެސް ކްރިސް ޖަވާބު ދީފައި ވެއެވެ. ރައްޔާންގެ ސުވާލަކީ "ސްޕޭސް ޝަޓްލްގައި މައްޗަށް އަރައިގެން ގޮސް ގެއްލިދާނެތީ ބިރުގަނޭ ހެއްޔެވެ؟"

މި ސުވާލުގެ ޖަވާބުގައި ކްރިސް ބުނީ ގެއްލިދާނެތީ ބިރު ނުގަންނަ ކަމަށެވެ. ދުނިޔެ އޮންނަނީ ވަރަށް ކައިރިން ފެންނަން ކަމަށާއި ތަރިތައް ވެސް ފިޔަ ޖަހަޖަހާ ހުންނަތަން ފެންނަ ކަމަށެވެ. އަދި އަމިއްލަ ރަށް މަތިން ދަތުރު ކުރާއިރު ވަރަށް އަރާމު އިހްސާސް ކުރެވޭ ކަމަށް ވެސް ކްރިސް ބުންޏެވެ. އަދި އޭނާ ވަނީ ސްޕޭސްގައި ހުރެގެން އޭނާ ނަގާފައިވާ ކަރާޗީގެ ފޮޓޯއެއް ވެސް ޝެއާ ކޮށްފަ އެވެ. އަދި ރައްޔާން އަށް މި ފޮޓޯއިން އޭނާގެ ސްކޫލް ފާހަގަ ކުރެވޭތޯ ކްރިސް ސުވާލު ކޮށްފައި ވެއެވެ.

އޮކްޓޯބަރު 15 ވަނަ ދުވަހު ހެނދުނު މި ޓުވީޓްތަކުގެ ސްކްރީންޝޮޓްތައް މުޅި ސޯޝަލް މީޑިއާގައި ވައިރަލްވި އެވެ. އަދި ބައެއް މީހުން މި ސްކްރީން ޝޮޓްގައި އެ ކުދިންގެ ޓީޗަރަށް ވެސް ފޮނުވައި ދިނެވެ.

މި ކުދިންނަށް ޖަވާބުދިނުމުގެ އިތުރުން ނާސާ ސައިންސްވެރިން ވަނީ އެކުދިންނަށް ނާސާއަށް އައުމަށް ދައުވަތު ވެސް ދީފަ އެވެ. ކޮރޯނާވައިރަހުގެ ބަލިމަޑުކަން ނިމުނީމަ އެވެ.

މި ކުދިންގެ ސުވާލުތަކުގެ ޖަވާބު ނާސާ ސައިންސްވެރިން ދީފައިވަތީ އާއި އަދި ސޯޝަލް މީޑިއަގައި މި ސުވާލުތައް ވައިރަލް ވެފައިވާތީ މިކުދިންގެ ޓީޗަރު އައިމަން ވަރަށް އުފާވި އެވެ. އަދި މި ކުދިން ކުރި ސުވާލުތަކުގެ ޖަވާބު ވަކިވަކިން ސިޓީ އުރަ ތަކުގައި ބަންދުކޮށްފައި އެ ސުވާލެއް ކުރި އެވެ.

"އަހަރެން ކްލާހަށް ގޮސް ކުދިން ކައިރީގައި އެ ކުދިންގެ ސުވާޅުތަކުގެ ޖަވާބު ނާސާ ސައިންސްވެރިން އެންމެ ފަހުން ދީފި ކަމަށް ބުނުމުން މުޅި ކްލާހަށް ހަމަ ހިމޭންކަން ވެރިވެގެން ދިޔަ. ދެން އަހަރެން ފަހަރަކު ކުއްޖެއްގެ ނަން ގޮވައި އެ ކުއްޖާ އައުމުން އެ ކުއްޖާގެ ސިޓީ އުރަ އެ ކުއްޖާއާ ހަވާލުކުރީ. އެކުދިން އުފަލުން ބުނި އަހަރުމެން އެންމެންނަށް ވަކިވަކި ސިޓީ ލިބުނުހޭ،" އައިމަން ބުންޏެވެ.
މި ކުދިންގެ ސުވާލުތަކާއި އަދި ކުދިންނަށް ތިން ޖަވާބުތައް ވެސް ޓުވިޓާ ބޭނުންކުރާ މީހުންގެ ހިތަށް ވަރަށް އަސަރު ކުރުވި އެވެ. އަދި މި ކުދިންނަށް މިކަން ކުރަން މަގުފަހިކޮށްދިން ޓީޗަރަށް ވެސް ގިނަ ބަޔަކު ޝުކުރު އަދާކުރި އެވެ. އަދި އައިމަން ކަހަލަ ޓީޗަރުން ހުރިހާ ކިޔަވާ ކުދިންނަށް ލިބޭނެނަމަ ވަރަށް ރަނގަޅުވާނެކަމަށް ބުނެ ބައެއް މީހުން ޓީޗަރަށް ވެސް ވަރަށް ތައުރީފު ކޮށްފައި ވެއެވެ.